ލަންކާގައި ފުރޮޅާލި ކުނި ފުނީގެ ދަށުވި މީހުން ސަލާމަތްވުމުގެ އުއްމީދު ކުޑަ

ލަންކާ ސިފައިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ ރޮއިޓާސް

ކޮލަމްބޯ (އޭޕްރިލް 17): ލަންކާގެ ކޮލަމްބޯގައި ގެތަކެއްގެ މައްޗަށް ބޮޑު ކުނި ފުންޏެއް ފޭބުމުގެ ސަބަބުން އެ ކުނި ފުނީގެ ދަށުވެފައިވާ މީހުން ދިރިތިއްބާ ހޯދުމުގެ އުއްމީދު ކުޑަ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ރޯޝަން ސެނިވިރަތްނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަހު ހިނގި ހާދިސާއަށް ފަހު ކުނި ފުނި ދަށުގައި ތާށިވި މީހުން މިހާރު ދިރިތިބުމުގެ ފުރުސަތު ވަރަށް ކުޑަ ނަމަވެސް، ސަލާމަތީ ބާރުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާނެ އެވެ.

ލަންކާ ފުލުހުން ބުނާ ގޮތުގައި އެ ހާދިސާގައި މަރުވިކަން ޔަގީންވާ މީހުންގެ އަދަދު މިހާރު ވަނީ 26އަށް އަރާފަ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުނި ފުނީގެ ދަށުގައި ތާށިވެފައިވާ މީހުންގެ އަދަދު ޔަގީން ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮލޮމްބޯގެ ރަށްބޭރުގައި އޮންނަ ކޮލޮންނާވަ އަވަށުގެ މީތޮޓަމުއްލަ ކިޔާ ސަރަހައްދުގައި ހުންނަ ބޮޑު ކުނި ގޮނޑުގައި ހުރި ކުނި ފުނިން ބައެއް ވެއްޓުނީ، ވިއްސާރައިގެ ސަބަބުން އެސަރަހައްދުގައި ފެންބޮޑުވުމުގެ ހާދިސާތަކެއް ވެސް މީގެ ދުވަސްތަކެއް ކުރިން ހިނގާފައި ވަނިކޮށެވެ.

ގާތްގަނޑަކަށް 91 މީޓަރުގެ އުސްމިނަށް ހެދިފައި ހުރި އެ ކުނި ފުނި ފޭބުމަށް މެދުވެރިވި ސަބަބަކީ، ކުނިގޮނޑުގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. ލަންކާ ފުލުހުން ދަނީ އެއީ ބަޔަކު ގަސްތުގައި ރޯކުރި އަލިފާންގަނޑެއްތޯ ބެލުމަށް ތަހުގީގެއް ކުރަމުންނެވެ.

އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންމެ ދުވަހަކުވެސް މީތޮޓަމުއްލަގެ ކުނި ގޮނޑަށް 900 ޓަނުގެ ކުނި ދަނީ ޖަމާކުރަމުންނެވެ. އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެ ކުނި ގޮނޑުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ލަންކާގެ ސަރުކާރުން އޮތީ އެ ގޮނޑަށް ކުނި އިތުރަށް ޖަމާކުރުން ހުއްޓުވުމަށާއި، އެ ކުނި ގޮނޑުން ކުނި ނައްތާލުމުގެ މަސައްކަތް ފެށުމަށް ވެސް ނިންމާފައެވެ. (ރޮއިޓާސް)

comment ކޮމެންޓް