ވިސާމްގެ މައްސަލަ އިސްތިއުނާފު ކުރުމުން އެމްޑީޕީން ކަންބޮޑުވެއްޖެ

މާޗް 28، 2017: ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން ކޮއްފައިވާ ދައުވާއަށް ހުކުންކުރުން: ކޯޓުން ވަނީ ދައުވާ ސާބިތުނުވާކަމަށް ހުކުން ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން އިސްތިއުނާފު ކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ، 2015 ވަނަ އަހަރު މާލޭގައި ކުރި މުޒާހަރާއެއްގައި މީހަކު ހައްޔަރު ކުރުމުން، އެމީހާ ހައްޔަރު ކުރި ސަބަބު ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިސާމްގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ބުނެ ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖްގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވިސާމްގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކި ބަހުން ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ކަމަށެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލަ ޕީޖީ އިން އިސްތިއުނާފް ކުރުމުން މުސްތަގިއްލުކަމާ އެކު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް އުޒުރުވެރިވެފައިވާ ކަމާއި، ސިޔާސީ ވެފައިވާކަން ހާމަވާ ކަމަށެވެ.

އަދި ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، އެއްވެސް އަސާސެއް ނެތި ސިޔާސި މަގުސަދެއް ހާސިލް ކުރުމަށް ކޮށްފައިވާދައުވާ އެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި، ގާނޫނު އަސާސީއާއި ގާނޫނުގައި ބަޔާން ކުރާ މިންގަނޑަށް ފެތޭގޮތަށް ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތްތައް ބައްޓަން ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ވިސާމްގެ މައްސަލައިގެ އިސްތިއުނާފު އަނބުރާ ގެންދިއުމަށް އެމްޑީޕީން ވަނީ ޕީޖީއަށް ގޮވާލައިފަ އެވެ.

comment ކޮމެންޓް