Sun Online
މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބާތުގައި، ޖުމުހޫރީ މައިދާނުގައި ބޭއްވި، ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ
މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބާތުގައި، ޖުމުހޫރީ މައިދާނުގައި ބޭއްވި، ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ނުފޫޒުން އެއްކިބާވާން ހާރިޖީ ގުޅުން ހަމަހަމަކުރަން ޖެހޭ!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

ހިމާޔަތަށް ކަމަށް ބުނެ 1887ގައި އިނގިރޭސީންގެ އަތްދަށަށް ދިވެހިން ދިޔަ އެވެ. ވަކި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ބުނެފައި ވަނީ ރާއްޖެ ދިފާއުކުރުމަށް އިނގިރޭސީންގެ ލަޝްކަރެއް ބޭނުންވެއްޖެ ކޮންމެ ތައްޔާރީއެއް ކުރުމާއި އެފަދަ ކަމެއް ދެމެހެއްޓުމުގެ ހައްގު އިނގިރޭސި ދައުލަތަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖެ އިނގިރޭސީންގެ އަތް ދަށަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

އެ ހިމާޔަތުގެ އެއްބަސްވުމުގެ އެންމެ އަސާސީ ނުކުތާއަކީ، ދިވެހީންގެ ދާޚިލީ ކަންކަމާ އިނގިރޭސި ދައުލަތުން ނުބެހުމެވެ. ނަމަވެސް ކަން ހިނގީ ދިމާ އިދިކޮޅަށެވެ. ރާއްޖެ މިނިވަން ކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އަދި އޭރުގެ ހާލަތު އެންމެ ކައިރިިން ދުށް އަލްމަހުރޫމް އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވި ގޮތުގައި އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވީ އަޅުވެތިކަމުގެ އިހުސާސްތަކެއް ކޮށްފަ އެވެ.

ދިވެހިންތަކެއް ދިވެހި ދިދަ ހިފައިގެން ރާއްޖެއަށް ސަޕޯޓް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކިތަންމެ ކަމެއް ހުންނާނެ އިނގޭތޯ، ލިޔުމުގައި ދާޚިލީ ކަންކަމަކާ ނުބެހެވޭ ނަމަވެސް މުހިންމު ދާޚިލީ ކަމެއް އެ މީހުން [އިނގިރޭސީން] ސީދާ އަދި ނުސީދާ ގޮތަކަށް ނުބެހޭ ކަމެއް އަޅުގަނޑަށް ހީވަނީ މަދުވެފައިހެން އޮންނަނީ،" އޭރު ލަންކާގައި ދިވެހި ސަފީރަކަށް ހުންނެވި އަބްދުއްސައްތާރު ވިދާޅުވި އެވެ.

އެއީ ދިވެހީން ކުރި އެންމެ ބޮޑު އެއް ތަޖުރިބާ އެވެ. ދުނިޔެ ތާރީހުގައި އާ ތަޖުރިބާއެއް ނޫނެވެ. "ޖިއޯޕޮލިޓިކްސް"ގެ ތެރެއިން ދުނިޔޭގެ ބާރުވެރިކަން ހޯދުމަށް އެއްގައުމުން އަނެއް ގައުމަށް ފޮނުވާ ނުފޫޒަކީ ހިނގަމުން އަންނަ ކަންކަމެވެ. ލެޓިން އެމެރިކާގެ ގައުމުތަކަށް އެމެރިކާގެ ނުފޫޒުގެ ސަބަބުން ކުރިއަރައި ނުދެވިވާ ސަބަބު އެއީ އޭގެ އެއް މިސާލެވެ. އެމެރިކާ އިން ބޭނުންހާ އެއްޗެއް ހަދަން ގެންގުޅޭ ކުޅިބަޔަކަށް އެގައުމުތައް ހަދާނެ ކަމަށް އެމެރިކާގެ ވެރިން ދިޔައީ ބުނަމުންނެވެ.

ރާއްޖެއަށް ބަލާއިރު ގައުމު ކުޑަ ނަމަވެސް ނުފޫޒުތަކުގެ އަސަރުބޮޑެވެ. ރާއްޖޭގެ އަވައްޓެރި ގައުމުތައް ކަމަށްވާ ޕާކިސްތާނާއި ބަނގުލަދޭޝް ފަދަ ގައުމުތަކަށް އަވައްޓެރި ބޮޑު ގައުމަކުން ނުފޫޒު ފޯރުވާ ފަދައިން ރާއްޖެއަށް ނުފޫޒް ފޯރުވަން ކުރާ މަސައްކަތްތައް ވެސް ގިނަ އެވެ. ރާއްޖޭގެ ކޮންމެ ވެރިކަމަކީ އެގައުމެއްގެ ރުހުން އޮވެގެން ނުވަތަ އެގައުމެއް ބުނާހާ ގޮތަކަށް ކުރާ ކަމަކަށް ހަދަން މަޖުބޫރުކުރުވާ ފަހަރު އަންނައިރު އެކަމަށް ހައްލެއް ބޭނުންވެ އެވެ.

ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ އިދާރާއެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެކިއެކި ނުފޫޒު ފޯރުވައި އެމީހުންގެ ބާރު ހިންގާ ގައުމަކަށް ރާއްޖެ ހެދުމަށް އެގައުމަކުން ކުރާ މަސައްކަތް ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގެންގުޅުމެވެ.

"ފޮރިން ޕޮލިސީގެ ތެރެއިން ބެލެންސެއް ގެންގުޅެން ޖެހޭ، ވަކި ގައުމަކަށް ފުރުސަތު ނުދީ ރާއްޖޭގައި ކަންކަން ކުރުމުގެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ގޮތެއްގެ މަތިން ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރާ ގައުމުތަކުން ތަފާތު އެކިއެކި ގޮތްގޮތް ބޭނުންކުރެ އެވެ. ބައެއް ފަހަރު އިންވެސްޓްމަންޓެވެ. އަނެއް ބައިފަހަރު މިލިޓަރީ ބޭސްތަކެވެ. ނުވަތަ ތައުލީމް ނުވަތަ މީޑިއާ މެދުވެރިކޮށް ވެސް އަތްގަދަ ކުރަން އުޅުމަކީ ޖިއޯޕޮލިޓިކްސްގެ ތެރެއިން ކަންކުރަމުން އަންނަ ގޮތެކެވެ.

"އިންވެސްޓުމަންޓްތަކަކީ ވަރަށް މުހިންމު ކަންކަން، އެފުރުސަތުތައް ވެސް ދޭންޖެހޭނީ ވަކި ބަޔަކަށް ގައުމުގެ ކަންކަން ކޮންޓުރޯލް ނުނެގޭނެހެން. ހުރިހާ ގައުމުތަކަށް ވެސް ފުރުސަތު ލިބޭގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެގޮތަށް އަމަލު ކުރަން ޖެހޭ ކަމުގެ ހެކި ރާއްޖޭގެ ތާރީހުން ފެންނަން އެބަހުއްޓެވެ. ވަކި ބަޔަކަށް އިގްތިސާދީ ދާއިރާގެ ކޮންޓުރޯލް ދިނުމުންކަންވާ ގޮތުގެ މިސާލަކީ 1857 ވަނަ އަހަރު އުތުރު ހުޅަގު އިންޑިއާ އިން ރާއްޖެއައި ވޯރާ ވިޔަފާރިންގެ ހާދިސާ އެވެ. އެބައި މީހުންނަށް ރާއްޖޭގައި ވިޔަފާރިކުރަން ތިބުމުގެ ހުއްދަ ދިނުމާ އެކު ދިވެހިންގެ ވިޔަފާރި ހުއްޓުވައި ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލް ނެގި އެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ކަންކަމަށް އެމީހުން ބަސް ކިޔުމެވެ.

ކޮންމެ އަކަސް ގައުމުތަކުން ބާރު ދުވެލީގައި ނުފޫޒް އެބަފޯރުވަ އެވެ. ސިޔާސީ ކަންކަމާއި ދިވެހިންގެ މިނިވަންކަމަށް ބަސްކިޔަން މަސައްކަތް އެބަކުރެ އެވެ. އެކަން ހުއްޓުވުމަށް ދުރާލައި ރޭވިގެން ކަންކަން ކުރަންޖެހެ އެވެ. އޭގައި އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖޭގައި އިސްވެސްޓްކުރުމާއި އެހެނިހެން ފުރުސަތުތައް ގައުމުތަކުގެ މެދުގައި ހަމަހަމަކޮށް ދިނުމެވެ.

×
DB released.