ތިން ރަށެއްގެ ފެން، ހަތަރު ރަށެއްގެ ނަރުދަމާ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފި

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރާ ދެމެދު އެއްބަސްވުން ބަދަލު ކުރައްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ބ. އޭދަފުށި އަދި ތ. ވިލުފުށީގައި ބޯފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެކަށީގެންވާ ބޯފެނުގެ ނިޒާމުގެ ހިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އެ ދެރަށުގެ ބޯފެނުގެ ނިޒާމު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައި ވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެކުގަ އެވެ.

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ އެ މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމެވެ.

އެ މަޝްރޫގެ ދަށުން ބ. އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށާއި ވިލުފުށީގައި 11 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް، 156 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށް މައުލޫމާތުދެ އެވެ.

އޭގެ އިތުރުން މިއަދު ސޮއިކޮށްފައި ވަނީ އދ. ދިގުރަށުގެ ފެނުގެ މަސައްކަތް ޑިޒައިން ކުރުމުގެ މަސައްކަތެވެ. އިޖުތިމާއީ ޒިންމާގެ ދަށުން ކުރުމަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީއާ އެވެ. ސަރުކާރުގެ ފަރާތުން މިނިސްޓަރު ޠާރިގް އެ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު އެމްޑަބްލިޔުއެސްސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

ތިން ރަށެއްގެ ފެނުގެ މަސައްކަތްތައް މިއަދު ކުންފުނިތަކާ ހަވާލުކޮށްފައިވާ އިރު، ހަތަރު ރަށެއްގެ ނަރުދަމާގެ މަސައްކަތްތައް ކުރުމަށް ވެސް މިއަދު ސަރުކާރުން ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

އެގޮތުން ހއ. މާރަންދޫ އާއި ބ. މާޅޮސް އާއި ހއ. މުރައިދޫ ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިން ކުރުމަށް ވަނީ ޝާހް ޓެކްނިކަލް ކޮންސަލްޓަންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ޖުމްލަ 878،000 ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ ހަ މަސްތެރޭ ނިންމާގޮތަށެވެ. އެ އެއްބަސްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އެވެ.

އެ ތިންރަށުގެ އިތުރުން އދ. ދިގުރަށުގެ ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރުމަށް މިއަދު ވަނީ އެމްޑަބްލިޔުއެސްސީއާ އެކު ސޮއިކޮށްފަ އެވެ. އެ މަސައްކަތް އެމްޑަބްލިޔުއެސްސީ އަށް ހަވާލުކުރީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މަސައްކަތް ކުރުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ ރަށްރަށުގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް