ނަޗް ބަލިޔޭ 8: ދިވްޔަންކާ އަށް އަނިޔާވެ، ޝޯ އާ ދުރަށް!

މަޝްހޫރު ޖޯޑުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޑާންސް ރިއަލިޓީ ޝޯ 'ނަޗް ބަލިޔޭ'ގެ އަށް ވަނަ ސީޒަނުގެ އެންމެ ތަރުހީބު ބޮޑު އެއް ފަންނާނު، ދިވްޔަންކާ ތުރިޕަތީ އަށް އަނިޔާވެއްޖެ އެވެ.

ސްޓާޕްލަސް އިން ގެނެސްދޭ ޑްރާމާ ސިލްސިލާ 'ޔޭ ހޭ މޮހޮއްބަތޭން' އިން އާންމުންގެ ލޯބި ހޯދި ބަތަލާއަށް އަނިޔާވެފައި ވަނީ ކުރިއަށް އޮތް ޝޯ އަށް ފަރިތަކުރަމުން ދަނިކޮށެވެ.

ޚަބަރުތައް ބުނާ ގޮތުން އަނިޔާވީ ދިވްޔަންކާގެ ބުރަކަށްޓަށެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅަކަށް ޝޯވ އާ ދުރުވެ، އަރާމު ކުރުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ.

ދިވްޔަންކާގެ އަނިޔާ ރަނގަޅުވެ އޭނާ އަލުން ޝޯ އާ ގުޅޭނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. އެހެން ނަމަވެސް، ދިވްޔަންކާ އެނބުރި އަންނަންދެން، އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިވެކް ދާހިޔާ ޝޯގައި ފެނިގެންދާނީ އެމީހުންގެ ކޮރިއޮގްރާފަރާ އެކު އެވެ.

ދިވްޔަންކާ އަދި ވިވެކް އަކީ މިހާރު ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ސެލެބްރިޓީ ޖޯޑުންގެ ތެރޭގައި ހިމެނޭ ދެމީހުންނެވެ. އަދި 'ނަޗް ބަލިޔޭ'ގެ ފުރަތަމަ ތިން ހަފްތާ ގައި ދެމީހުންގެ ފަރާތުން ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް