Sun Online
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---

ޞަޙާބިއްޔާތުންގެ ނަމޫނާ–5

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

(10 އޭޕްރީލް ދުވަހުގެ އަދަދާ ގުޅޭ)

ޚުލުޤުފުޅު ހެޔޮކަން

އިތުރުސާހިބާގެ ތަރުބިޔަތުގެ ސަބަބުން ޞަޙާބިއްޔަތުންކުރެ ކޮންމެ ބޭކަނބަލަކުވެސް ހިމެނިވަޑައިގެންފައި ވަނީ ޣީރަތްތެރިކަމާއި، ހިތްޕުޅުގެ މުއްސަދިފުޅުކަމާއި، އަބުރުފުޅު ހިފެހެއްޓެވުމުގެ ނަމުނާއެއް ކަމުގައެވެ. އެހެންކަމުން އެބޭކަނބަލުން މީހުންގެ ގާތުން ކަންކަމު އެދިވަޑައިގަތުމާ ދުރުހެލިވެވަޑައިގެންނެވިއެވެ.

މައިންބަފައިންގެ ގާތުގައި ކަންކަމު އެދުމަކީ އެއްވެސް މީހަކު ލަދުގަންނަ ކަމެއް ނޫނެވެ. ނަމަވެސް އެހެން ބައެއްގެ ކުރިމަތީގައި އެފަދަ އެދިވަޑައިގަތުމެއް އެދިވަޑައިގަތުމަށްވެސް ޞަޙާބިއްޔާތުންގެ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަނެއެވެ.

އައްސައްޔިދާ ފާޠިމަތު ބިންތި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަމަނާގެ ގެކޮޅުގެ ހުރިހާ މަސައްކަތްޕުޅުތަކެއް ކުރައްވައި އުޅުއްވީ އަމިއްލަފުޅަށެވެ. ގެކޮޅުގެ މަސައްކަތްޕުޅު ބޮޑުކަމުން ވަރަށް ބުރަކޮށް އުޅުއްވި ދުވަސްވަރެއްގައި އިތުރުސާހިބާގެ އަރިހަށް އަޅުންތަކެއް ގެނެވުނެވެ. ފާޠިމަތުގެފާނު އަޅަކު ހޯއްދެވުމުގެ ބޭނުންފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށް ވަޑައިގެންނެވިއެވެ. އިތުރުސާހިބާ އޭރު އިންނެވީ ބަޔަކާ ވާހަކަ ދައްކަވާށެވެ. އެހެންކަމުން ފާޠިމަތުގެފާނު ލަދުފުޅުން އެވާހަކަ ވިދާޅުނުވެ އެނބުރި ވަޑައިގެންނެވީއެވެ.

ދީލަތިފުޅުކަމާއި މީހުންނަށް އެހީތެރިވެދެއްވުން

ރީތި އަޚްލާޤީ ސިފަތަކުގެ ތެރެއިން އެންމެ އަރައިހުރި އެއްސިފަޔަކީ ތިމާގެ އަމިއްލަ ނަފްސަށްވުރެ ތިމާގެ އަނެއް އަޚަކަށް ނުވަތަ އުޚުތަކަށް އިސްކަން ދިނުމާއި ދީލަތިކަމެވެ. ޞަޙާބިއްޔަތުން ތިއްބެވީ މިސިފައިން އެންމެ ރީތިގޮތުގައި ސިފަލިބިވަޑައިގެންނެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަނީ އެކަމަނާގެ ކޮޓަރިކޮޅުގައި އިތުރުސާހިބާއާއި އަބޫބަކުރުގެފާނާއި ދެބޭކަލުންގެ އަރިހުގައި އެކަމަނާ ފަސްދާނުވަޑުވާގޮތަށް ޖާގަ ހަމަޖައްސަވައިފައެވެ. ނަމަވެސް އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ އަންހު އެދިވަޑައިގަތުމުން އެކަމަނާއަށް ޚާއްސަކުރެއްވި ޖާގަ އެކަލޭގެފާނަށް ވެދުންކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. " އަޅުގަނޑު ވަނީ އެތަން ޚުދް އަޅުގަނޑަށްޓަކައި ބާއްވައިފައެވެ. ނަމަވެސް މިއަދު އަޅުގަނޑުގެ މައްޗަށް ކަލޭގެފާނަށް އިސްކަންދެމެވެ."

އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ގިނައިން ސުންނަތް ރޯދަ ހިއްޕަވައި އުޅުއްވިއެވެ. އެގޮތުން އެކަމަނާ ރޯދަފުޅު ދުވަހެކެވެ. އެދުވަހު އެންމެ ރޮށްޓެއް ފިޔަވައި ގަނޑުވަރުގައި ރޯދަފުޅު ވީއްލަވާނެ އެއްވެސް އެއްޗެއް ނެތެވެ. އެދުވަހު މިސްކީނު އަންހެނެއް އެކަމަނާގެ އަރިހަށް ދިޔައެވެ. ކޮންމެވެސް ޚައިރާތެއް ކޮށްދެއްވުން އެދިއެވެ. އެމީހާއަށް ދެއްވާނެ އެއްވެސް އެއްޗެއް އެދުވަހު އަތްޕުޅަކުނެތެވެ. އެހެންކަމުން ޢާއިޝަތުގެފާނު އެކަމަނާގެ ޚާދިމާ ގާތު ވިދާޅުވިއެވެ. މީނާއަށް އެރޮށިކޮޅު ދޭށެވެ. އެހިނދު ޚާދިމާ ދެންނެވިއެވެ. އޭރުން ކަމަނާ ރޯދަފުޅު ވީއްލަވާނީ ކޮން އެއްޗަކުންތޯއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. " ދިނިއްޔާ ވާނީ ކީއްހެއްޔެވެ؟" ހަވީރު ވާންވީއިރަށް ކޮންމެވެސް މީހެއް ޢާއިޝަތުގެފާނުގެ އަރިހަށް ބަކަރިމަސް ވެދުމަށް ފޮނުވައިފިއެވެ. ޢާއިޝަތުގެފާނު ޚާދިމާ ގާތު ވިދާޅުވިއެވެ. މިއީ ރޮށްޓަށްވުރެ މާރަގަނޅު ކެއުމެކެވެ.

އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ އަންހާއަށް ލިބިވަޑައިގަންނަވާ ހުރިހާ އެއްޗެހިކޮޅެއް ގެންދެވީ ޞަދަޤާތް ކުރައްވަމުންނެވެ. އެކަމަނާއަށް ލިބިވަޑައިގަންނަވާ ހުރިހާ އެއްޗެއް އެންމެ ފުރަތަމަ އެއްކުރައްވަނީއެވެ. އެކަށީގެންވާ ޢަދަދެއް ޖަމާކުރެއްވޭ އިރަށް ޞަދަޤާތްކޮށްލައްވައެވެ.

މުންކަދިރު ބުނު އަބްދުﷲ އެއްދުވަހަކު ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގަތުމުން ޢާއިޝަތުގެފާނު ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ އެއްވެސް ބޭފުޅަކު އެބަ ހުންނެވިތޯއެވެ؟" އެކަލޭގެފާނު ނޫނެކޭ ވިދާޅުވުމުން އުއްމުލް މުއުމިނީން ވިދާޅުވިއެވެ. "އަޅުގަނޑުގެ އަތުގައި ދިރުހަމު ހުރިނަމަ ކަލޭގެފާނަށް އެރުވީމުހެވެ."

އިއްތިފާޤުން ހަމަ އެދުވަހު ހަވީރު އަމީރު މުޢާވިޔާ ފޮނުއްވި ފައިސާތަކެއް އުއްމުލް މުއުމިނީނަށް ލިބިވަޑައިގެންނެވިއެވެ. އެފައިސާ ލިބިވަޑައިގަތުމުން ވިދާޅުވިއެވެ. "އަހުރެން މިއިމްތިޙާން ކުރެވުނީ ހާދަ އަވަހަކަށެވެ." އެހެން ވިދާޅުވެފައި މީހަކު ފޮނުއްވައިގެން މުންކަދިރު ބުނު އަބްދުﷲ ގެންނަވައި އެކަލޭގެފާނަށް ދިހަހާސް ދިރުހަމު ދެއްވިއެވެ. އެކަލޭގެފާނު އެފައިސާއަށް އަޅުއަންހެނަކު ބައްލަވައިގެންނެވިއެވެ. އެއަންހެންމީހާގެ ކިބައިން އެކަލޭގެފާނަށް ވަރަށް ގިނަ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ.

ޞަޙާބިއްޔަތުންގެ ދީލަތިފުޅުކަމުގެ ސަބަބުން މުސްލިމުންނަށް ވަރަށްބޮޑަށް ލާބަ ލިބި މުސްލިމުންގެ ޙާލަތު ރަނގަޅުވިއެވެ. އައްސައްޔިދާ އުއްމު ސުލައިމް ރަޟިޔަﷲ ޢަންހާ އެކަމަނާގެ ޚާއްސަ ކަދުރުދަނޑެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ވެދުމަށް އެރުއްވިއެވެ. އިތުރުސާހިބާ އެބަގީޗާގެ އާމްދަނީ މުސްލިމުންނަށާއި އިސްލާމީ ދައުލަތަށް ހޭދަކުރެއްވިއެވެ.

ޞަޙާބިއްޔާތުންގެ ތެރެއިން އައްސައްޔިދާ އަސްމާއު ބިންތި އަބީބަކުރު ރަޟިޔަﷲއަންޙާއަކީވެސް ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. އެކަމަނާއަށް ލިބިވަޑައިގަންނަވާ އާމްދަނީ ދުވަހުން ދުވަހަށް ޞަދަޤާތް ކުރައްވަމުން ގެންދެވިއެވެ. އެއްވެސް އެއްޗެއް ރައްކާކުރައްވައިފައެއް ނުބަހައްޓަވައެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބިކަބަލުންކުރެ އައްސައްޔިދާ ޒައިނަބު ބިންތި ޖަޙްޝު ރަޟިޔަﷲ ޢަންހާ އަކީ ވަރަށް މަސައްކަތްތެރި ބޭކަނބަލެކެވެ. އަމިއްލަފުޅަށް ހަން ދިބާޣު ކުރައްވައެވެ. ފަށުވީން ރޮދި އަޅުއްވައެވެ. އެމަސަކަތްޕުޅުން ލިބިވަޑައިގަންނަވާ އާމްދަނީ މިސްކީނުންނަށް ހޭދަކުރައްވައެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ އަނބިއަނބިކަބަލުންނަށް އެއްފަހަރަކު ހަދީޘްކުރެއްވިއެވެ. ތިޔަ ބޭކަނބަލުންކުރެ އަޅުގަނޑާ އެންމެ އަވަހަށް ބައްދަލުވެވަޑައިގަންނަވާނީ އެންމެ އަތްޕުޅު ދިގު ބޭކަނބަލެކެވެ. އެހެންވެ ރުއްސުންލެއްވި މައިކަނބަލުން އެބޭކަނބަލުންގެ އަތްޕުޅުތަކުން މިންނަންގަވައި އުޅުއްވިއެވެ. އެންމެ އަތްޕުޅުކުރީ އައްސައްޔިދާ ޒައިނަބު ރަޟިޔަﷲ ޢަންހާއެވެ. ނަމަވެސް ރަސޫލާ ސުވަރުގެވަޑައިތުމަށްފަހު އެންމެ ފުރަތަމަ އަވަހާރަވީ ބޭކަނބަލަކީ އެކަމަނާ ކަމުގައި ހިމެނިވަޑައިގަތުމުން ރުއްސުންލެއްވި މައިކަނބަލުންނަށް އިތުރުސާހިބާގެ ޙަދީޘުފުޅުގެ މުރާދު ވިސްނިވަޑައިގެންނެވިއެވެ.

އިދިކޮޅުފަރާތުން ބަދަލު ނުހިއްޕެވުން

ތިމާގެ ދެކޮޅުވެރިޔާ ކޮންމެވެސް މުޞީބާތެއްގައި ހައްޔަރުވާ ވަގުތަކީ ބައެއްމީހުން ނަޒަރުގައި ބަދަލުހިފުމަށް އެންމެ ރަގަނޅު ފުރްޞަތެވެ. ނަމަވެސް ޞަޙާބިއްޔާތުންގެ ހިތްޕުޅުގައި އުފެދިފައިވާ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ލޯބިފުޅުގެ ސަބަބުން އެކަނބަލުންގެ ހިތްޕުޅުގައި އަނެކުންނާމެދު ޙަސަދައާއި ބަދަލުހިއްޕެވުމުގެ ޖަޒުބާތަށް ކުޑަވެސް ޖާގައެއް ނޯވެއެވެ.

