ވޯޓާސް ލިސްޓްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެމްޑީޕީން ސޮއި ކުރަން ދެކޮޅު ހަދައިފި

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މުސާ

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެމްޑީޕީން އެ ލިސްޓުގައި ސޮއި ކުރުމަށް ދެކޮޅު ހަދައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިއްޔެ އިލެކްޝަން ކޮމިޝަނުން އާންމުކުރި ވޯޓާސް ލިސްޓްގައި ބޮޑެތި މައްސަލަތަކެއް އެބަ ހުރި ކަމަށާއި އެކަންތައްތައް އިސްލާހު ނުކުރަނީސް އެ ލިސްޓްގައި ސޮއިކުރުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށެވެ.

"މިފަހަރު އާންމުކުރި ވޯޓާސް ލިސްޓުގައި އެއްވެސް މީހެއްގެ އައިޑެންޓިޓީ ކާޑުގެ ނަމްބަރެއް ނޭނގޭ ގޮތަށް ވޯޓާސް ލިސްޓް އޮތީ އާންމުކޮށްފައި. އެހެންވީމަ އަޅުގަނޑުމެނަށް އެއީ ރަނގަޅު ލިސްޓް ކަމެއް ވެރިފައިކޮށްފައި އޮތް އަޅުގަނޑުމެން ޔަގީނުން ވެސް ވޯޓް ލާނެ ލިސްޓް ކަމަކަށް އަޅުގަނޑުމެންނަކަށް އެމްޑީޕީއަކަށް ޔަގީންކޮށެއް ނުދެވޭ،" އޭނާ ވިދާޅުވިއެވެ.

އަލީ ނިޔަޒު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއްގައި އެންމެ ބޮޑަށް ސިއްރު ކުރަން ޖެހޭނީ ވޯޓް ލާނެ ގޮތް ކަމަށާއި ވޯޓް ލާ މީހާ ފާޅުކަން ބޮޑުކޮށް އިނގެން ހުންނަން ޖެހޭ ކަމަށެވެ.

"އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވުނު އިންތިހާބްގައި ވޯޓާސް ލިސްޓް އައީ ފޮޓޯއާ ވެސް އެއްކޮށް،" އޭނާ ވިދާޅުވިއެވެ.

ދެހާސް ތޭރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައެޅި ގައިޑްލައިނުގެ ފަސް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން އިލެކްޝަން ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެއެވެ.

އަލީ ނިޔާޒު ވިދާޅުވީ ވޯޓާސް ލިސްޓްގައި ހުރި މައްސަލަތައް ފާހަގަކޮށް އެމްޑީޕީން ވަނީ ސިޓީއަކުން އިލެކްޝަން ކޮމިޝަނުގައި ދަންނަވާފައި ކަމަށާއި ނަމަވެސް މާދަމާ ހެނދުނު 9:00ގައި ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މުއްދަތު ހަމަވާއިރު އަދިވެސް އިލެކްސަން ކޮމިޝަނުން ޖަވާބެއް ނުލިބޭ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން ވިދާޅުވީ ވޯޓާސް ލިސްޓްގެ ސައްހަކަން ކަށަވަރު ކުރަން ޖެހެނީ ރައްޔިތުންނަށް މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހުކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ފާހަގަކުރަމުން މިދާ މައުލޫމާތު ނެތި ވެރިފައިކުރުމަކާ ނުލައި އެ ލިސްޓްގައި ސޮއިކުރުމަކީ އަޅުގަނޑުމެނަށް އުނދަގޫ ކަމެއް،" ހިސާން ވިދާޅުވިއެވެ.

comment ކޮމެންޓް