އިދިކޮޅުގައި ލީޑަޝިޕެއް ނެތް، ސަރުކާރު ބައްޔެއް ނުވާނެ: ޚަލީލު

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް --- ސަންފޮޓޯ// ފަޔާޒު މޫސާ

އިދިކޮޅު ހުރިހާ ޕާޓިތައް ގުޅިގެން ސިޔާސީ ހަރަކާތްތަކެއް ހިންގަމުން ދަނީ އެއްވެސް ލީޑަޝިޕެއް ނެތި ކަމަށާއި، އެބޭފުޅުންނަށް ސަރުކާރު ބަލި ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އެބޭފުޅުން ދަނީ ބޭރުގެ ސަފީރުންނާއި ޔޫއެންގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވަމުންނެވެ.

އެކަަމާ ގުޅިގެން ޙަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޭރުގެ ނުފޫޒު ދިވެހިންގެ ތެރެއަށް ވައްދަން ކަމަށާއި ނަމަވެސް އެ ފުރުސަތު ނުދޭނެ ކަމަށެވެ. "ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން" ކަމަށް ޚަލީލް ވިދާޅުވި އެވެ.

"ދާހިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވައްދަން އުޅުމަކީ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އަމިއްލަ ނަފުސުގެ ނެތޭ ބުނުން" ޚަލީލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގައި ތިބި މީހުންގެ އެއްވެސް އެކުވެރި ކަމެއް ނެތި ކޮންމެ މީހަކު ވެސް ވެރިކަން ބޭނުން ވެގެން އުޅޭ މަންޒަރު ސިފަވެގެން ދާ ކަމަށް ވިދާޅުވެ ޚަލީލް ވަނީ ވަރަށް ބޮޑަަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ "ސަރުކާރު ބައްޔެއް ނުކުރެވޭނެ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ބޭނުންވާ ވަރަށް އިދިކޮޅު ފަރާތްތަކަށް މެމްބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވިދާޅުވާ ވާހަކަތަކަށް ޚަލީލް ވަނީ ރައްދު ދެއްވައިފަ އެވެ. ވިދާޅުވީ "އެހަދަނީ ހަމަ ބުހުތާން ދޮގު، މެމްބަރުންގެ ސޮއި ހަމައެއް ނުވޭ" ކަމަށެވެ.

އޭނާ ވިދާޅުވީ ސޮއި ހަމަވި ނަމަ އެގޮތަށް ނުތިބޭނެ ކަމަށާއި މަޖިލިސް ޗުއްޓީގައި އޮތަސް އެ މައްސަލަ ވައްދައިގެން ކުރިއަށް ގެންދަންވީ ކަމަށެވެ. އެކަމަކު ނުވައްދާ ވާހަކަތަކެއް ދައްކަނީ އެ އަދަދަށް މެމްބަރުން ހަމަ ނުވާތީ ކަމަށް ޚަލީލް ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ފާޑު ވިދާޅުވެ ސަރުކާރަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުން ދަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ް

comment ކޮމެންޓް