އުއްމަހާތުލް މުއުމިނީންގެ ތެރެއިން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ އަންހާ އާއި އައްސައްޔިދާ ޒައިނަބު ބިންތި ޖަޙްޝު ރަޟިޔަﷲ އަންހާ އާ ދެބޭކަބަލުން ބައެއްފަހަރު އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކާ ވާދަކުރައްވައި އުޅުއްވިއެވެ. އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ އަންހާގެ އިސްތަށިފުޅުގައި މުނާފިޤުން ދޮގު ތުހުމަތެއް އަޅުވައިގެން އުޅުނު ދުވަސްވަރު އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢާއިޝަތުގެފާނުގެ ޚުލުޤުފުޅާ ބެހޭގޮތުން ޒައިނަބުގެފާނާ މަޝްވަރާކުރެއްވިއެވެ. ނަމަވެސް ޒައިނަބުގެފާނު ޢާއިޝަތުގެފާނުގެ ފަރާތްޕުޅުން ބަދަލުހިއްޕަވާން އުޅުއްވުމުގެ ބަދަލުގައި ހަޤީޤަތް ހާމަކުރެއްވިއެވެ.އެކަމަނާ ވިދާޅުވިއެވެ.އަޅުގަނޑުގެ ލޮލާއި ކަންފަތް އަޅުގަނޑު ފުރިހަމައަށް ރައްކާތެރިކުރަމެވެ. ޢާއިޝަތުގެފާނާ ބެހޭގޮތުން އަޅުގަނޑަށް ހެޔޮކަމެއް މެނުވީ އެނގިފައެއް ނުވެއެވެ.

ބަދަލުހިއްޕެވުން އެއްކިބައިގައި އޮއްވައި ތިމާއާ އިދިކޮޅު މީހުންނާމެދު ހިތްޕުޅުގައި ނީހައެއް ބޭއްވެވުމަކީވެސް ޞަޙާބިއްޔަތުން ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ އަންހާގެ ކޮއްކޯފުޅު މުޙައްމަދުބުނު އަބީބަކުރު ޤަތުލުކުރެއްވީ މުޢާވިޔަތުބުނު ޚަދީޖެވެ. މުޢާވިޔަތަކީ އުމަވީ ލަޝްކަރެއްގެ އިސްވެރިޔެކެވެ. ޢާއިޝަތުގެފާނުގެ މުޢާވިޔަތުގެ ލަޝްކަރުގެ ސިފައިންގެ މީހަކާ ސުވާލުކުރެއްވިއެވެ. އެހަނގުރާމައިގައި މުޢާވިޔަތުގެ ސުލޫކު ހުރީ ކިހިނަކުން ހެއްޔެވެ؟ ޖަވާބުގައި ސިފައިންގެ މީހާ ދެންނެވިއެވެ. އޭނާގެ ނުރަގަނޅުކަމެއް ފާހަގަކުރެވިފައެއް ނެތެވެ. އެންމެންވެސް އޭނާއަށް ތަޢުރީފްކުރެއެވެ. ޖަމަލެއް ގެއްލިއްޖެނަމަ ބަދަލުގައި ޖަމަލެއް ދެއްވައެވެ. އަހެއް މަރުވެއްޖެނަމަ އަހެއް ދެއްވައެވެ. އަޅަކު ފިލައިފިނަމަ އަލުން އަޅަކު ދެއްވައެވެ. ޢާއިޝަތުގެފާނުގެ ވިދާޅުވިއެވެ. އަސްތަޣުފިރުﷲ އެވެ. މުޢާވިޔާ އަހަރެންގެ ކޮއްކޮ ޤަތުލުކުރެއްވީތީ އޭނާއާމެދު އަހަރެންގެ ހިތުގައި ރުޅިވެރިކަން ބާއްވާންވީ ކީއްވެހެއްޔެވެ؟ އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާފުޅު ކުރައްވާތީ އަހަރެން އަޑުއެހީމެވެ. ހައްދަވައި ބޮޑުކުރެއްވި ކަލާކޯއެވެ. މިއަޅާގެ އުންމަތާމެދު އޯގާވެރިވެއްޖެ މީހަކާމެދު އިނބަރަސްކަލާނގެ އޯގާވަންތަވެ ވޮޑިގެންފާނދެވެ! މިއަޅާގެ އުންމަތާމެދު ހަރުކަށިވެއްޖެ މީހަކާމެދު އިނބަރަސްކަލާނގެ ހަރުކަށިވެ ވޮޑިގެންފާނދޭވެ.

