މާފަންނު ގެއެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގޭސްފުޅި --- ފޮޓޯ/ އެމްއެންޑީއެފް

މާފަންނު ގެއެއްގެ ބަދިގޭގައި ބޭނުންކުރަމުންދިޔަ ގޭސްފުޅިއެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 11:48 ހާއިރު މ. ލައިޓް ބުލޫ ގޭގެ ބަދިގޭގައި ބޭނުންކުރަމުންދިޔަ ގޭސްފުޅީގެ ރެގިއުލޭޓަރުގައި ރޯވުމާ ގުޅިގެންނެވެ.

ހާދިސާ ހިނގިތާ ގާތްގަނޑަކަށް އަށް ވަރަކަށް މިނެޓް ތެރޭގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާގައި އެ ގޭގެ ބަދިގޭ އުނދުން ކައިރީގައި ހުރި ކަބަޑު ސެޓް އަނދައިގެން ދިޔަ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

މާލޭ ގެއެއްގައި ބޭނުންކުރަމުންދިޔަ ގޭސްފުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބުނުއިރު، މިދިޔަ މަހުގެ ތެރޭގައި ވެސް މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ ކުޑަކުދިންނާއެކު ތިން މީހަކަށް ވަނީ އަނިޔާ ވެފައެވެ.

comment ކޮމެންޓް