އުތުރުކޮރެޔާއަށް ހަމަލާދިނުމަށްފަހު އެމެރިކާއަށް ފިލައި ރައްކަލެއް ނުވެވޭނެ!

އުތުރު ކޮރެޔާގެ ސިފައިން

އެހެން ގައުމުތަކަށް ހަމަލާދިނުމަށްފަހު ފިލައި ރައްކާވާގޮތަށް އުތުރުކޮރެޔާއަށް ހަމާލާދިނުމަށްފަހު އެމެރިކާއަށް ފިލައި ރައްކާ ނުވެވޭނެ ކަމަށް އުތުރުކޮރެޔާއިން ދާދިފަހުން ވަނީ ބުނެފައެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީ ގަތުމެއްގައި އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޝިން ހޮން ޗޮލް އިއްޔެ ވިދާޅުވީ އެމެރިކާ އިސްވެ އުތުރުކޮރެޔާއަށް ހަމަލާދީފިނަމަ އޭގެ ދެގުނަ ބާރުމިނުގެ ހަމަލާތަކެއް ސީދާ އެމެރިކާއަށް ނޫނީ އަވަށްޓެރި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދޭނެކަމުގައެވެ.

ޝިން ވިދާޅުވީ އެއްވެސް ހާލެއްގައި އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމް އަދި މިސައިލް ޕްރޮގްރާމް ރޫޅާ ނުލެވޭނެކަމުގައެވެ.

މައްސަލަ ހައްލުކުރަން އެމެރިކާ ބޭނުންނަމަ އެމެރިކާއަށް ޖެހޭނީ އުތުރުކޮރެޔާގައިވާ ހަތިޔާރުތައް އެހުރި ގޮތުގައި ބަހައްޓައިގެން އުތުރުކޮރެޔާ އާ ސުލްޙަ ވާން ކަމުގައެވެ. މިނޫން އިތުރު އެއްވެސް އިޚްތިޔާރެއް އެމެރިކާއަށް ނޯންނާނެކަމަށް ޝިން ވިދާޅުވިއެވެ.

އުތުރުކޮރެޔާގެ ކުރޫޒް މިސައިލެއް

އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެމެރިކާ އެކަނިވެސް އުތުރުކޮރެޔާގެ މައްސަލަ އަސްކަރީ ގޮތުން ހައްލުކުރާނެ ކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ މުއައްސަސާތަކަށާއި އދ. އަށް ގޮންޖައްސަވާފައެވެ. މި އިންޒާރާއެކު ޓްރަމްޕް ވަނީ އެމެރިކާގެ ހަނގުރާމަ މަތީ ފްލީޓެއް (ގިނަ އަދަދެއްގެ ހަނގުރާމައިގެ ގުރާބުތަކާއެކު) އުތުރުކޮރެޔާ އާ ދިމާއަށް މިސްރަބު ޖެހުމަށް އަމުރު ކުރައްވާފައެވެ.

އެއަށްފަހު އެމެރިކާވަނީ އެމެރިކާގައި އުފައްދާފައިވާ އެންމެ ބޮޑުބޮން އަފްޣާނިސްތާނަށް ވައްޓާލައި އަފްޣާނިސްތާނުގެ އެތަށް ބަޔެއްގެ ލޭ އޮހޮރުވާލުމަށްފަހު އެމެރިކާގެ މުލައްދަނޑީގެ ބާރު ދައްކާލާފައެވެ. އަދި އޭގެ ތަންކޮޅެއްކުރިން އެމެރިކާވަނީ ކުރޫޒް ތޯމަހޮކް މިސައިލުން ސޫރިޔާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީ އެތަށް ބަޔަކު މަރާލާފައެވެ.

މިއީ އުތުރުކޮރެޔާއަށް ބިރުދެއްކުމުގެ ގޮތުން ޓްރަމްޕް ދެއްވި ހަމަލާތަކެކެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ބަލިކަށިވެފައިވާ އަފްޣާނިސްތާނާއި ސޫރިޔާފަދަ ގައުމުތަކަށް އެމެރިކާ އިސްވެ ހަމަލާދޭއިރު އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭން މިހާތަނަށް އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އުތުރުކޮރެޔާއާ ޖެހުމުން އެމެރިކާއަށް ދޭން ކެރެނީ ހަމައެކަނި އިންޒާރުތަކެވެ. އެހެން ގައުމުތަކަށް އިންޒާރާ ނުލައި ދެނީ އިސްވެ ހަމަލާތަކެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭކަށް ފަހަރެއްގައިވެސް އެމެރިކާއަކަށް ނުކެރޭނެއެވެ. ސަބަބަކީ ސީދާ އެމެރިކާއަށް ނޫނީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ އަމާޒުތަކާއި މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލްކަން އުތުރުކޮރެޔާގެ ކިބާގައި ހުރުމެވެ.