މެހްމާނުންނަށް ކަމޭހިއްތެވުން

މެހްމާނުންނަށް ކަމޭހިއްތެވުމަކީވެސް ޞަޙާބިއްޔަތުން ނުހަނު ޝައުޤުވެރިވެވަޑައިގެންނެވި ކަމެކެވެ. ޞަޙާބީ ބޭކަނބަލެއް ކަމުގައިވާ އުންމުޝަރީކަކީ ވަރަށް މުއްސަނދިފުޅު އަދި އެހައިމެ ދީލަތިފުޅު ބޭކަނބަލެކެވެ. އެކަމަނާ،އެކަމަނާގެ ގެކޮޅުގައި މެހްމާނުން ބައިބަތިބަވާލެއް ގިނަކަމުން އެގެކޮޅަކީ މެހްމާންސަރާއެއް ކަހަލައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ބޭރުން ވަރަށް ގިނަ މެހްމާނުން އާދެއެވެ. އެކަމަނާ އޭގެތެރެއިން ވަރަށް ގިނަ މެހްމާނުންނަށް އެކަމަނާގެ ގެކޮޅުން ޖާގަދެއްވައެވެ.

އަމިއްލަފުޅު އަގުހިފެހެއްޓެވުން

ނަފްސުގެ އަގު ހިފެހެއްޓެވުމުގައިވެސް ޞަޙާބިއްޔާތުންނަކީ އެންމެ ފުރިހަމަ ނަމޫނާއެވެ. ޢަބްދުﷲ ބުނުއް ޒުބައިރު ރަޟިޔަﷲ ޢަންހު ޝަހީދުކުރެވުނު ދުވަހު އެކަލޭގެފާނުގެ މައިކަނބަލުން އައްސައްޔިދާ އަސްމާގެ އަރިހަށް ވަޑައިގަތުމުން އަސްމާ ވިދާޅުވިއެވެ. ދަރިފުޅާއެވެ. ޤަތުލުވެދާނެތީ ބިރުން އެއްވެސްކަހަލަ އިހާނެތިކަމެއް ދަރިފުޅަށް ބަރުދާސްކުރަން ޖެހޭފަދަ ޝަރުޠެއް ޤަބޫލު ނުކުރައްޗެވެ. މާތްﷲ ގަންދެމެވެ. ޢިއްޒަތްތެރިކަމާއިއެކު ކަނޑިއެތިފަހަރެއް ލިބިގަނެ މަރުވުން ނިކަމެތިކަމާއިއެކު ހަންމުށީގެ އެތިއެތިފަހަރު ބަރުދާސް ކުރުމަށްވުރެ މާހެޔޮކަންބޮޑެވެ.

ކެތްތެރިވެވަޑައިގަތުން

މީހުން މަރުވުމުން އެކަމާ ހިތާމަކޮށް ރުއިމާއި، ބޮލުގެ އިސްތަށިތައް ނޮޅުމާއި، ހެދުން ވީދުމާއި، އެތައް ދުވަހެއް ވަންދެން ހިތާމައިގެ ޅެންތައް ހަދައިގެން ކިޔައިއުޅުމަކީ ޢަރަބީންގެ ޤައުމީ ޝިޢާރެކެވެ. ނަމަވެސް ނަބަވީ ތަރުބިޔަތުގެ ނަތީޖާއެއްގެ ގޮތުން ޞަޙާބިއްޔަތުންގެ ހިތްޕުޅުގައި ކެތްތެރިކަމަށް ވަނީ ވަރަށްބޮޑަށް ޝައުޤު އުފެދިފައެވެ.

