ކްލަބް މޯލްޑިވްސް ކަޕް: ސިވިލް ކޯޓާއި ކަސްޓަމްސް އަށް ވެސް މޮޅެއް

ކަސްޓަމްސް ރެކްރިއޭޝަނަލް ކްލަބް--ފޮޓޯ / ފޭސްބުކް

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ކްލަބް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ބަލިކޮށް ސިވިލް ކޯޓް ހަމަޖެހިލިއިރު އާސަންދަ މައްޗަށް ކަސްޓަމްސްއިން ކުރި ހޯދައިފިއެވެ.

މާފަންނު ވެލިދަނޑުގައި ރޭ ކުޅުނު މި މެޗުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް މައްޗަށް ސިވިލް ކޯޓް ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ސިވިލް ކޯޓުން މެޗުގެ ލީޑު ނެގީ ތިން ވަނަ މިނިޓުގައި މޫސާ ހަސަން ޖެހި ލަނޑުންނެވެ. ނަމަވެސް ސިވިލް ކޯޓަށް ލީޑުގައި އޮވެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. އިބްރާހިމް ނައީމް ވަނީ ޔޫތް މިނިސްޓްރީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ސިވިލް ކޯޓުން ދެ ވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ އަހްމަދު އަދްނާން ކަމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ސިވިލް ކޯޓަށް މެޗުގެ ފަރަގު ބޮޑުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މޫސާ ހަސަނެވެ. އަދި ހަތަރު ވަނަ ލަނޑު ޖެހީ އަހްމަދު އަދުނާނެވެ. ޔޫތް މިނިސްޓްރީގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗު ނިމެން އުޅެނިކޮށް އެ ޓީމުގެ އަހްމދު ޝާކިރެވެ.

އާސަންދައާ ކަސްޓަމްސް ބައްދަލު ކުރި މެޗު ނިމުނީ 3-1 ނަތީޖާއަކުން ކަސްޓަމްސް ކުރި ހޯދައިގެންނެވެ.

ކަސްޓަމްސްއިން މި މެޗުގައި ކާމިޔާބުކުރި ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ހަސަން ނޫރިޝްއެވެ. އާސަންދައިން ޖެހި ހަމަ އެކަނި ގޯލް އެޓީމަށް ކާމިޔަބުކޮށްދިނީ މުހައްމަދު ރީހާނެވެ.

comment ކޮމެންޓް