އުތުރު ކޮރެޔާގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް

މިހަފްތާގެ ކުރީކޮޅު އުތުރުކޮރެޔާއިން ބޭއްވި އަސްކަރީ ޕެރޭޑްގައި އުތުރުކޮރެޔާއިން ވަނީ އެގައުމުގެ މުލައްދަނޑީގެ ބާރު ހުރިމިންވަރު އެމެރިކާއަށް ދައްކާލާފައެވެ. މި ޕެރޭޑްގައި އުތުރުކޮރެޔާވަނީ ނިއުކްލިޔަރ ވޯހެޑް އުފެލޭވަރުގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތަކާއި އެނޫންވެސް ގިނަ އަދަދެއްގެ ބަރުހަތިޔާރުތައް ދައްކާލާފައެވެ. އަދި ތައްޔާރީ ހާލަތުގައިތިބި މިލިޔަނެއްހާ ސިފައިންގެ ބިޔަ ލަޝްކަރެއްވެސް އުތުރުކޮރެޔާއިން ވަނީ ދައްކާލާފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "ދަ ޑެއިލީ މެއިލް" ބުނާގޮތުން އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކުރޭނެ ހަ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ އެމެރިކާގެ ރައީސް ޓްރަމްޕަށް އެމެރިކާގެ އެތެރޭގައާއި ބޭރުގައި ތާއީދާއި އިތުބާރު ނެތުމެވެ. ޓްރަމްޕަކީ ބޮޑު ހަނގުރާމައެއް ލީޑް ކުރެވޭވަރުގެ ގާބިލް އަދި ދުރުވިސްނޭ ބޭފުޅަކަށް ނުވުމާއި އޭނާއަކީ ހަރުދަނާ ކަމެއްނެތް ހިކި ހިތްވަރުގެ ބޭފުޅެއްކަން އެންމެންވެސް ގަބޫލުކުރުމެވެ.

ދެވަނަ ސަބަބަކީ މިހަފްތާގެ ކުރީކޮޅު އުތުރުކޮރެޔާއިން ބޭއްވި އަސްކަރީ ބިޔަ ޕެރޭޑްއެވެ. އެޕެރޭޑް އިންވަނީ އުތުރުކޮރެޔާގެ ސިފައިންގެ ބާރާއި ހުނަރު ފެނުމުގެ އިތުރުން އޮތުރުކޮރެޔާގައިވާ ބަރުހަތިޔާރުތައްވެސް ފެނިގެންގޮސްފައެވެ. މިމައުލޫމާތުތައް ޖާސޫސީގޮތުން އެމެރިކާއަށް ލިބިފައިވީނަމަވެސް ޕެރޭޑެއްގައި އަމަލީގޮތުން މިކަން ފެނުމާއި ކަރުދާހުގައި ލިޔެފައިވާ ޖާސޫސީ މައުލޫމާތު ހާސްބައި ތަފާތުވާނެއެވެ.

ތިންވަނަ ސަބަބަކީ އުތުރުކޮރެޔާގެ ރައީސާއި އެގައުމުގެ އިސްވެރިންގެ ޖެހިލުން ކުޑަކަމާއި އެއީ ގޮތްދޫނުކުރާ އަދި ކޮންމެ ފަދަ ހަތިޔާރަކުންވެސް އެމެރިކާއަށް ރައްދު ދޭން ފަސްނުޖެހޭނެ ލީޑާޝިޕެއްކަން އެމެރިކާއަށް ކަށަވަރުވުމެވެ.

ހަތަރުވަނަ ސަބަބަކީ އުތުރުކޮރެޔާއާ އެއްބަނޑު އެއްބަފާ ދެކުނު ކޮރެޔާގެ ރައްޔިތުންވެސް އުތުރުކޮރެޔާ އަށް އިސްވެ ހަމަލާދޭން ބޭނުންނުވުމެވެ. ދެކޮރެޔާގެ ދެމެދުގައި ޒަމާނުއްސުރެ އެމެރިކާ އުފައްދާފައިވާ ފިތުނަވެރިކަމުގެ ސަބަބުންނާއި އުތުރުކޮރެޔާގެ ލީޑަރުންގެ ހަރުކަށިކަމުން ދެކޮރެޔާ އަކީ ހަނގުރާމައިގެ ހާލަތުގައިވާ ދުޝްމަން ދެހަތުރުން ކަމަށްވިޔަސް އެދެގައުމުގެ ރައްޔިތުންނަކީ އެއްބައެކެވެ.

