ދެކުނު ކޮރެއާގެ ކުރީގެ ރައީސާއާ ދެކޮޅަށް ދައުވާކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭ ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: އީޕީއޭ

ސޯލް (އޭޕްރިލް 17): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން ހޭ އާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ޕްރޮސިކިއުޓަރުން ވިދާޅުވާ ގޮތުގައި ޕާކްއާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ދިނުމާއި، ބިރު ދެއްކުމާއި، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމާއި ދައުލަތުގެ ސިއްރުތައް ހާމަ ކުރުން ހިމެނެ އެވެ.

ޕްރޮސިކިއިޓަރުން ތުހުމަތު ކުރާ ގޮތުގައި ޕާކް ވަނީ އޭނާގެ ގާތް ރަހުމަތްތެރިޔެއް ކަމުގައިވާ ޗޮއި ސޫން ސިލް އެރަހްމަތްތެރިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް ފުރުސަތު ދެއްވާފަ އެވެ.

އެ މައްސަލާގައި ޗޮއި ސޫން ސިލްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށް ޝަރީއަތް ފަށައިފަ އެވެ. ނަމަވެސް ޕާކް އާއި ޗޮއި ވަނީ އެ ދައުވާތައް ދޮގު ކޮށްފަ އެވެ.

ރައީސާ ޕާކް މަގާމުން ދުރުކުރުމަށް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ގައުމުގެ ދުސްތޫރީ ކޯޓުން ވަނީ އެނިންމުމަށް ތާއިދުކޮށްފަ އެވެ.

ކޯޓުގެ އެ ނިންމުމާ ގުޅިގެން އަންނަ މަހުގެ ނުވައެއްގެ ކުރިން އެ ގައުމުގައި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. (ބީބީސީ)

comment ކޮމެންޓް