ރެއާލްމެޑްރިޑާ ތިން ޕޮއިންޓް ގާތަށް ބާސެލޯނާ ޖެހިލައިފި

ރެއާލް ސޮސައިޑެޑާ ބާސެލޯނާ ބައްދަލު ކުރި މެޗުގެ ތެރެއިން--ފޮޓޯ / ބީބީސީ

ސްޕެނިޝް ލީގުގައި ރެއާލް ސޮސައިޑާޑް އަތުން މޮޅުވެ، ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ހޯދުމަށް ކުރަމުން އަންނަ އުންމީދުތައް އައު ކޮށްފި އެވެ.

ސްޕެނިޝް ލީގު ތާވަލްގެ އެއްވަނަ މަގާމުގައި ރޭ ސްޕޯޓިން ޖިއޯން އަތުން މޮޅުވި ރެއާލް މެޑްރިޑް 75 ޕޮއިންޓާއި އެކު އޮތް އިރު ބާސެލޯނާ ދެވަނަ މަގާމުގައި އޮތީ 72 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލެއް ޖަހައި ކުރި ހޯދީ ބާސެލޯނާއިންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލަޔޮނަލް މެސީ އެވެ. އަދި މެޗުގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއީ މެސީ ބާސެލޯނާއަށް ކާމިޔާބުކޮށްދިން 498 ވަނަ ގޯލެވެ. މެސީގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް މެޗުގެ 37 ވަނަ މިނިޓްގަ އެވެ.

ބާސެލޯނާއަށް ދެ ލަނޑުގެ ލީޑު ދެމެހެއްޓުނީ ކުޑަ ވަގުތުކޮޅަކަށެވެ. މެޗުގެ 42 ވަނަ މިނިޓްގައި ބާސެލޯނާގެ ސެމިއުލް އުމިޓީ އަތުން ބައިކޮޅަށް ވަން ލަނަޑަކުން މެޗުގެ ނަތީޖާވަނީ 2-1 ބަދަލުވެފަ އެވެ. ނަމަވެސް މެޗުގެ 44 ވަނަ މިނިޓްގައި ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑޫކޮށްފަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެންސިސްކޯ އެލެކެސާ އެވެ. ނަމަވެސް ރެއާލް ސޮސައިޑާޑްއިން ވަނީ އޭގެ އެއް މިނިޓް ފަހުން ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒަބީ ޕްރީއެޓޯ އެވެ.

ސްޕެނިޝް ލީގުގައި ދެން ބާސެލޯނާ ކުޅެ މެޗުގައި ބައްދަލުކުރާނީ އެއްވަނާގައި އޮތް ރެއާލްމެޑްރިޑާ އެވެ. އެ މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ.

comment ކޮމެންޓް