އެއްނަސްލެއްގެ އެއްބަހެއްގެ އެއްއަގީދާއެއްގެ އެއްސަގާފަތެއްގެ އެއްދަރިކޮޅެއްގެ އެއްބަނޑު އެއްބަފާ ބަޔަކަށް ވުމެވެ. އުތުރުކޮރެޔާއަށް އެމެރިކާ އިސްވެ ހަމަލާދީގެން ފެށޭ ހަނގުރާމައެއްގެ ޒިންމާ ދެކުނުކޮރެޔާގެ ރައްޔިތުންވެސް އަޅުވާނީ އެމެރިކާގެ ބޮލުގައެވެ. ނަތީޖާއެއްގެ ގޮތުން ދެކުނުކޮރެޔާގައިވާ އެމެރިކާގެ މަސްހަލަތުތަކާ ދެކޮޅަށް ޚުދު ދެކުނު ކޮރެޔާގެ އާންމުން ތެދުވުމަކީ ވަރަށް ގާތްކަމެކެވެ. އެމެރިކާއާ ރަހްމަތްތެރި ދެކުނު ކޮރެޔާގެ ލީޑަރުން މިކަން ވަރަށް ރަނގަނޅަށް ދަނެއެވެ.

ހަވަނަ ސަބަބަކީ އުތުރުކޮރެޔާގައި ނިއުކްލިޔަރ ހަތިޔާރު ހުރުމެވެ. އުތުރުކޮރެޔާފަދަ ނިއުކްލިޔަރ ހަތިޔާރު ހުރި އަދި ޖެހިލުންކުޑަ ލީޑާޝިޕެއް އޮތްގައުމަކަށް އިސްވެ ހަމަލާދީ އުދުވާން ހިންގުމުން ދެން ނުކުންނާނެ ނަތީޖާއަކާމެދު އެމެރިކާ އަށް އަންދާޒާކޮށްލަން ނޭނގުމެވެ. ނުވަތަ ސަހަރޯހީވުމެވެ.

އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމަކީ ޚުދުމުޚްތާރު ޑިކްޓޭޓަރޝިޕެއް ކަމަށްވިޔަސް އަދި އެއީ ޑިމޮކްރަސީ ނެތް ގައުމެއް ކަމަށްވިޔަސް އުތުރުކޮރެޔާއަކީ އެހެންގައުމުތަކަށް އިސްވެ ހަމަލާދޭ އުދުވާނީ ގައުމެއްނޫނެވެ. އެމެރިކާފަދަ އެގައުމާ ތޮޅެން އުޅޭ ގައުމަކަށް ނުވަތަ ބަޔަކަށް ނޫނީ ބިރުވެސް ދައްކާގައުމެއް ނޫނެވެ. އަދި އުތުރު ކޮރެޔާއަކީ ޓެރަރިޒަމްގެ އަމަލުވެސް ހިންގާ ގައުމެއްނޫނެވެ. ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑްކުރާ އަދި އެއިން ޖަމާއަތެއްގެ ފަހަތުގައިވެސްވާ ގައުމެއްނޫނެވެ.

އުތުރުކޮރެޔާއިން ކުރާހާވެސް ކަމަކީ އެގައުމުގެ އަމިއްލަ ދިފާއުގައި ހަތިޔާރުތައް ހަދައިގެން އެހަތިޔާރުތައް ދޭތެރެއަކުން ޓެސްޓްކުރުމެވެ. މިއީ އުތުރުކޮރެޔާގެ އިތުރުން އެމެރިކާއާއި ރަޝިޔާއާއި އިންޑިޔާއާއި ޕާކިސްތާނާއި އީރާނާއި އިސްރާއީލުފަދަ މިފަދަ ހުރިހާ ގައުމުތަކަކުންވެސް ކުރަމުންގެންދާ ކަންކަމެވެ.

މިހުރިހާ ކަމަކަށް ބަލާއިރު އުތުރުކޮރެޔާއަށްވުރެ ހުރިހާ ގޮތަކުންވެސް އެމެރިކާ މާ ނުރައްކާތެރިއެވެ. ބައިނަލްއަގްވާމީ އަމްނާއި ސުލްޙައަށް އެމެރިކާގެ ބިރުވެރިކަމާއި ނުރައްކާތެރިކަން މާބޮޑެވެ. އެމެރިކާއަކީ އދ. އަށް ގޮންޖެހުމަށްފަހު އެހެން ގައުމުތަކަށް ތަކުރާރުކޮށް އިސްވެ ހަމަލާދީ ކުށެއްނެތް މީހުން މިލިޔަނުން މަރަމުން ގެންދާ އިންޕިރިއަލިސްޓް ފިކުރުގެ ހަރުކަށި ބިރުވެރި ގައުމެކެވެ. ޑިމޮކްރަސީ އޮތްނަމަވެސް އެމެރިކާއަކީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ފުޅާދާރާއެއްގައި ހިންގާ ގައުމެކެވެ. އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަންނަމުންދާ އަނިޔާވެރި ގައުމެކެވެ.

comment ކޮމެންޓް