ސައުދީ އަރަބިއްޔާ އިން 50 ޓަނުގެ ކަދުރު ރާއްޖެ އަށް ހަދިޔާކޮށްފި

ރޯދަ މަހަށް ހާއްސަކޮށްގެން ސައުދީއަރަބިއްޔާ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދިވެހިސަރުކާރާ ކަދުރު ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ރެޕްރެޒެންޓެޓިވް މުހައްމަދު ބިން ސާދު އަލް ހަކުބާނީ އެވެ.

ކަދުރާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ އެޑިޝަނަލް ސެކްރެޓަރީ ހަދީޖާ ޒާހިރު އެވެ.

ކަދުރު ހަދިޔާކުރި ކަމުގެ ލިއުން ހަވާލުކުރެއްވުމަށް ފަހު މުހައްމަދި ބިން ސާދު ވިދާޅުވީ ކަދުރަކީ ރޯދަ މަހުގެ ކާމޭޒުމައްޗަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ކޮންމެ ރޯދަ މަހަކު ސައުދީ ސަރުކާރުން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރަނީ އެހެންވެ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ކުރިއެރުމަށް އެހީވުމަށް ސައުދީ ސަރުކާރު އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން ކަދުރު ހަދިޔާކުރެއްވި ކަމަށް ޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ހަދީޖާ ޒާހިރު ޝުކުރުއަދާކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން ކަދުރު ކަސްޓަމްސް އިން ކްލިއާ ކުރުމާއި ގުދަންކޮށް ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ އެސްޓީއޯ ކަމަށެވެ. އަދި މިއަހަރު ކަދުރު ބެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

ނަވާރަސަތޭކަ އަށް އަށްޑިހަ އަށް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެ އަށް ކަދުރު ހަދިޔާކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު