ވެލިގާއިން ދޭ ރަތް އައިފޯނުގެ ނަސީބުވެރިޔާ ހޮވައިފި

ވެލިގާ ހާޑްވެއާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ސޯޝަލް މީޑިއާ ޕްރޮމޯޝަންގައި ނަސީވެރިއަކަށް ހޮވުނު ފަރާތުގެ ނަން އެ ކުންފުނީގެ ވެބްސައިޓުގައި ވަނީ އިއުލާންކޮށްފައި --

މި މަހުގެ ހަ ވަނަ ދުވަހު ވެލިގާ ހާޑްވެއާގެ ނުވަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޭސްބުކާއި ޓްވިޓާގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ނަސީބުވެރިޔާ މިރޭ އިއުލާންކޮށްފިއެވެ.

އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންދިޔަ ސޯޝަލް މީޑިއާ ޕްރޮމޯޝަނުގައި ޖެހުނީ ފޭސްބުކްގައި ނަމަ ވެލިގާގެ ޕޭޖުން ޕޯސްޓުކޮށްފައިވާ ފޮޓޯއަށް ލައިކު ދީ، ތިން ރަހުމަތްތެރިން ޓެގުކޮށް، އަދި ފޮޓޯ ޝެއާ ކުރާށެވެ. ޓުވިޓާގައި ހިންގާ ހަރަކާތުގައި ޖެހުނީ ވެލިގާގެ ފޮޓޯ ރީޓުވީޓު ކުރާށެވެ.

އެ މުބާރާތް ކުރިޔަށް ގެންދިޔަ ފޭސްބުކް ޕޯސްޓް އެތައް ބަޔަކު ލައިކްކޮށް ޝެއާކޮށް ހެދި ފަހުން "ގެއްލުނީ"އެވެ. ވެލިގާއިން ބުނި ގޮތުގައި އެ ޕޯސްޓް ގެއްލުނު އިރު އެއަށް ޖުމްލަ 4،694 ލައިކު، 7،730 ޝެއާ އަދި 8،893 ކޮމެންޓު ލިބިފައި އޮތެވެ.

އެ ޕޯސްޓާ އެކު ކުންފުނީގެ ފޭސްބުކް ޕޭޖަށް 6000 ލައިކްސް އިތުރުވި އެވެ.

ފޭސްބުކް އަދި ޓްވިޓާގައި ހިންގި އެ ޕްރޮމޯޝަނުގައި ވެލިގާއިން ދޫކޮށްލަން ނިންމީ، އެޗްއައިވީ އެއިޑްސްއަށް ހޭލުންތެރިކޮށް، އެ ބަލި ނައްތާލުމަށް ކުރާ މަސައްކަތަށް ފައިސާ އެއްކުރުމުގެ ގޮތުން އެޕަލްއިން އުފެއްދި އައިފޯން 7ގެ ރަތް ކުލައިގެ ސްޕެޝަލް އެޑިޝަން ފޯނެކެވެ.

ްޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޯދުމަށް މިރޭ ބޭއްވި ލަކީ ޑްރޯ ކުރިއަށް ގެންދިޔައީ ނޫސްވެރިން ކުރިމަތީގައެވެ. އިލެކްޓްރޯނިކް ސިސްޓަމެއް މެދުވެރިކޮށް ނެގި ގުރުއަތު ނެގުމުން ނަސީބުވެރިއަކަށް ހޮވުނީ "ފާތިމަތު ޔޫ ޔޫހާ" ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓެވެ.

އެ އެކައުންޓުގެ ވެރިފަރާތާ ފޯނު ހަވާލުކުރަން ވެލިގާއިން ހަމަޖައްސާފައި އޮތީ އެއީ އެ އެކައުންޓުގެ ވެރިފަރާތްތޯ ވެރިފައި ކުރުމަށްފަހު އެވެ.

ނަސީބުވެރިޔާ ހޮވަންދެން ދިޔައީ ވެލިގާގެ ވެބްސައިޓުގައިވާ ލިސްޓުގައި ހުރި ނަންތައް ރޯލް ކުރަމުންނެވެ. އަދި އެ ލިސްޓުގައި ނަން ނެތް ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލި އެވެ. އެގޮތުން ލިސްޓުގައި ނަން ނެތް ކަމަށް ރިޕޯޓު ކުރި 200 އެއްހާ ފަރާތެއްގެ އައިޑީތައް ޗެކް ކުރުމަށްފަހު ވަނީ ލިސްޓަށް އިތުރުކޮށްފައެވެ.

މި މުބާރާތުގައި ޓްވިޓާއާއި ފޭސްބުކް ޔޫސާސްގެ ތެރެއިން 12800 އެއްހާ މީހުން ބައިވެރިވި ކަމަށް ވެލިގާއިން ބުންޏެވެ.

comment ކޮމެންޓް