އިތުރު ފަސް އެއާޕޯޓު ހެދުމަށް ބަޔަކާ ހަވާލުކުރަނީ

މިއަދު ފެށި ސަފީރުންގެ ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު ފަސް އެއާޕޯޓު ރާއްޖޭގައި ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ބޭރު ގައުމުތަކުގައި ތިއްބަވާ ރާއްޖޭގެ ސަފީރުންނަށް ޚާއްސަކޮށްގެން މިއަދު ފެށި ސަފީރުންގެ މަހާސިންތާގައި ވާހަކަ ދައްކަވަމުން، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ އެންމެ މުހިންމު މަސައްކަތްތައް ކުރައްވަނީ ރާއްޖޭގެ ސަފީރުން ކަމަށެވެ.

"މި މަސައްކަތުގައި އެންމެ ބޮޑު ހިއްސާއެއް ވެވޭ ފަރާތްތަކަކީ ސަފީރުން. އެއީ ތިޔަ ބޭފުޅުންނަކީ ބޭރުގައި ރާއްޖެ ތަމްސީލުކުރައްވާ މަންދޫބުން ކަމަށް ވާތީ،"

ޒަމީރު ވިދާޅުވީ މިއަހަރު މުޅިން އަލަށް ފަސް އެއާޕޯޓެއް ރާއްޖޭގައި ތަރައްގީކުރުމަށް ހަވާލުކޮށް، ސޮއިކޮށްފައިވާ އިރު، އިތުރު ފަސް އެއާޕޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

ނަމަވެސް އެއީ ކޮން ފަސް ރަށެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މާޗު މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ އަދި ގދ. މާވާރުލާއި ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ގާތްގަނޑަކަށް 57.5 މިލިޔަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން ފަސް އެއާޕޯޓުވެސް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ނިމޭނެ ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތަކީ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވާނެ ކަމެއް ކަމަށެވެ.

"އަހަރަކު ހަތް މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ އާ ފަސިންޖަރު ޓާމިނަލުގެ ސަބަބުން ފަތުރުވެރިންގެ އަދަދު އިތުރުވާނެ. އަދި ސިވިލް އޭވިއޭޝަނުގެ އޯޕަން ސްކައި ޕޮލިސީގެ އިތުރުން އިތުރު ފްލައިޓުތައް ރާއްޖެ އައުމުގެ ފުރުސަތު ބޮޑުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް