ރޮނާލްޑޯ ބަޔާން ރޮއްވާލައި ރެއާލަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީ

ބަޔާން މިއުނިކް ކޮޅަށް ގޯލް ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ--ފޮޓޯ / ބީބީސީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެމުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން މި މުބަރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ އަންގާރަ ދުވަހުގެ ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގެ މެޗު 4-2 ގެ ނަތީޖާއަކުން ކަމިޔާބުކޮށް، 6-3 ގެ އެގްރިގޭޓަކުން ބަޔާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ބަޔާން އިންނެވެ. ނަމަވެސް އެހާފު ނިމިގެންދިޔައީ އެއްވެސް ބަޔަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ދެވަނަ ހާފު ފަށައިގެން ބަޔާނުން ދިޔައީ ރެއާލް މެޑްރިޑްގެ ގޯލަށް ފުލުފުލުގައި ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ކެސެމީރޯ ރެއާލްމެޑްރިޑްގެ އޭރިއާ ތެރެއިން ރޮބެން އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ބަޔާނަށް ޕެނަލްޓީއެއް ދީފައެވެ. މެޗުގެ 53 ވަނަ މިނިޓްގައި މި ޕެނަލްޓީ ކާމިޔާބުކޮށް ބަޔާނަށް ލީޑުނަގައިދިނީ ރޮބާޓޯ ލެވެންޑޮސްކީއެވެ.

މެޗުގެ ބޮޑުބައި މިނަތީޖާއާއެކު އޮތްއިރު ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބަޔާންގެ އޭރިއާ ތެރެއަށް ވަދެ ރޮނާލްޑޯ ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލަށް ވަދެފައެވެ. ނަމަވެސް އެ ގޯލް ޖެހިތާ މިނިޓެއް ނުވެ ރެއާލް ޑިފެންސަށް ހެދުނު ގޯހަކުންވަނީ އަނެއްކާވެސް ބަޔާނަށް ލީޑު ލިބިފައެވެ.

ބަޔާން އިން ދެންވެސް ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދަނިކޮށް ކުޅުމުގެ އޮއިވަރަށް ބަދަލް އައިސްފައިވަނީ އެޓީމުގެ އަރްތޫރޯ ވިދާލް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑަކަށް ފަހު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ.

ބަޔާން މިއުނިކް އަދި ރެއާލްމެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ /ބީބީސީ

އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-1 ގެ ނަތީޖައަކުން ބަޔާން ކުރީގައި އޮވެގެންނެވެ. ދެން ކުޅުނީ ނަތީޖާ ނެރުމަށް ކުޅޭ އިތުރު ވަގުތުގެ ދެ ހާފެވެ. މި ހާފުގައި އެއް ކުޅުންތެރިއަކު މަދުން، އިދިކޮޅު އެތަކެއް ހާސް ސަޕޯޓަރުްގެ ކުރިމަތީގައި ކުޅެމުން ދިޔަ ބަޔާނަށް ރަނގަޅަށް ނުކުޅެވުމުގެ ބޭނުން ހިފައި ރޮނާލްޑޯ ވަނީ 104 ވަނަ މިނިޓްގައި ރެއާލަށް ނަތިޖާ ހަމަހަމަކޮށްދީފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކުއެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ރޮނާލްޑޯ ވަނީ ރެއާލަށް ނަތީޖާ ފުޅާކޮށްދީ ލީޑު ނަގައިދީފައެވެ. ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި 100 ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މާސެލޯ ދިން ރީތި ޕާހަކުން މުޅިން ހުސްކޮށް ހުރެފައެވެ. އަދި އެ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ރެއާލްގެ މާކޯ އެސެންސިއޯ ވަނީ ނަތީޖާ 4-2 ބަދަލުކޮށްދީފައެވެ. އެސެންސިއޯ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެ ނަތީޖާއާއެކު ރެއާލް މެޑްރިޑުން ސެމީގެ ޖާގައެއް ކަށަވަރު ކުރި އިރު ޖަރުމަނުގެ ޗެމްޕިއަން ބަޔާން ވަނީ މުބާރާތަށް އަލްވަދާއު ކިޔައިފައެވެ. އަދި މިއީ 2014 ވަނަ އަހަރަށް ފަހު އެއްވެސް ލެގެއް ކާމިޔާބުނުވެ މުބާރާތުގެ މިހާ ހިސާބުން ބަޔާން ވަކިވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް