ފެނަކަ 24 ލަނޑާއެކު މޮޅުވިއިރު، އަވައެފްޓީއަށް ހަނި މޮޅެއް

ފެނަކަ އަދި ޓީމް ނަންބާސް ބައްދަލުކުރި މެޗުގެ މޭން އޮފް ދަ މެޗް ޖެންޖީރާ --ފޮޓޯ / ކްލަބްމޯލްޑިވްސް

ކްލަބު މޯލްޑިވްސް ކަޕްގެ، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފެނަކައިން ޓީމު ނަންބާސް ބަލިކުރި އިރު އެމްއޭސީއެލްގެ މައްޗަށް އަވަ އެފްޓީ ކުރި ހޯދައިފިއެވެ.

މާފަންނު ވެލި ދަނޑުގައި ރޭ ކުޅުނު މެޗު ފެނަކައިން ކާމިޔާބުކުރީ ޓީމު ނަންބާސް ކޮޅަށް 24 ލަނޑު ޖަހައިގެންނެވެ.

ރޭގެ މެޗުގައި ފެނަކައަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ދެ ކުޅުންތެރިންނަކީ ފެނަކައަށް ކުޅެމުން އަންނަ ބިދޭސީ ދެ ކުޅުން ތެރިންކަމަށްވާ މިސް ޖެންޖީރާއާ ސަސީޗާ ފޮތޮވިންގް އެވެ. އެ ދެކުޅުންތެރިން ކޮންމެ ކުޅުންތެރިއަކުވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާ އެކު ފެނަކައިންވަނީ ގުރޫޕް އޭގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައެވެ. ނަންބާސް އަށް މިހާތަނަށް ޕޮއިންޓެއް ނުލިބެއެވެ.

ރޭގެ ދެ ވަނަ މެޗުގައި ކުޅުނީ އަވައެފްޓީއާ އެމްއޭސީއެލެވެ. މި މެޗު އަވަ އެފްޓީން ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އަވަ އެފްޓީން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޮޒިލޯވާ މަޑިނާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނިޓްގައެވެ.

މި ނަތީޖާއާ އެކު ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާ އެކު ގުރޫޕް ބީގެ އެއްވަނާގައި އޮތީ އަވަ އެފްޓީއެވެ. އަދި ގުރޫޕްގެ ދެ ވަނާގައި އޮތީ ލިބުނު ހަ ޕޮއިންޓާއި އެކު އެމްއޭސީއެލްއެވެ.

comment ކޮމެންޓް