ރިސޯޓް ހަަދަން ރަށް ދޫކުރުން ހުއްޓާލީކީ ނޫން، އިތުރަށް ދިރާސާކުރަނީ: ޒަމީރު

މިނިސްޓަރު މޫސާ ޒަމީރު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރާ އެއްވަރަށް ޖާގަ އިތުރުކުރުމުގެ ގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ރަށް ދޫކުރުން މަޑުޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސްގެ އެފްޑީއައި އިންޓެލިޖެންސް މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ އުސޫލަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މިންވަރަށް ބަލާފައި ޓޫރިސްޓު ރިސޯޓްތައް ހުޅުވުން ކަމަށެވެ.

އެގޮތުން، އެ ސިޔާސަތުގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މިހާރުވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭން ބަލަނީ ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރާ އެއްވަރަށް ޖާގަ އިތުރުކުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވެފައި ވަނީ ރިސޯޓްތައް ތަރައްގީކުރަން ދޫކުރާނެ ރަށްތަކާއި ފަޅުތައް ކަނޑައަޅަނީ ތިމާވެއްޓަށް ކުރާ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ. އަދި ހުރިހާ ރަށަކާއި ފަޅެއްގައި ރިސޯޓް ތަރައްގީ ނުކުރަނީ ތިމާވެއްޓަށް ވިސްނާތީ ކަމަށާއި ރާއްޖޭގެ ޓޫރިޒަމްގެ އަސްލަކީ ތިމާވެށި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރާ ބޭރުގެ ފަރާތްތައް ފާއިތުވި ދެ އަހަރުދުވަހުގެތެރޭ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

comment ކޮމެންޓް