އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހުން ހައި ހޫނު ކަމުގެ ހަޅުތާލެއް ފަށައިފި

އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ގޮވާލަނީ -- ފޮޓޯ/ ރޮއިޓާސް

ގުދުސް (އޭޕްރިލް 17): އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން މިއަދު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

އިސްރާއީލުގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލުމުގެ ގޮތުން ކުރިއަށް ގެންދާ އެ ހަޅުތާލުގައި އިސްކޮށް އުޅުއްވަނީ ފަސް މީހަކު މެރި ކަމަށް ބުނެ އިސްރާއީލުން ޖަލަށްލާފައިވާ ފަލަސްތީނުގެ ފަތަހް ޕާޓީގެ ލީޑަރު މަރުވާން ބާގޫތީ އެވެ.

އިސްރާއީލުގެ ޕްރިޒަން ސާވިސުން ބުނާ ގޮތުގައި ފަލަސްތީނުގެ 1،187 ގައިދީން އެ ހަޅުތާލުގައި ބައިވެރިވެ އެވެ. އެ ހަޅުތާލު ފަށާފައި ވަނީ ކޮންމެ އަހަރަކު ފާހަގަ ކުރާ ފަލަސްތީނުގެ ގައިދީންގެ ދުވަހުގަ އެވެ.

ފަލަސްތީނުގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އިސްރާއީލުން ހައްޔަރު ކުރާ އެ ގައުމުގެ ގިނަ ރައްޔިތުންނަކީ ސިޔާސީ ހައްޔަރީންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިި ވަނީ އިސްރާއީލުން ގެންގުޅޭ 'އެޑްމިނިސްޓްރޭޝަން ޑިޓެންޝަން' ސިޔާސަތުގެ ދަށުންނެވެ. އެ ސިޔާސަތުގެ ދަށުން އެއްވެސް ދައުވާއަކާ ނުލައި ހަ މަސް ވަންދެން މީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ އެވެ.

ފަލަސްތީން ޕްރިޒަނާސް ގުރޫޕުން ބުނާ ގޮތުގައި މިދޔަ އަހަރު ނިމުނު އިރު އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 7،000 އަށް އަރަ އެވެ. (ބީބީސީ)

comment ކޮމެންޓް