ސިއްހީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މީހުންނަށް ތަމްރީނު ނުދެވުން: މިނިސްޓަރު

ނަރުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާއެކު ހެލްތު މިނިސްޓަރު ނާޒިމް --- ސަން ފޮޓޯ

ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއިރާގައި ހަރަކާތްތެރވާ ފަރާތްތަކަށް އެކަށީގެންވާ ވަރަށް ތަމްރީނު ނުކުރެވުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނަރުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމެއްގެ ނިމުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ދާއިރާއެއް ނަމަވެސް މީހުން ތަމްރީން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ އިމާރާތްކުރުމާއި ބޭނުންކުރާ އާލާތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ވަމުންދާއިރު، މީހުންނަށް ތަމްރީން ދިނުމަކީ ކުރަން ޖެހިފައިވާކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހެލްތު ސެކްޓާތަކަށްވުރެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މީހުންނަށް އެކަށީގެންވާ ވަރަށް ބޭނުންވާ ތަމްރީން ނުދެވުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްހަތަށްވުރެ މުހިއްމު ކަމެއް އެއްވެސް އާއިލާއަކަށް ނުވަތަ މުޖުތަމައުއަކަށް ނޯންނާނެ ކަމަށާއި ސިއްހަތާއި ދުޅަހެޔޮކަން ކުރިއަރައި ދިއުމަކީ މުޅި ގައުމުގެ މުޖުތަމައުގެ ހަމަޖެހުމާއި ލާބައަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ، އިގްތިސާދީ ގޮތުން ތަރައްގީވުމަށް ބޭނުންވާ އެންމެ މުހިއްމު ކަމަކީ ވެސް ދުޅަހެޔޮ މުޖުތަމައުއެއް އޮތުން ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހިނގަމުންމިދާ ފަސް އަހަރަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީހު ލިޔާނެ އަހަރުތަކެއް ކަމަށެވެ.

ހެލްތު މިނިސްޓަރު މިއަދު ބައިވެރިވެވަޑައިގަތް، ނަރުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމަކީ އެވިޑެންސް ބޭސްޑް ޕްރެސްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީއެމް) އާއި އާސަންދަ ކުންފުނިން ހިންގަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަރުކަޒީ ހޮސްޕިޓަލްތަކާއި ސިއްހީ ދާއިރާގައި ހިދުމަތްކުރައްވާ ނަރުހުންނާއި ލެކްޗަރާއިންނަށް ހިންގި ވޯކްޝޮޕެކެވެ.

"ކްލިނިކަލް ފެސިލިޓޭޝަން އެންޑް ސުޕަވިޝަން ވޯކްޝޮޕް"ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި އެ ވޯކްޝޮޕްގައި ހޮސްޕިޓަލްތަކަށް ތަޖުރިބާ ހޯދަންދާ ދަރިވަރުންނަށް އުނގެނުމާއި އަމަލީ ތަޖުރިބާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަމަލުކުރެވިދާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

އޭގެ އިތުރުން، މިންގަނޑަށް ނުފެތޭ މަސައްކަތްތައް ދެނެގަނެވޭނެ ގޮތްތަކާއި އެކަންތައް ހައްލުކުރެވޭނެ ގޮތްތަކުގެ އިތުރުން ނަރުހުންނަށް ސްޓެރެސް މެނޭޖްމަންޓް ސެޝަންތަކެއް ހިންގާފައިވެއެވެ.

އެ ވޯކްޝޮޕްގައި ސެޝަންތައް ނަންގަވައިދެއްވާފައިވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއްގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރާ އަދި ނަރުހުންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ދިވެހި ޑޮކްޓަރެއް ކަމަށްވާ، ޑރ. ފާތިމަތު ޝިފާޒާ އާއި އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުގެ ޑިރެކްޓަރު އަދި ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އާއިމިނަތު ނާހިދާ އެވެ.

comment ކޮމެންޓް