ޗެލްސީގެ ކުރީގެ ތަރި އެސިއަން އާއި ކޯލް އިންޑޮނޭޝިއާގައި ހައްޔަރުކޮށްފި

އިންޑޮނީޝިއާގެ ޕާރސިބް ބަންޑުންއަށް ކުޅޭ، ޗެލްސީގެ ކުރީގެ ތަރި މައިކަލް އެސިއެންއާއި ކާލްޓަން ކޯލް. މިދެ ކުޅުންތެރީން ވަނީ، އިމިގްރޭޝަން ގާނޫނާ ޚިލާފުވުމުން، ބަންދުކޮށްފައި -- ފޮޓޯ: މިރާޖް ނިއުސް

އިންޑޮނީޝިއާގެ އިމިގްރޭޝަން ގާނޫނާ ޚިލާފުވުމުގެ ސަބަބުން، ޗެލްސީގެ ކުރީގެ ތަރި މައިކަލް އެސިއެން އާއި ކާލްޓަން ކޯލް ހައްޔަރުކޮށްފިއެވެ.

މި ދެކުޅުންތެރީންނަކީ، އިންޑޮނީޝިއާ ސުޕަރ ލީގުގައި ކުޅޭ އެންމެ ވަރުގަދަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ދެކުޅުންތެރީންނެވެ. އެހެން ނަމަވެސް މި ދެކުޅުންތެރީން ކުޅެމުން އަންނަ، އިންޑޮނީޝިއާގެ ލީގު ޗެމްޕިއަން ޕާރސިބް ބަންޑުންއިން، އިމިގްރޭޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް، މި ދެކުޅުންތެރީން މެޗަށް އެރުވުމުން މިހާރު ވަނީ، އެގައިމުގައި އެ ދެކުޅުންތެރީންގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައެވެ.

އިންޑޮނީޝިއާގެ އިމިގްރޭޝަނުން، އެސިއެން އާއި ކޯލް ހައްޔަރު ކުރީ، އެ ދެކުޅުންތެރީން ޓީމާއެކު ފަރިތަކުރަމުން ދިޔަ މަންޒަރު ބަލަން އެތަކެއް ހާސް ސަޕޯޓަރުން އެއްވަފައި ވަނިކޮށެވެ.

"18 އޭޕްރީލް 2018 ވީ އަންގާރަ ދުވަހާ ހަމައަށް، ޕާސިބް ބަންޑުންއިން އެ ދެކުޅުންތެރީންގެ ޕާމަނެންޓް ރެސިޑެންސީ ޕާރމިޓު ހޯދަން ހުށަހަޅަފައެއް ނުވޭ. މިހާރު އެމީހުން ތިބީ ވަގުތީ ހުއްދައެއްގައި،" އިންޑޮނީޝިއާގެ އިމްގްރޭޝަންގެ ވެރިޔާ މައުލިއާ ޕުރްނަމަވަތީ ނެރުންވި ބަޔާނެއްގައި ވެއެވެ.

"އެއީ ޕްރޮފެޝަނަލް ކުޅުންތެރީން، އެހެންކަމުން އިންޑޮނޭޝިއާގައި އެމީހުން މަސައްކަތްކުރުމަށް އެކަމުގެ ހުއްދަ އޮންނަން ޖެހޭ."

އިންޑޮނީޝިއާގެ އިމިގްރޭޝަން ގާނޫނުގެ ދަށުން، އެ ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ގިނަވެގެން ފަސް އަހަރުގެ ޖަލުހުކުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

އިމިގްރޭޝަނުން، އެސިއެން އާއި ކޯލް ހައްޔަރުކުރުމުން، ޕާސިބްގެ މެނޭޖަރު އުމޫ މުޚްތާރު ވަނީ އިމިގްރޭޝަނުން އެޅި ފިޔަވަޅާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔައިފައެވެ. އޭނާ ބުނީ، އިންޑޮނީޝިއާގެ ލީގުގައި މައިކަލް އެސިއެންފަދަ ކުޅުންތެރިއަކު ހުރުމަކީ މުޅި ގައުމު އެކަމާ ފަޚުރުވެރިވާން ޖެހޭފަދަ ކަމެއް ކަމަށެވެ.

"އެ ކުޅުންތެރީން ތިބުމަކީ އަހަރެމެން އެންމެނަށް ލިބޭ ބޮޑު އުފަލެއް. އެމީހުން އެދަނީ އިންޑޮނީޝިއާގެ ނަން ދުނިޔޭގައި އުފުލަމުން،" ޕާރސިބް ބަންޑުންގެ މެޖޭނަރު ބުންޏެވެ.

"އެންމެނަށް އެނގޭ، މައިކަލް އެސިއެން އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްކަން، އެއީ ގަވައިދާ ޚިލާފަށް އެތެރެވެއުޅޭ މީހެއް ނޫންކަން."

ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ ގޯލް އިން ރިޕޯޓްކޮށްފައި ވާގޮތުގައި، އެސިއަންއާއި، ކޯލް ބަންދުން ވީއްލުމަށް، ޕާރސިބުން ދަނީ މިހާރު އިމިގްރޭޝަނާއެކު މަޝްވަރާކުރަމުންނެވެ. އަދި އެ ދެކުޅުންތެރީންނަށް އިންޑޮނީޝިއާގައި ކުޅުމުގެ ފުރުސަތު ހޯދުމަށް، އެގައުމުގެ އިމިގްރޭޝަނާއި، ފުޓްބޯލް އެސޯސިއޭޝަނާއެކުވެސް މަޝްވަރާކޮށް ގަވައިދުން ކުރާންޖެހޭ އެންމެހައި ކަމެއް ކުރުމުގެ މަސައްކަތް އެ ކްލަބުން ކުރަމުންދާ ކަމަށެވެ.

އެސިއެންއާއި ކޯލް ޕާރސިބަށް ކުޅުނު ފުރަތަމަ މެޗަކީ، މިދިޔަ ހޮނިހިރު ދުވަހު އިންޑޮނީޝިއަން ސޮކަރ ޗެމްޕިއަންޝިޕް "އޭ"ގައި އެރީމާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗު ވަނީ، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

ޗެލްސީގައި 9 އަހަރު ހޭދަކުރި ގާނާގެ ތަރި މައިކަލް އެސިއަން ވަނީ، ލިޔޯން، ރެއާލް މެޑްރިޑް އޭސީ މިލާނަށް ވެސް ކުޅެފައެވެ. އިނގިރޭސި ވިލާތުގެ ގައުމީ ޓީމުން ވިދާލި، ކާލްޓަން ކޯލް ވަނީ، ޗެލްސީގެ އިތުރުން އެސްޓަންވިލާ، ވެސްޓްހޭމް ޔުނައިޓެޑް އަދި ސެޓީކަށް ކުޅެފައެވެ.

comment ކޮމެންޓް