ޒުވާނުންނަށް ފަހިކޮށްދިން ފުރުސަތަކުން ކުށުގެ ރެކޯޑު ދަށްވެއްޖެ: މިނިސްޓަރު

މިނިސްޓަ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރްތިޝާމް އާދަމް-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުށުގެ ވެށިން ޒުވާނުން ދުރުކޮށް އެ ޒުވާނުން ބާރުވެރިކުރުމަށް ކުޅިވަރު ކުޅުޅެވޭނެ ގޮތައް ހަދައި ތަފާތު ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގާފައިވާ ކަމަށާއި އެ ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންގެ ކުށުގެ ރެކޯޑްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގެ މިނިސްޓަރު އިރްތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ވޭތުވެދިޔަ ތިން އަހަރު ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު މެންދުރު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުުޅު ދައްކަވަމުން މިނިސްޓަރު އިރްތިޝާމް ވިދާޅުވީ ޒުވާނުންނާއި ގުުޅުން ހުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބި ކުށުގެ ރެކޯޑްތަކުގެ އަދަދު ބޮޑުތަން މަދުވެފައިވާ ކަމަށެވެ.

"ޒުވާނުން އެދެެވޭ ގޮތެއްގައި ކުޅިވަރު ކުޅުމަށާއި ޒުވާނުން ކުށުގެ ވެށިން އަޅުގަނޑުމެން ނަގައި ޒުވާނުން ބާރުވެރިކުރުމަށް އަޅުގަނޑުމެން ވަނީ ތަފާތު ކުޅިވަރުތަކާއި ތަފާތު ޕްރޮގްރާމްތައް މުޅި ރާއްޖޭގަ ހިނގިފައި. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވޭ ޕޮލިސް ރިޕޯޓުން ވެސް އަދި އެކިއެކި ރިޕޯޓްތަކުން ވެސް މިހާރު ޒުވާނުންގެ ކުށުގެ ރެކޯޑް ދަށްވެފައިވާކަން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޒުވާނުންނަށް ހަރަދު ކުރުމަށް ކަނޑައާޅާފައިވާ 300 މިލިއަން ރުފިޔާގެ ބަޖެޓް އެންމެ އެދެވޭ ގޮތެއްގައިި ހޭދަ ހަރަދު ކުރަމުންދާ ކަމަށާއި އެއީ ލިބިގެންދާ ހިތް ހަމަޖެހުމެއް ކަމަށެވެ.

މިނިސްޓަރު އިރްތިޝާމް ވިދާޅުވީ ޒުވާނުންނާއި ގުުޅުންހުރި މަސައްކަތްތަކުގެ 80 އިންސައްތަ މަސައްކަތް މި އަހަރު ތެރޭ ނިންމުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރައީސް ޔާމީން މި އަހަރުގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކަނޑައަޅުއްވާފައިވާ ފަދައިން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތަތްތަކެއް ގާއިމްކޮށް 80 ޕަސެންޓް މަސައްކަތް ނިންމުމަށް މި ވަނީ އަމާޒުހިފާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރާއި ޒުވާނުންނަށް ކަނޑައާޅާފައިވާ ބަޖެޓް އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޒުވާނުންނަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ގާއިމު ކުރެވިފައިވާ ކަމަށާއި އެފަދަ ކަންތައްތަކުގެ ތެރެއިން މިދިޔަ ތިން އަހަރުތެރޭގައި ގިނަ ރަށްރަށެއްގައި ފުޓްސަލް ދަނޑު ގާއިމުކޮށް ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައި ދެވިފައިވާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރްތިޝާމް ވަނީ މިހާތަނަށް ޒުވާޏުންނާއި ކުޅިވަރަށް އިސްކަންދީގެންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް ސާފުކޮށްދެއްވާފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ތަކުގެ މައުލޫމާތުތައް ވެސް ވަނީ ދެއްވާފައެވެ.

comment ކޮމެންޓް