މަސައްކަތް ކުރަނީ އެވޯޑު ހޯދާކަށް ނޫން: ސުޝާންތު

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އިން ގިނަ ބައެއްގެ ތައުރީފު ހޯދި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު، މަސައްކަތް ކުރަނީ އެވޯޑު ހޯދަން ނޫން ކަމަށް އޭނާ ބުނެފި އެވެ.

ސުޝާންތު އެ ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިން ކްރިޓިކްސް އަދި ބެލުންތެރިން ބަލައިގަތެވެ. އަދި އޭނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާ އަކީ މިހާރު ތިބި އަރަމުން އަންނަ ޒުވާން ފަންނާނުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް އެކްޓަރު ކަމަށް ބުނަމުން ދިޔަ އެވެ.

ފިލްމުން ލިބުނު ތަރުހީބުގެ އިތުރުން، އެ ފިލްމުގައި އޭނާ އަދާކޮށްފައިވާ މަހިންދުރަ ސިންގް ދޯނީގެ ރޯލުން އޭނާ ވަނީ މޮޅު އެކްޓަރުގެ ގިނަ އެވޯޑުތަކަކަށް ނޮމިނޭޓް ވެފަ އެވެ. ނޮމިނޭޓުވި ނަމަވެސް އެއްވެސް އެވޯޑެއް ސުޝާންތަށް ނުލިބުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު ވެސް އުފައްދައިފަ އެވެ.

ނަމަވެސް ސުޝާންތު ބުނީ އެ ފިލްމުން ގިނަ އެވޯޑުތަކަކަށް ނޮމިނޭޓުވެ، އެއްވެސް އެވޯޑެއް ނުލިބުން ނަމަވެސް އޭނާގެ އެއްވެސް ޝަކުވާ އެއް ނެތް ކަމަށެވެ.

"ކުރާ މަސައްކަތް ބަޔަކު ބަލައިގަތުމަކީ ކޮންމެ މީހަކު ވެސް އުފާވާނެ ކަމެއް. އެކަމަކު އަހަންނަކީ އެވޯޑަށް މަސައްކަތް ކުރާ މީހެއް ނޫން،" ސުޝާންތު ބުންޏެވެ.

ސުޝާންތު ބުނީ ބޮކްސް އޮފީހުގައި ފިލްމަށް ލިބޭ އާމްދަނީ އަކީ އޭނާ ބަލަން ބޭނުންވާ އެއްޗެއް ނޫން ކަމަށާއި، އޭނާ އަށް މުހިންމީ ކުރާ ކޮންމެ މަސައްކަތަކުން ވެސް އޭނާ އަށް ލިބޭ ތަޖުރިބާ ކަމަށެވެ.

ސުޝާންތު މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ އާއި ކްރިތީ ސަނޯން އެކުގައި ފެނިގެންދާ ފިލްމު 'ރާބްތާ' ރިލީޒް ކުރުމަށެވެ. ދިނޭޝް ވިޖާން ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގައި ގިނަ އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭނެ އެވެ.

'ރާބްތާ' އަކީ ކްރިތީ އަދި ސުޝާންތު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް