'ޓިއުބްލައިޓު'ގެ ޓްރެއިލަރ ރިލީޒް ކުރާނީ އަންނަ މަހު

ސުޕަސްޓަރ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ޓިއުބްލައިޓް' އަކީ މި އަހަރު ރިލީޒް ކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ފިލްމެވެ. އަދި އެންމެ އުންމީދު ވެސް ކުރެވޭ ފިލްމެވެ.

ކަބީރު ޚާން ޑައިރެކްޓު ކުރާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރުމާ ދެމެދު އަދި ދެ މަހެއްހާ ދުވަސް އޮތް އިރު، އެންމެން ވެސް ތިބީ ފިލްމުގެ ޓްރެއިލަރއަށް ކެތްމަދުވެފައެވެ.

ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް ޑައިރެކްޓަރު ކަބީރު ޚާން މިވަނީ އުފާވެރި ޚަބަރެއް ދީފައެވެ. ކަބީރު ޚާން ބުނީ ފިލްމުގެ ފުރަތަމަ ޓްރެއިލަރ އަންނަ މެއި މަހު ރިލީޒް ކުރާނެ ކަމަށެވެ.

ފިލްމު ރިލީޒް ކުރުމާ ކައިރި ކޮށްފައި ޓްރެއިލަރ ރިލީޒް ކުރަން ނިންމި ސަބަބު ވެސް ކަބީރު ވަނީ ހާމަކޮށްފައެވެ. ކަބީރު ބުނީ ފިލްމުގެ މާކެޓު ރަނގަޅު ވަނީ ޓްރެއިލަރ ލަހުން ރިލީޒް ކުރުމުން ކަމަށެވެ.

އެހެން ފިލްމުތައް ފަދައިން، ފިލްމު ޕްރޮމޯޓު ކުރުމަށް މާބޮޑު ކަންތައްތަކެއް ކުރުމަށް ފިލްމުގެ ޓީމުން ނިންމާފައެއް ނުވެ އެވެ. އެ ޓީމުން ގަބޫލު ކުރާ ގޮތުގައި، ޓްރެއިލަރ އާއި ފިލްމު ރިލީޒް ކުރާ ތާރީޚަކީ އެކަށީގެންވާ މާކެޓިން އެވެ.

މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދާނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ. އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

'ޓިއުބްލައިޓް' އަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާދެމެދު ކުރެވުނު ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް