ޑެންގީ ހުން ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ޑެންގީ ޖެހިގެން ފަރުވާ ދެމުން އައި ފިރިހެނަކަށް އިތުރު ފަރުވާދާން މާލެ ގެނައި ތަނުން ރޭ ފަތިހު މަރުވެއްޖެ އެވެ. މަރުވީ އައްޑު އަތޮޅު ހިތަދޫ ދުރުމީގޭ، އަލީ އަހުމަދު 41، އެވެ.

މިއީ ޑެންގީ ހުން ޖެހިގެން މިދިޔަ ހަފްތާގައި 48 ގަޑިއިރުގެ ތެރޭގައި ހަތަރު ކުއްޖަކު މަރުވެ މިދިއަ ހޯމަ ދުވަހު ވެސް ޑެންގީގައި ކުއްޖަކު މަރުވުމަށް ފަހު ޑެންގީގައި މަރުވި ފުރަތަމަ މީހާ އެވެ. މި މީހާއާއެކު މި އަހަރު ޑެންގީގައި މަރުވި މީހުންގެ އަދަދު ހަތަކަށް އެރީ އެވެ.

އައްޑު އަތޮޅުގައި ގާއިމުކޮށްފައިވާ ޑެންގީ ޓާސްފޯހުގެ އިސް އޮފިޝަލު އަބްދުﷲ ތޮއްޔިބު ވިދާޅުވީ އަލީ އަހުމަދަށް ޑެންގީ ޖެހިގެން އެޑްމިޓްކުރީ މިދިއަ މަހުގެ 28ގައި ކަމަށާއި އޭނާ މާލެ ފޮނުވަން ރޭ ފަތިހު ފުރުވައިލީ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ. އޭނާއާއެކު ޑޮކަޓަރަކާއި ނަރުހަކާއި ބަލަދުވެރިން ދަތުރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާލު ވަރަށް ސީރިއަސް ކޮންޑިޝަނުގައި އޮއްވާ އާއިލާއިން ތަކުރާރުކޮށް އެދިގެން ފޮނުވާލީ. އޭނާ ފޮނުވާ ނުލައި މިހާތަނަށް ވެސް މަޑުކޮށްފައި ވަނީ ސީރިއަސް ކޮންޑިޝަންގައި އޮތުމުން،" ސައީދު ވިދާޅުވި އެވެ. "އާއިލާއިން ތަކުރާރުކޮށް އެދުނީ ފޮނުވައިލާ ދިނުމަށް،"

ޑެންގީ ޓާސްކްފޯހުން ރޭ ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތޮގައި މިހާތަނަށް މާލެއާއެކު ރާއްޖޭގެ ހަރަށެއްގައި ޑެންގީ ހުމުގެ 117 މައްސަލައެއް ރެކޯޑްކުރެވިފައި ވެއެވެ. އެއީ ހދ. ކުޅުދުއްފުށީފައި 13 މީހަކު، ބ. ތުޅާދޫގައި 10، އއ. ތޮއްޑޫގައި 20، ތ. ކިނބިދޫގައި 20، ގދ. ތިނަދޫގައި 13، އަދި މާލޭގައި 41 މީހެކެވެ. މީގެ ތެރެއިން މާލޭގައި ރެކޯޑް ކުރެވިފައިވާ 41 މީހުންނަކީ މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން ރެކޯޑް ކުރެވިފައިވާ މީހުން ކަމަށާއި އެހެން ރަށްތަކުގައި ރެކޯޑް ކުރެވިފައިވާ މީހުންނަކީ މިދިޔަ މަހުން ފެށިގެން ރެކޯޑްކުރެވިފައިވާ މީހުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އޭގެ ކުރިން ބުނެފައި ވަނީ ދެހަފުތާގެ ތެރޭގައި ޑެންގީ ކޮންޓްރޯލް ކުރާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު