ހުޅުމާލޭގައި ފްލެޓް އަޅަން ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި

ފްލެޓް އަޅަން ހަވާލުކުރި ކުންފުންޏަކާ އެކު އެޗްޑީސީން އެއްބަސްވުން ބަދަލުކުރައްވަނީ --- ފޮޓޯ/ އެޗްޑީސީ

މެދުފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ފްލެޓް އެޅުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ކުރިން ނިންމަން މަސައްކަތްކުރާ އެ ފްލެޓްތަކުގެ މަސައްކަތް ހަވާލު ކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއި އެސޯސިއޭޓް ބިޒްނަސް އެޖެންޓް މޯލްޑިވްސް އާއި ޖަވާހިރު އިލެވެން އަދި ގެލޮން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ހަތް ބިމެއްގައި ފްލެޓް އެޅުމަށް އެޗްޑީސީން އިއުލާނުކޮށް އެކަން ކުރާނެ ހަތް ފަރާތެއް ވަނީ ކުރިން ކަނޑައަޅާފައި ކަމަށާއި އިތުރު ތިން ކުންފުންޏާއެކު ވަރަށް އަވަހަށް އެއްބަސް ވުމުގައި ސޮއި ކުރާނެ ކަމަށެވެ.

ހުޅުމާލޭ ރޯ ހައުސްތައް ކައިރީ، ނެއިބަހުޑް އެކެއްގައި އެ ފްލެޓްތައް އަޅަނީ 2500 އަކަފޫޓުގެ ބިމެއްގައެވެ. ކޮންމެ ފްލެޓެއް ވެސް އަށް ބުރިއަށް އިމާރާތް ކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

އެ ބިންތައް ތަރައްގީކުރަން ހަވާލުކުރަން ނިންމާފައި ވަނީ އަކަފޫޓެއް 1200 ރުފިޔާގެ ރޭޓުންނެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކުން ޑިވެލޮޕްމަންޓް ސޭލްސް ރައިޓްގެ އަގުގެ ގޮތުގައި އަކަފޫޓަކަށް 1200 ރުފިޔާ އެތަނުގެ ޑީޓެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.

comment ކޮމެންޓް