އަބޫޠަލްޙަތު ރަޟިޔަﷲ ޢަންހުގެ ދަރިކަލުން އަބޫޢުމައިރު އާލާސްކަންފުޅާ އުޅުއްވަނިކޮށް އެއްދުވަހަކު އެކަލޭގެފާނު ހެނދުނު މަސައްކަތަށް ބޭރަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ގޭގައި ވަޑައިގެންނެތީސް އަބޫޢުމައިރު އަވަހާރަވެއްޖެއެވެ. އަބޫޠަލްޙަތުގެ އަނބިކަނބަލުން އުއްމު ސުލައިމު އަވަށްޓެރީން ގާތު ވިދާޅުވިއެވެ. އަބޫޠަލްޙަތުގެ އަރިހުގައި މިވާހަކަ ނުދަންނަވާށެވެ. އަބޫޠަލްޙަތު ގެއަށް ވަޑައިގެން އުއްމު ސުލައިމާ ސުވާލުކުރެއްވިއެވެ. ދަރިފުޅު މިހާރު ކިހިނެއް ހެއްޔެވެ؟ އުއްމު ސުލައިމް ޖަވާބުދެއްވިއެވެ. ކުރިއަށްވުރެ މިހާރު ހިމޭނެވެ. ދެން އެކަލޭގެފާނުގެ އަތްފައިންޕުޅު ދޮވެދެއްވައި ފަރީއްކޮޅު އެރުއްވިއެވެ. އައަށްފަހު ދެކަނބަލުން އަރާމުކުރައްވާން އޮށޯވެވަޑައިގެންނެވިއެވެ. އަބޫޠަލްޙަތުގެ ވަރުބަލިފުޅު ފިލައި ހަމަޖެހިވަޑައިގަތުމުން އުއްމު ސުލައިމު ވިދާޅުވިއެވެ. މީހަކު މީހަކާ ޙަވާލުކުރި އަމާނާތެކެވެ. އޭގެވެރިޔާ ބަލައި އައުމުން އެއަމާނާތާ ޙަވާލުވެހުރި މީހާއަށް ނުދީ ހިފެހެއްޓުމުގެ ޙައްޤެއް އޮންނާނެތޯއެވެ. އަބޫޠަލްޙަތު ވިދާޅުވިއެވެ، ނޯންނާނެއެވެ. އުއްމު ސުލައިމު ވިދާޅުވިއެވެ. ކަލޭގެފާނުގެ ދަރިކަލުންނާމެދު ކެތްތެރިވެ ވަޑައިގަންނަވާށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުޙުދު ހަނގުރާމައިން އެނބުރި ވަޑައިގަތުމުން ޞަޙާބިއްޔާތުން އެބޭކަނބަލުންގެ ގާތްތިމާގެފުޅު ބޭބޭކަލުންގެ ޚަބަރު އޮޅުންފިލުއްވުމަށްޓަކައި އިތުރުސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ. މިގޮތުން ވަޑައިގެންނެވި ބޭކަނކަލުންގެ ތެރޭގައި ޙިމްނާ ބިންތި ޖަޙްޝު ވެސް ހިމެނިވަޑައިގެންނެވިއެވެ. އިތުރުސާހިބާ އެކަމަނާ ވަޑައިގަތުމުން ޙަދީޘު ކުރެއްވިއެވެ. އޭ ޙިމްނާއެވެ. ޙިމްނާގެ ބޭބޭ ޢަބްދުﷲ ބުނު ޖަޙްޝް އާމެދު ކެތްތެރިވާށެވެ. ޙިމްނާ ބޭބޭފުޅަށް ރަޙްމަތްލެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. އިތުރުސާހިބާ އަނެއްކާވެސް ޙަދީޘު ކުރެއްވިއެވެ. ޙިމްނާގެ މާބެ ޙަމްޒާ ބުނު ޢަބްދުލްމުއްޠަލިބާ މެދުވެސް ކެތްތެރިވާށެވެ. ޙިމްނާ އަނެއްކާ ޙަމްޒާގެފާނަށްވެސް ހެޔޮދުޢާފުޅު ކުރެއްވިއެވެ. އިތުރު އެންމެ ލަފްޒެއްވެސް ވިދާޅުނުވެ ހިމޭނުން އިންނެވިއެވެ.

(ނުނިމޭ)

infinity loading...
×
DB released 01.