މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ

މާރާމާރީއެއް ހިންގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު ސިމާއު

މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭ 10:00 ހާއިރު ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ މާލެ ތެރޭގައި ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ހައްޔަރުކުރި މީހުން އަދި ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މިއަދުގެ ވަގުތެއްގައި މުއްދަތު ޖަހަން ކޯޓަށް ގެންދާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ރޭގެ މާރާމާރީގައި މީހަކަށް ވެސް އަނިޔާވެ އޭޑީކޭގައި ވަނީ ފަރުވާ ދީފައެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، ރޭގެ މާރާމާރީގައި އަނިޔާވި މީހާއަށް އޮޕަރޭޝަނެއް ކުރުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބެއެވެ.

މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ މާރާމާރީގެ މައްސަލަތައް މަދުވެފައިވާ ދުވަސްވަރެއްގަ އެވެ. މިދިޔަ އަހަރު މާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގާފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތުގައި މިދިޔަ އަހަރު ފަސް މީހަކު މަރާލާފައިވެ އެވެ.

މިއަހަރުގެ ކުރީކޮޅު މަރާލާފައި އޮއްވައި ފެނުނު ލ. ގަން، ތުނޑި، ބާބުލްއަވާލީ ހައްވާ ޒުހާގެ މަރުގެ މައްސަލަ އާއި ސިލްސިލާ މަރާމާރީއެއްގައި 14 އަހަރުގެ ދެ ޒުވާނުން މަރާލި މައްސަލަ ފާހަގަކޮށްލެވެ އެވެ. އެ ދެ ޒުވާނުންނަކީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އާއި މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ އެވެ.

އޭގެ އިތުރުން ށ. ފުނަދޫ، ދިނަށަ، އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު މަރާލި މައްސަލަ އާއި އައްޑޫ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ ގެ މަރުގެ މައްސަލައަކީ ވެސް މިއަހަރު ތެރޭގައި ހިނގާދިޔަ މަރުގެ މައްސަލަތަކެވެ.

މިދިޔަ އަހަރަކީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު، މަރުގެ މައްސަލަތައް ވެސް މަދެވެ. ދެހާސްފަނަރަ ވަނަ އަހަރު އަށް މީހަކު އަނިޔާވެރިގޮތަކަށް މަރާލާފައިވެ އެވެ.

comment ކޮމެންޓް