ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން އިލެކްޝަން ސެންޓަރުގައި ކުރިއަށްދަނީ --- ފޮޓޯ/ އިލެކްޝަން ކޮމިޝަން

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ދެހާސް ތޭރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައެޅި ގައިޑްލައިނުގެ ފަސް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން އިލެކްޝަން ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީނުގައި މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނދު 10:00 އަށް ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންޖެހެ އެވެ.

އަދި ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެ ޕާޓީއަކުން އައްޔަންކުރައްވާ ފަރާތެއް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންދަންޖެހެއެވެ.

އެއާއެއެކު ރަޖިސްޓްރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު އަދި އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ގެންދަންޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

comment ކޮމެންޓް