ފްލައިޓުތަކެއް ހައިޖެކް ކުރަން އުޅޭ ކަމުގެ މައުލޫމާތާ އެކު އިންޑިއާގެ ތިން އެއާޕޯޓެއް އެލާޓަށް

މުމްބާއީ އެއާޕޯޓު -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 16): މިއަދު އިންޑިއާގެ މުމްބާއި، ޗެންނާއީ އަދި ހައިދަރުއާބާދު އެއާޕޯޓުން ފުރަން އޮތް ފްލައިޓުތަކެއް އެއް ފަހަރާ ހައިޖެކް ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތިން އެއާޕޯޓު އެލާޓަށް ގެނެސްފި އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން ފުލުހުންނަށް އެމައުލޫމާތު ލިބުނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. އެ އީމެއިލް ފޮނުވި މީހާއަށް ވަނީ މުމްބާއީ، ޗެންނާއީ އަދި ހައިދަރުއާބާދު އެއާޕޯޓުން ފުރާ ފްލައިޓުތަކެއް އެއް ފަހަރާ ހައިޖެކް ކުރުމާ ބެހޭ ގޮތުން ހަ ފިރިހެން ކުއްޖަކު ވާހަކަ ދައްކާ އަޑު އިވިފައި ކަމަށް އީމެއިލް ފޮނުވި މީހާ ބުނި ކަމަށްވެ އެވެ.

އަދި އެފްލައިޓުތައް މިއަދު ހައިޖެކް ކުރުމުގައި 23 މީހަކު ހަރަކާތްތެރި ވާނެ ކަމަށްވެސް އީމެއިލް ފޮނުވި މީހާ ބުނި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)ގެ ޑިރެކްޓަރު ޖެނެރަލް އޯޕީ ސިންހު ވަނީ އެތިން އެއާޕޯޓު އެލާޓަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.

"(އެ އެއާޕޯޓުތަކުގައި) ސަލާމަތީ ފިޔަވަޅުތައް ވަނީ އަޅާފަ. އަދި އެއާޕޯޓު ޕެޓްރޯލް ކުރުމާއި، އެއާޕޯޓުން ވަދެ ނިކުތުމުގެ ސަލާމަތީ ކަންތައްތައް ވަނީ އިތުރުކޮށް، ވަރުގަދަކޮށްފަ. އަދި ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުގެ އަދަދު ވަނީ އިތުރުކޮށްފަ،" ސިންހު ވިދާޅުވި އެވެ.

މުމްބާއީއަށް ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ އަމަލު ކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭނެއް އެސިޓީގައި އޮވެ އެވެ. ނަމަވެސް ހައިދަރުއާބާދާއި ޗެންނާއީގައި އަދި އެފަދަ ޕްލޭނެއް ހަދާފައި ނުވެ އެވެ. (ޓައިމްސްއޮފްއިންޑިއާ)

comment ކޮމެންޓް