ސްކޫލްތަކުގެ ހާލަތު ބެއްލެވުމަށް މިނިސްޓަރު ހުރިހާ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ

ރާއްޖޭގެ ސްކޫލްތަކުގެ ހާލަތު ހުރި ނެތްގޮތް ބެލުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ފެއްޓެވި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އެޑިއުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގެ ހާލަތު ހުރި ނެތްގޮތް ބެއްލެވުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.

ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ ހާލަތު ބެއްލެވުމަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް މިނިސްޓަރު ވަނީ ޒިޔާރަތްކުރައްވައިފައެވެ. އަދި ޕްރިންސިޕަލުންނާ ބައްދަލުކުރެއްވުމަށް މިއަދު ފެއްޓެވި ޕްރޮގްރާމްގެ ދަށުން މިނިސްޓަރުގެ ދަތުރުފުޅަށް ފަހު މިހާރު ސްކޫލްތަކުގެ ހާލަތު ހުރި ނެތްގޮތް ބައްލަވާނެ އެވެ.

އެގޮތުން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރެއްވުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މިނިސްޓަރު ވަނީ ވ، މ، ލ އަދި ގއ. އަތޮޅުގެ ހުރިހާ ސްކޫލްތަކެއްގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި އިތުރު އަތޮޅުތަކުގެ ސްކޫލްތަކުގެ ވެރިންނާ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ބައްދަލުކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރެެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރާނެ އެވެ.

އަދި ސްކޫލްތަކުގެ ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރަށް މަތިކުރުމާ ބެހޭ ގޮތުންނާއި ސްކޫލްތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވާނެއެވެ.

އޭގެ އިތުރުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ އާއި އިތުރަށް މަސައްކަތްކުރަންވީ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޕްރިންސިޕަލުންނާއެކު ބާއްވާ ބައްދަލުވުމުގައި މިނިސްޓްރީގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ސްކޫލްތަކަށް ބޭނުންވާ މައުލޫމާތު ޕްރިންސިޕަލުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް