ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ހަސަން ދޫކޮށްލައިފި

އެމްޑީޕީގެ ޗެއާޕާސަން ފުލުހުން ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލުމުން އިދިކޮޅު ސަޕޯޓަރުންނާއެކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތައް ގުޅިގެން އެމްޑީޕީ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށްފަހު ދޫކޮށްލައިފި އެވެ.

ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ މައި އޮފީސް ކުރިމަތީގައި އަޑުގަދަ ކުރާއެއް ބޭނުންކޮށްގެން ހަސަން ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު އޭނާއާއެކު އިދިކޮޅު އިސް ފަރާތްތައް ވެސް ތިއްބެވެ. ނަމަވެސް ފުލުހުން ގެންދިޔައީ އޭނާ އެކަންޏެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "ސަން"އަށް ވިދާޅުވީ ހަސަން ހައްޔަރު ނުކުރާ ކަމަށާއި ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ އެއްވުމެއް ހުއްޓުވުމަށްޓަކާ ވަގުތީ ގޮތުން ހަސަން "އެއްކައިރިކޮށްފައިވާ" ކަމަށެވެ.

"ހަސަން ހައްޔަރެއް ނުކުރަން. އެއްވުން ހުއްޓުވުމަށްޓަކާ ވަގުތީ ގޮތުން އޭނާ އެއްކައިރިކުރީ،" ޝިފާން ވިދާޅުވި އެވެ.

އެމްޑީޕީ އޮފީސް ކުރިމަތީގައި ހަސަން ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، އޭނާ ގޮވައިގެން ގެންދިޔައީ ފުލުހުންގެ ކޮންބެެޓް ޔުނީފޯމުގައި ތިބި ފަސް ވަރަކަށް ފުލުހުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ހަސަން ގެންދިޔައީ މިރޭ 10:30 އެހާކަންހާއިރު އެވެ. އޭނާ ދުކޮށްލީ 11 ޖެހިފަހުންނެވެ.

އެމްޑީޕީ އޮފީސް ކުރިމަތީގައި ކަންމަތީ ބަންދަލުވުން ކުރިއަށް ގެންދިޔައިރު އެ ސަރަހައްދަށް ބަޔަކު އެއްވެފައި ތިއްބެވެ. ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދަށް އެއްވި މީހުން ދުރަށް ޖައްސާފަ އެވެ.

comment ކޮމެންޓް