ލިސްޓުގައި ސޮއި ނުކުރިޔަސް އިންތިހާބު އޮންނާނެ: އިލެކްޝަންސް

އިންތިހާބެއްގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ --- ސަން ފައިލް ފޮޓޯ

ވޯޓާސް ލިސްޓުގައި ކެންޑީޑޭޓުންނާއި ޕާޓީތަކުން ސޮއި ނުކުރުމަކީ އިތުހާބު ބޭއްވުމަށް އެޅޭ ހުރަހެއް ނޫން ކަމަށާއި އިއުލާނުކޮށްފައިވާ ތާރީހުގައި އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ވެސް ވަނީ ވޯޓާސް ލިސްޓުގައި ބައެއް ކަންކަން ފުރިހަމަ ނުކޮށް ހުރި ކަމަށް ބުނެ އެ ލިސްޓުގައި ސޮއިކުރަން ދެކޮޅު ހަދާފަ އެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ގަޒިއްޔާއަކާ ހަވާލާދީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކެންޑިޑޭޓަކު ނުވަތަ ސިޔާސީ ޕާޓީއަކުން ސޮއި ނުކުރުމަކީ އިންތިހާބު ނުބޭއްވޭނެ ސަބަބެއް ނޫން ކަމަށާއި އެހެންކަމުން އިއުލާނުކޮށްފައިވާގޮތަށް ފެށޭ މަހުގެ ހަވަނަ ދުވަހު އިންތިހާބު އޮންނާނެ ކަމަށެވެ.

ދެހާސްސާދަ ވަނަ އަހަރު ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ޣަޒިއްޔާއެއްގައި ވާގޮތުން އިންތިހާބުގެ ކުރިން ވޯޓާސް ލިސްޓް އާންމުކުރަން ޖެހޭނެ އެވެ. އަދި އެ ލިސްޓު އިސްލާހު ކުރަން ހުށަހެޅުމުގެ ފުރުސަތު ވެސް ދޭން ޖެހޭނެ އެވެ. އެއަށްފަހު އެ ލިސްޓުގައި ސޮއިކުރުމަށް ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށް ވެސް އެ ޣަޒިއްޔާގައި ވަނީ ބުނެފަ އެވެ.

ނަމަވެސް ވޯޓާސް ލިސްޓުގައި ބައެއް ކެންޑިޑޭޓުން ސޮއި ނުކުރުމަކީ އިންތިހާބު ބާއްވަން އެޅޭނެ ހުރަހެއް ނޫން ކަމަށްވެސް އެ ޣަޒިއްޔާގައިވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ވޯޓާސް ލިސްޓުގައި ސޮއިކުރަން ދެކޮޅު ހަދާފައިވަނީ ބައެއް ލިސްޓުތަކުގައި ވޯޓުލާ މީހުންގެ އައިޑީކާޑު ނަމްބަރު ހިމަނާފައި ނުވާތީ އެވެ.

ކޮމިޝަނުގެ މެމްބަރު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ހިމެނުމަށް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ލާޒިމްކޮށްފައިވާ ހުރިހާ ކަމެއް ކަމެއް ވޯޓާސް ލިސްޓުގައި ފުރިހަމަ ކޮށްފައި ހުންނާނެ ކަމަށެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރަން ދެން ފުރުސަތު ނުލިބޭނެ ކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ "ދެން އެކަމަށް ވަގުތެއް ނެތް" ކަމަށާއި ސޮއި ކުރުމަށް އެކަށީގެންވާ ފުރުސަތު ދީފިން ކަމަށެވެ.

comment ކޮމެންޓް