12 ރަށެއްގެ ޒުވާނުންނަށް އިތުރު 15 ފުޓްސަލް ދަނޑު އަޅަން ހަވާލުކޮށްފި

ގައްދޫ ފުޓްސަލް ދަނޑު: ރަސްމީކޮށް އެ ދަނޑު ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވޭ --- ފޮޓޯ: ޔޫތު މިނިސްޓްރީ

12 ރަށެއްގައި އިތުރު 15 ފުޓްސަލް ދަނޑުއަޅަން ނިންމައި ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވައިފި އެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ރައްޖޭގެ އެކި ހިސާބުތަކުގައި އެޅުމަށް ނިންމާފައިވާ ފުޓްސަލް ދަނޑުގެ ތެރެއިން 12 ރަށެއްގައި ފުޓްސަލް ދަނޑު އަޅަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.

މިއަދު އަޅަން ނިންމި ފުޓްސަލް ދަނޑުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ސޮއިކުރެއްވި އިރު މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ އިސްނެންގެވުމެއްގެ މަތިން ކުރިއަށްގެންދާ މަޝްރުއުގެ ތެރެއިން 50 ފުޓްސަލް ދަނޑު އަޅައި ނިމިފައިވާ ކަމާށާއި 90 ފުޓްސަލް ދަނޑެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަކަށް އެ މަސައްކަތްތައް ނިންމައި ޒުވާނުންނަށް ދަނޑުތައް ބޭނުން ކުރެވޭ ގޮތް ހެދުން ކަމަށެވެ.

މިއަދު ފުޓްސަލް ދަނޑު އަޅަން ނިންމި 12 ރަށަކީ ހއ. ތަކަންދޫ، ހދ. ނޮޅިވަރަންފަރު ، ކުމުންދޫ ، ނޭކުރެންދޫ، ހަނިމާދޫ، ނެއްލައިދޫ އއ. ތޮއްޑޫ، ކ.ހުރާ، މާފުށި ، ދިއްފުށި، ވިލިމާލެ ، ހުޅުމާލެ އެވެ.

މިއަދު އަޅަން ނިންމި ފުޓްސަލް ދަނޑުގެ ތެރެއިން ހަތަރު ފުޓްސަލް ދަނޑެއް ހުޅުމާލޭގައި އަޅަން ނިންމި އިރު މި 15 ފުޓްސަލް ދަނޑާ އެކު މިވަގުތު 105 ދަނޑެއް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

comment ކޮމެންޓް