އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އިންޑިއާގެ ސަފީރާ ހިއްސާކޮށްފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރެއްވުމަށް ވަޑައިގަތް ސިޔާސީ އިސް ވެރިން އިންޑިއަން ހައި ކޮމިޝަން ބޭރުގައި --- ފޮޓޯ/ ރާއްޖެއެމްވީ

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުންތައް އިންޑިއާ ސަރުކާރާ ހިއްސާކުރެއްވުމަށް ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވައިފިއެވެ.

އިންޑިއަން ހައި ކޮމިޝަންގައި މިއަދު މެންދުރު ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތްފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުންމާ މައުމޫނެވެ.

ސަފީރާއެކު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިއާ ސަފީރާ ބައްދަލުކުރެއްވީ އެއީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް އެހީތެރިވެދޭ ގައުމަކަށް ވެފައި، ކޮންމެ ސަރުކާރަކުން ވެސް އެގައުމާ މެދު ގާތްކޮށް ދެކޭތީ ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސާދީ އަދި އިޖްތިމާއީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، މަޝްވަރާކުރެއްވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުމްނާ މައުމޫން ވިދާޅުވީ، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހުރި ކަންބޮޑުވުންތަކާއި ޕާޓީތައް ގުޅިގެން ކުރާ އިސްލާހީ މަސައްކަތްތަކަށް ހުރި އުނދަގޫތައް ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް ހަލަބޮލިވެފައިވާއިރު، ގާސިމްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅޭ ހެކި ހޯދުމަށް ކަމަށް ބުނެ ގާސިމްގެ ގެކޮޅަށާއި ވިލާ ގްރޫޕުގެ އޮފީސް ހިންގާ އިމާރާތަށް ފުލުހުން ވަނީ ވަދެފައެވެ.

ނަމަވެސް އެތަނުން ގާސިމްގެ މައްޗަށް ތުހުމަތުކުރާ އެއްވެސް އެއްޗެއް ފެނިފައެއްނުވެ އެވެ.

އަދި ގާސިމްގެ މޯބައިލް ފޯން، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް