ރައުދާގެ ހަށިގަނޑު ކަށްވަޅުން ނެގުމަށް ސީއައިޑީން ކޯޓުގައި އެދިއްޖެ

ރައުދާ އާތިފް ---

ބަންގާޅުގައި މިދިޔަ މަހުގެ ފަހުކޮޅު މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ ހަށިގަނޑު ކަށްވަޅުން ނަގައި، އަލުން އޮޓޮޕްސީއެއް އަލުން ހެދުމުގެ ހުއްދައަށް އެ މައްސަލަ ތަހުގީގުކުރާ ބަންގާޅުގެ ސީއައިޑީއިން އެދުމަށް ނިންމައިފިއެވެ.

ރައުދާގެ ހަށިގަނޑު ވަޅުލީ އޭޕްރިލް އެއްވަނަ ދުވަހު، ރާޖްޝާހީގެ ހަތިމް ޚާން ޤަބުރުސްތާނުގައެވެ. އޭނާގެ ހަށިގަނޑު ވަޅުލި އިރު، އޮޓޮޕްސީއެއް ވަނީ ހަދައިފައެވެ. އާއިލާއިން އިތުރު އޮޓޮޕްސީއެއް ހަދަން އޭރު ބޭނުންވި ނަމަވެސް، އިތުރު އޮޓޮޕްސީއެއް ހެދޭނެ ސަރަހައްދަކަށް ހަށިގަނޑު ގެންދިއުމަކީ ކުރަން އުނދަގޫ ކަމަކަށް ވުމުން ހަށިގަނޑު ވަޅުލީއެވެ.

ރައުދާގެ އާއިލާގެ ފަރާތުން ބައްޕަ ޑރ. މުހައްމަދު އާތިފް، ރާޖްޝާހީ މެޖިސްޓްރޭޓު ކޯޓަށް މިދިޔަ ހަފްތާގައި ވަނީ، ރައުދާ މަރައިލީ ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްދިނުމަށް އެދި މައްސަލައެއް ވައްދައިފައެވެ. އެ މައްސަލަ ކޯޓުން ބަލައިގަނެ، ރަނގަޅަށް ތަހުގީގުކުރުމަށް ކޯޓުން އަމުރުކުރި އިރު، އެ މައްސަލަ ބެލުމަށް މިހާރު ހަވާލުކޮށްފައިވަނީ ބަންގާޅުގެ ސީއައިޑީއާއެވެ.

ސީއައިޑީ ފަރާތުން އިންސްޕެކްޓަރ އަސްމާއުލް ހައްޤު ރާޖްޝަހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅަން ނިންމާފައިވާ މައްސަލައިގައި ވަނީ، ރައުދާގެ ކަށްވަޅު ކޮނެގެން ހަށިގަނޑު ނެގުމުގެ ހުއްދައަށް އެދުމެވެ.

ނަމަވެސް މި ޕެޓިޝަން އަދި ކޯޓަށް ހުށަހަޅާފައި ނުވާކަމަށް ރާޖްޝަހީ ކޯޓުގެ އޮފިޝަލަކު "ދަ ޑެއިލީ ސްޓާ" ނޫހަށް ވިދާޅުވިއެވެ.

ރާޖްޝާހީ ސީއައިޑީގެ ސުޕަރިންޓެންޑެންޓް ނަޒްމުލް ކަރީމް ޚާން ވިދާޅުވީ، ރައުދާގެ ހަށިގަނޑުގެ ދެވަނަ އޮޓޮޕްސީއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ، ކުރީގެ އޮޓޮޕްސީއިން ރައުދާ އަމިއްލައަށް މަރުވީކަން ހާމަވެފައިވާ އިރު، ރައުދާގެ ބައްޕަ އެކަން ގަބޫލުނުކޮށް، ބަޔަކު ރައުދާ މަރައިލީ ކަމަށް ބުނަމުންދާތީ ކަމަށް ސުޕްރިންޓެންޑެންޓް ނަޒްމުލް ކަރީމް ވިދާޅުވިއެވެ.

"މި ތަހުގީގުގައި އެއްވެސް އުނިކަމެއް އޮތުމަށް ބޭނުމެއް ނޫން. ރައުދާގެ ހަށިގަނޑަކީ މި މައްސަލައިގެ އެންމެ މުހިންމު ހެކި،" ނަޒްމުލް ކަރީމް ޚާން ވިދާޅުވިއެވެ.

ރައުދާގެ މަރުގެ ތަހުގީގުގައި ބައިވެރިވުމަށް ދިވެހި ފުލުހުން ވެސް ބަންގާޅަށް ދިޔަ އިރު، މިދިޔަ ހަފްތާގައި ފުލުހުން ވަނީ އެ ތަހުގީގުން ފާހަގަވި ކަންކަން އާންމުކޮށްފައެވެ.

އެގޮތުން، ރައުދާ އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ ދިވެހި ދަރިވަރަކަށް ކަމަށާއި، ރައުދާގެ ކަރުގައި ހުރި ނިޝާންތަކަކީ އޭނާ ދަންޖެހުމަށް ބޭނުންކުރި ފޮތިގަނޑުގައި ހުރި އެއްޗެހިތަކެއްގެ ސަބަބުން އެރި ނިޝާންތަކެއް ކަމާއި، ރައުދާގެ އަނގައިން ސޮނި ފައިބައި، އޭނާގެ ހެދުމާއި ސްކާފްގައި ވެސް އެ ހިކިފައި ހުރިކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ރައުދާގެ މަރުގެ މައްސަލައިގައި އާއިލާއިން އެންމެ ބޮޑަށް ތުހުމަތުކުރާ، ރައުދާގެ ރަހުމަތްތެރިޔާ އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ސީރަތު ޕަރުވީން މުހައްމަދުގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކުރެވޭ ވަރުގެ ހެއްކެއް ފެނިފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް