ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ

އެމާ މޮރާނޯ -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށްވާ އެމާ މޮރާނޯ އުމުރުން 117 އަހަރުގައި މަރުވެއްޖެ އެވެ.

އިޓަލީއަށް އުފަން މޮރާނޯ އަކީ 1800ގެ އަހަރުތަކުގައި އުފަންވި މީހުންގެ ތެރެއިން މިހާތަނަށް ދިރިހުރި އެންމެ ފަހު މީހާ އެވެ. އޭނާ އުފަންވީ 29 ނޮވެމްބަރު 1899ގަ އެވެ.

މޮރާނޯ ބުނާ ގޮތުގައި އޭނާގެ ދިގު އުމުރުގެ ސިއްރަކީ ޖެނެޓިކްސް އާއި ކޮންމެ ދުވަހަކު ދެ ރޯ ބިސް ބުއިމާއި ބިސްގަނޑެއް ކެއުމެވެ. އޭނާ އެގޮތަށް ތިން ބިސް ބޭނުން ކުރަން ފެށީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ފަހުން އެނީމިއާ ޖެހުމާ ގުޅިގެންނެވެ.

މީގެ އިތުރުން، މޮރާނޯ ވަނީ އޭނާގެ އުމުރު ދިގު ވުމުގެ އެއް ސަބަބަކީ 1938ގައި އޭނާގެ އަނިޔާވެރި ފިރިމީހާ އާ ވަކިވެ، އޭގެ ފަހުން ކައިވެންޏެއް ނުކޮށް ހުރުން ކަމަށް ބުނެ އެވެ. މޮރާނޯ އޭނާގެ ފިރިމީހާއާ ވަކިވީ އެ ދެ މީހުންނަށް ލިބުނު ފިރިހެން ދަރިފުޅު، އުމުރުން ހަ އަހަރުގައި މަރުވިތާ އެއް އަހަރު ފަހުންނެވެ.

މޮރާނޯ ބުނާ ގޮތުގައި އޭނާ ލޯބިވި މީހާ ވަނީ ފުރަތަމަ ބޮޑު ހަނގުރާމާގައި މަރުވެފަ އެވެ. އަދި އެއް ކައިވެންޏަށް ފަހު އިތުރު ކައިވެންޏެއް ނުކުރީ އެއްވެސް މީހެއްގެ ބާރުގެ ދަށުގައި ހުރުމަށް ބޭނުން ނުވާތީ އެވެ.

މޮރާނޯ އަށް ފަހު، މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ ޖަމައިކާގެ ރައްޔިތެއް ކަމަށްވާ ވައޮލެޓް ބްރައުން އެވެ. އޭނާ އުފަންވީ 10 މާޗް 1900އިގަ އެވެ. (ބީބީސީ)

comment ކޮމެންޓް