ގަދަ ފަހަކުން ޖާގަ ނުލިބި ނަބީލް ކަޓައިފި

މިރޭގެ ޝޯގައި އައިޑޮލް އިން ވަކިވި ނަބީލް----

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ ފަހަކުން ޖާގަ ނުލިބި އަހްމަދު ނަބީލް އައިޑޮލްގެ ދަތުރު ނިންމާލަން ޖެހިއްޖެެއެވެ.

"ދިވެހި ރާއްޖެ" ތީމަކަށް ނަގައިގެން ހުކުރު ދުވަހުގެ ރޭގެ ޝޯގައި ބައިވެރީން ހުށަހަޅައިދިން ލަވަތަކަށް ޖަޖުންގެ ފަރާތުން ގިނައިން ލިބުނީ ނެގެޓިވް ކޮމެންޓް ތަކެވެ. ކިޔައިދިނީ ރަނގަޅު ކުރަން ޖެހޭ ކަންތައް ތަކެވެ.

ގަދަ ހައެއްގެ ވަރުގަދަ ކުރި މަތިލުންތަކަށް ފަހު ނަބީލް އަކީ ޖަޖުންގެ ފަރާތުން މީގެ ކުރިން ރަނގަޅު ކޮމެންޓްތަކެއް ލިބެމުން އައި ބައިވެރިޔެކެވެ. ކޮންމެ ރެޔެއްގެ ޕާފޯމެންސް ވެސް ވަރުގަދަ ކުރަން އޭނަ މަސައްކަތް ކުރެއެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާތިމަތު ޒޫނާގެ ދަރިފުޅު ނަބީލް މިދިޔަ އަހަރު ބޭއްވި އައިޑޮލްގެ އޮޑިޝަން ގައިވެސް ބައިވެރިވިއެވެ. ނަމަވެސް އެފަހަރު ހާލަތު ކަންދިމާކުރި ގޮތުން އޭނާ ޝޯގައި ބައިވެރިއެއް ނުވެއެވެ.

މިރޭ ޖަޖުންގެ ޕެނަލަށް އައި އައްމަޑޭ އާއި އެކު ކިޑީ އަދި އިއްބެ-----

ނަބީލަށް އައިޑޮލްގެ ދަތުރު މިފަހަރު ނިންމާލަން ޖެހުނީ، ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ.

ހުކުރު ދުވަހުގެ ރެޔަކީ އައިޑޮލްގެ ދަތުރަށް ހައިރަން ކަމެއް ގެނުވި ރެޔެކެވެ. ބައިވެރިންގެ ފަރާތުން ރަނގަޅު ޕާފޯމެންސްތަކެއް ނުދެއްކުނު އިރު ޖަޖު މަރިޔަމް އުނޫޝާ ދެއްކި ވާހަކައަކަށް ހިތްހަމަ ނުޖެހިގެން ޖަޖުންގެ ޕެނަލްގައި ހިމެނޭ އިސްމައިލް އައްފާން އައިޑޮލްގެ ޝޯއިން ނުކުމެގެން ދިޔައީއެވެ. އޭގެ ފަހުން މިރޭ ޝޯ ފެށެންދެން ބެލުންތެރީން ތިބީ އައްފާން ފެންނާނެތޯ އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް މިރޭ އައްފާންގެ ގޮނޑީގައި އިނީ މިދިޔަ އަހަރު ޖަޖުންގެ ޕެނަލްގައި އިން އަހްމަދު އިބްރާހީމް (އައްމަޑޭ) އެވެ.

ކުކުރު ދުވަހުގެ ރޭގެ ހުށަހެޅުން ތަކަށް ފަހު އައިޑޮލްގެ ގަދަ ފަހަކަށް ދިޔައީ، އިބްރާހިމް ވަހީދު (ބޮޑުބެ)، މުހައްމަދު ތަސްނީމް (ބޮބް)، ޝަމްވީލް މުހައްމަދު، އަބްދުﷲ ހިޝާން، އަދި އަހްމަދު ހަމޫދެވެ.

comment ކޮމެންޓް