ފުލުހުންގެ ހުއްދަ ނުހޯދައި، ސީރަތު ބަންގާޅުން ފުރުން މަނާކޮށްފި

ރައުދާ (ވ) އަދި އޭނާގެ ރަހުމަތްތެރިޔާ ސީރަތު ޕަރުވީން މުހައްމަދު (ކ)

ބަންގާޅުގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު، އެ މައްސަލާގައި ރައުދާގެ އާއިލާއިން ތުހުމަތުކުރާ ރައުދާގެ ރަހުމަތްތެރިޔާ ފުލުހުންގެ ހުއްދަ ނުހޯދައި ބަންގާޅުން ފުރުން މަނާކޮށްފި އެވެ.

ރައުދާގެ މަރުގެ މައްސަލާގައި، ރައުދާގެ އާއިލާ އިން ތުހުމަތުކުރަނީ އޭނާއާ އެކު ރާޖްޝަހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖު (އައިބީއެމްސީއާރު)ގައި ތައުލީމު ހާސިލުކުރަމުން ދިޔަ އިންޑިއާގެ ދަރިވަރު ސީރަތު ޕަރުވީން މުހައްމަދަށެވެ.

ރައުދާ މަރައިލީ ކަމަށާއި، އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އެދި ބަންގްލަދޭޝްގެ ރާޖްޝަހީ މެޖިސްޓްރޭޓު ކޯޓުގައި ރައުދަގެ އާއިލާގެ ފަރާތުން މައްސަލަ ހުށަހެޅުމުން އެ މައްސަލަ ކޯޓަށް ބަލައިގަނެ، މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރި އެވެ.

އެ މައްސަލަ ހުށަހެޅި އިރު ރައުދާގެ ބައްޕަގެ ފަރާތުން ވަނީ ސީރަތުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފަ އެވެ.

ކޯޓުން މައްސަލަ ބަލައިގަތުމާ އެކު، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރުން ބަންގާޅުގެ ސީއައިޑީއާ ހަވާލުކޮށްފަ އެވެ.

ރާޖްޝަހީގެ ޝާހް މަޚްދޫމް ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައި، މައްސަލާގައި ތުހުމަތުކުރެވޭ ސީރަތު ޕަރުވީން މުހައްމަދު، ބަންގާޅު ދޫކޮށް ފުރައިގެން ދިއުން މިވަގުތު ވަނީ މަނާކޮށްފަ އެވެ. އަދި އޭނާއަށް ފުރޭނީ ފުލުހުން ހުއްދަ ދިނީމާ ކަމަށާއި މިކަން ކަމާ ބެހޭ ފަރާތްތަކަށް ވެސް އަންގާފައިވާ ކަމަށެވެ.

ރައުދާގެ ރަހުމަތްތެރިޔާ ސީރަތު ޕަރުވީން މުހައްމަދާއި ރައުދާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި، ސީރަތު ރައުދާއަށް ސްލީޕިންގް ޕިލްސް ދިނުމަށް މަސައްކަތް ކުރިކަން އެނގެން އޮތް އިރު، ދެމީހުންގެ ދެމެދު މައްސަލަ ޖެހުނުކަން، ސީރަތުގެ ފޯނުން ފެނުނު ބައެއް މައުލޫމާތުން ވެސް އެނގެން އޮތް ކަމަށް ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް "ސަން"އަށް މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

ރައުދާގެ މަރުގެ ތަހުގީގުގައި ބައިވެރިވުމަށް ދިވެހި ފުލުހުން ވެސް ބަންގާޅަށް ދިޔަ އިރު، މި ހަފްތާގައި ފުލުހުން ވަނީ އެ ތަހުގީގުން ފާހަގަވި ކަންކަން އާންމުކޮށްފަ އެވެ.

އެގޮތުން، ރައުދާ އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ ދިވެހި ދަރިވަރަކަށް ކަމަށާއި، ރައުދާގެ ކަރުގައި ހުރި ނިޝާންތަކަކީ އޭނާ ދަންޖެހުމަށް ބޭނުންކުރި ފޮތިގަނޑުގައި ހުރި އެއްޗެހިތަކެއްގެ ސަބަބުން އެރި ނިޝާންތަކެއް ކަމާއި، ރައުދާގެ އަނގައިން ސޮނި ފައިބައި، އޭނާގެ ހެދުމާއި ސްކާފްގައި ވެސް އެ ހިކިފައި ހުރިކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ރައުދާގެ މަރުގެ މައްސަލައިގައި އާއިލާއިން އެންމެ ބޮޑަށް ތުހުމަތުކުރާ، ރައުދާގެ ރަހުމަތްތެރިޔާ އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ސީރަތު ޕަރުވީން މުހައްމަދުގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކުރެވޭ ވަރުގެ ހެއްކެއް ފެނިފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް