ނާދީ އާއި އޯޑިއޯންގައި ޓާޓާއިން ފްލެޓު އަޅަން ހެދި އެއްބަސްވުން ބާތިލު ކޮށްފި

ސަރުކާރު މުވައްޒަފުންގެ ނާދީގެ އިމާރާތް ކުރިން ހުރި ބިން -- ސަން ފައިލް ފޮޓޯ

ހެންވޭރު ނާދީ ހުރި ބިމާއި މާފަންނު އޯޑިއޯން ހުރި ބިމުގައި ލަގްޒަރީ ފްލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.

އެ ބިންތަކުގައި ފްލެޓު އެޅުމުގެ މަސައްކަތް ނުފެށި ލަސްވެފައި ވީ އިރު ދާދި ފަހުން ސަރުކާރުން ވަނީ، އެއްބަސްވުން ބާތިލުކުރާނެ ކަމުގެ ނޯޓިސް ޓާޓާއަށް ދީފައެވެ. ނޯޓިސް ދީފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު އެ ދެ ބިމުގައި ފްލެޓު އެޅުމަށް ބިންގާވެސް ވަނީ އަޅައިފައެވެ. އެ ބިންގާ އަޅައިދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއެވެ.

ނާދީއާއި އޯޑިއޯންގައި އަޅަނީ ލަގްޒަރީ ފްލެޓެވެ. ނާދީގައި އަޅާ ފްލެޓުތަކަށް ކިޔަނީ "ނާދީ"އެވެ. އަދި އޯޑިއޯންގައި އަޅާ ފްލެޓުތަކަށް ކިޔަނީ "ލަގްޒާ ވަން"އެވެ.

ހައުސިންގް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ޓާޓާއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާ އެއްގޮތަށް ވެސް ޓާޓާއިން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ސަރުކާރަށާއި ޓާޓާޢަށް ވެސް ގެއްލުންތަކެއް ލިބޭނެ ފުރުސަތެއް ދިނުމަށް ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިހިސާބަށް އައި އިރު އެކަންކަން ނުކޮށް އެރުމުން އެއްބަސްވުން ބާތިލުކުރުމަށް. އެގްރީމެންޓުގައި ހުރި މާއްދާތަކަށް ރިޢާޔަތްކޮށް މިގޮތަށް މިކަން ނިންމައި، މިހާރު ވާނީ އެކަން އެފަރާތަށް އަންގާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މިކަން މިއަދު ހާމަކުރި އިރު، ޓާޓާއިން އޯޑިއޯންގައި އަޅާ "ލަގްޒާ ވަން" ފްލެޓުތައް ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެން ނަމަވެސް ފަހު ވަގުތު އެ ޖަލްސާ ވަނީ ރޭ ކެންސަލް ކޮށްފައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ނާދީއާއި އޯޑިއޯންގައި އިމާރާތް ކުރުމުގެ ފުރުސަތު އެ ޓާޓާއަށް ދެން ނުލިބޭނެ ކަމަށާއި، އެގްރިމެންޓް ބާތިލުކުރުމުން ދެން ކުރަންޖެހޭ މަޝްވަރާތައް ކޮށް، ސެޓްލްމެންޓް އެގްރިމެންޓެއް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޓާޓާއިން ގާކޮށްޓާއި އަރަބިއްޔާ ބިމުގައި ހެދި ސޯޝަލް ހައުސިންގް ފްލެޓުތައް ވެސް ހަދާފައިވަނީ ސަރުކާރުން ބޭނުންވި ފެންވަރުގައި ނޫން ކަމަށެވެ.

comment ކޮމެންޓް