ޕީޕީއެމަށް 54 މަޖިލިސް މެމްބަރުން ހަމަވެއްޖެ: އަބްދުއްރަހީމް

އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމެއްގައި --- ސަން ފައިލް ފޮޓޯ

ވެރިކަން ކުރާ ޕީޕީއެމަށް 54 މަޖިލިސް މެމްބަރުން ހަމަވެއްޖެ ކަމަށް ބުނެ އެ ޕާޓީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަފުޅު ދައްކަވައިފި އެވެ.

ސިޔާސީ ގޮތުން މަޖިލިސް ތެރެ ހަލަބޮލިވެ އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން ގުޅިގެން މަސައްކަތް ކުރާއިރުު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތަކާ 42 މަޖިލިސް މެމްބަރަކު ބައިއަތު ހިއްޕަވާފައިވާ ކަމަށެެވެ.

އަދުރޭ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިދިއަ މާޗު މަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމާ އެއްކޮޅަށް 48 ވޯޓު ލިބުނު ކަމަށެވެ. އަދި މިހާރު އެ އަދަދު 54 އަށް އަރާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރާ އިތުރަށް ގުޅުނީ ކޮން ހަ މެމްބަރުންނެއް ކަމެއް ނޭނގެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މީގެ ކުރިން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅޭނަމަ، އިދިކޮޅު މަޖިލިސް މެމްބަރުން ވެސް ޕީޕީއެމާ ގުޅޭނެ ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، މަޖިލިސް ޗުއްޓީގައި ޕާޓީތައް ތަމްސީލު ކުރައްވާ މެމްބަރުންނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

މަސީހާ ދެކޮޅަށް މަޖިލީހުގައި ނެގި ވޯޓު ނާކާމިޔާބު ކޮށްލީ ސަރުކާރަށް ތާއިދު ކުރާ 48 މެމްބަރުންގެ ވޯޓާއެކުގަ އެވެ. މަސީހުގެ މައްސަލަ ދެ ވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުން ބޭރުކޮށްލަން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކުރީ ސަރުކާރަށް ތާއިދު ކުރައްވާ 46 މެމްބަރުންގެ ވޯޓާއެކުގަ އެވެ.

މަޖިލީހުން ފާސްކުރީ އާ އިސްލާހުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެމްބަރުންގެ ސޮއާއެކުގަ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. އެ މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތު ލިބެނީ 43 މެމްބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް