އުތުރު ކޮރެއާގެ މިސައިލް ޓެސްޓެއް ނާކާމިޔާބުވެއްޖެ

އުތުރު ކޮރެއާއިން މިސައިލެއް ލޯންޗު ކުރީ އިއްޔެ އެގައުމުގެ ބާނީ ކިމް އިލް ސަންގްގެ 105 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ފަހު -- ފޮޓޯ: ރޮއިޓާސް

ސޯލް (އޭޕްރިލް 16): އުތުރު ކޮރެއާއިން ނިއުކްލިއާ ހަމަލާއެއް ދޭން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ދިނުމަށް ފަހު މިއަދު އެގައުމުން ލޯންޗު ކުރި މިސައިލެއް ނާކާމިޔާބުވެއްޖެ ކަމަށް ދެކުނު ކޮރެއާ އާއި އެމެރިކާ އަސްކަރިއްޔާ އިން ބުނެފި އެވެ.

އެމެރިކާ އިން ބުނި ގޮތުގައި އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުން ލޯންޗު ކުރި ބެލިސްޓިކް މިސައިލް ވަނީ މަދު ސިކުންތުކޮޅެއްގެ ތެރޭ ގޮވައިފަ އެވެ. އަދި ދެކުނު ކޮރެއާ އިން ވަނީ އެ މިސައިލަކީ ކޮން ބާވަތެއްގެ މިސައިލެއް ކަން އަދި ނޭނގޭ ކަމަށާއި އެކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާ އިން އެ މިސައިލް ލޯންޗުކޮށްފައި ވަނީ އެގައުމުގެ ބާނީ ކިމް އިލް ސަންގްގެ 105 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާތަކަށް ފަހުގަ އެވެ. އެހަފްލާތަކުގެ ތެރެއިން އެގައުމުން ވަނީ ސިފައިންނާއި، ހަތިޔާރާއި އަސްކަރީ އުޅަނދުތައް ދައްކާލާފަ އެވެ.

އަދި އުތުރު ކޮރެއާ އިން ވަނީ އެގައުމަށް ބިރު ދެއްކުމަށް ޓަކައި އެމެރިކާ އިން އަޅާ ފިޔަވަޅަކާ ގުޅިގެން ނިއުކްލިއާ ހަމަލާއެއް ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ކަނޑުގެ މަނަވަރުތަކެއް ކޮރެއަން ޕެނިންސުލާއާ ދިމާލަށް މިސްރާބު ޖެހި ފަހުން އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު ޖެހިފައިވާ މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް