ނައިޖީރިއާގައި އެޕާޓްމެންޓެއް ތެރެއިން "ގޮތް ނޭނގޭ" 43 މިލިޔަން ޑޮލަރު ހޯދައިފި

ނައިޖީރިއާގެ އެޕާޓްމެންޓް ތެރެއިން ފެނުނު ގިނަ އަދަދެއްގެ ފައިސާ ----

ނައިޖީރިއާގެ ވެރިރަށް ލާގޮސްގެ އެޕާޓްމެންޓެއްގެ ތެރެއިން 43 މިލިޔަން ޑޮލަރު ފެނިއްޖެއެވެ.

ނައިޖީރިއާގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އިދާރާ އިކޮނޮމިކް އެންޑް ފައިނެންޝަލް ކްރައިމްސް ކޮމިޝަނުން ބުނީ، 43 މިލިޔަން ޑޮލަރު ފެނުނީ ލާގޮސްގައި ހުރި އިމާރާތެއްގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގެ ތެރެއިން ކަމަށެވެ.

އިމާރާތުގެ ގާޑުން ތަހުގީގީ ފަރާތްތަކަށް ބުނި ގޮތުގައި، އެ އެޕާޓްމެންޓުގައި މީހަކު ދިރިއެއް ނޫޅެއެވެ. ނަމަވެސް އާންމު ރައްޔިތެއްގެ ފަރާތުން އީއެފްސީސީއަށް މައުލޫމާތު ލިބުނު ގޮތުގައި، ވަރުބަލިވެ ލޮޑުވެފައި ހުރި މުސްކުޅި އަންހެނަކު ދިޔައީ ދަބަހެއް ހިފައިގެން އެ އެޕާޓްމެންޓަށް ވަދެ ނުކުމެ ހަދަމުންނެވެ.

"ހަޑިވެފައި ހުރި އަންނައުނު ލައިގެން، ކޮތަޅުތަކަކާއި ދަބަސްތަކެއް ހިފައިގެން އޭނާ ވަންނަނީ. އެކަމަކު އޭނާގެ ހަށިގަނޑުން ނުދައްކާ އެއީ އުމުރުން ދުވަސްވީ މީހެއް ކަމަކަށް. ބެލެވޭ ގޮތުގައި އެއީ ކާކުކަން އޮޅުވާލުމަށް ހެދުން އަޅައިގެން އުޅޭ މީހެއް،" އީއެފްސީސީއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އީއެފްސީސީއިން ބުނީ، ބެލެވެނީ އެޕާޓްމެންޓުން ފެނުނު 43 މިލިޔަން ޑޮލަރަކީ ގާނޫނާއި ގަވައިދާ ޚިލާފު މަސައްކަތްތަކެއް ކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށެވެ. ނަމަވެސް އެ ފައިސާއާ ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަމަށް ނައިޖީރިއާގެ އެންޓި ކޮރަޕްޝަން އިދާރާއިން ބުންޏެވެ.

އީއެފްސީސީން ބުނީ އެ ފައިސާ ނޫޓުތައް ހުރީ ސީލް ކުރެވޭ ކޮތަޅުތަކަކަށް ލައި، އަލަމާރިތަކެއްގައި ވަރަށް ރީތިކޮށް އަތުރާލާފައި ކަމަށެވެ.

ނައިޖީރިއާގެ ކަމާ ބެހޭ ފަރާތްތަކުން މިފަހަކަށް އައި ދަނީ، އެގައުމުގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދަމުންނެވެ. އޭގެ ތެރެއިން މާޗު މަހުގެ ތެރޭގައި ނައިޖީރިއާގެ ކަޑުނާ ސިޓީގެ އެއާޕޯޓުން އީއެފްސީސީއަށް ވަނީ، 155،000 ޑޮލަރުގެ އަގު ކުރެވޭ، ހަލާކުވާން ކައިރިވެފައި ހުރި ފައިސާ ނޫޓުތަކެއް ހޯދައިފައެވެ.

comment ކޮމެންޓް