ސީރިއާގައި އާއްމުން ގެންދިޔަ ބަސްތަކަށް ދިން ހަމަލާގައި 68 ކުޑަކުދިން މަރުވި

ސަލާމަތީ ސަރަހައްދުތަކަށް މީހުން ގެންދިޔަ ބަހަށް ހަމަލާ ދިނުމުގެ ސަބަބުން ދުން އަރަނީ -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (އޭޕްރިލް 16): ސީރިއާގައި ހަނގުރާމަ ކުރިއަށްދާ ސަރަހައްދުތަކުން ސަލާމަތީ ސަރަހައްދުތަކަށް މީހުން ގެންދިޔަ އުޅަނދުތަކަކަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި މަރުވި 126 މީހުންގެ ތެރޭގައި 68 ކުޑަކުދިން ހިމެނޭ ކަމަށް ސީރިއާ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އެ އޮބްޒަވޭޓަރީން ބުނި ގޮތުގައި ސީރިއާގެ އުތުރުގައިވާ ފުއާ އާއި ކަފްރާޔާގެ މީހުން ގެންދިޔަ ބަސްތަކަށް ހަމަލާ ދިނީ ގޮވާ އެއްޗެއް ހަރުކޮށްފައިވާ ކާރެއް ބަހެއްގައި ޖައްސައިގެންނެވެ.

އޮބްޒަވޭޓަރީން ބުނި ގޮތުގައި އެ ހާދިސާގައި ގިނަ އަދަދެއްގެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނާއި އެހީ ފޯރުކޮށްދޭ ފަރާތްތައް ވެސް ހިމެނޭ ކަމަށް އޮބްޒަވޭޓަރީން ބުނެ އެވެ.

ސީރިއާ ސަރުކާރުގެ ބާރުގެ ދަށުގައިވާ، ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ވަށާލާފައިވާ ފުއާ އާއި ކަފްރާޔާގެ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލު ކުރަން ނިންމީ ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. (އޭއެފްޕީ)

comment ކޮމެންޓް