ޔުނައިޓެޑުން ދަތުރުކުރި ފަސިންޖަރެއްގެ ގަޔަށް ނަގުލަންދާއްޓެއް ކަށިޖަހައިފި

މީހަކު ނަގުލަންދާއްޓެއް އަތަށްލައިގެން: ޔުނައިޓެޑް އެއާލައިންގެ ފްލައިޓަކުން ދަތުރުކުރި ފަސިންޖަރެއްގެ ގަޔަށް ނަގުލަންދާއްޓެއް ވަނީ ކަށިޖަހާފައި -- ފޮޓޯ: އޭޕީ

ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރެއްގެ ގަޔަށް، ނަގުލަންދާއްޓެއް ކަށިޖަހައިފިއެވެ.

ޔުނައިޓެޑް އެއާލައިންސްގެ ބަޔާނެއްގައިވާގޮތުން، ނަގުލަންދާށި ކަށިޖަހާފައިވަނީ، ޓެކްސަސް ސްޓޭޓްގެ ހިއުސްޓަން އިން ކެނެޑާގެ ކެލްގަރީއަށް ދަތުރުކުރި ފަސިންޖަރެއްގެ ގަޔަށެވެ.

އެ ފްލައިޓުގެ ބިޒްނަސް ކްލާހުގައި ދަތުރުކުރި، ކެނެޑާގެ ރައްޔިތެއް ކަމަށްވާ ރިޗަޑް ބެލް ބުނީ، އޭނާ ކާން އިންދައި ފްލައިޓުގެ އޯވަހެޑް ބިން އިން އެ ނަގުލަންދާށި ފުންމާލީ އޭނާގެ ބޮލަށް ކަމަށެވެ. އަދި އެވަގުތު ކާތަކެތި އަޅާފައި ހުރި ތަށީގެ ތެރެއަށް އޭތި ނަގާފައި ވައްޓާލީ ކަމަށެވެ.

"އަހަރެން އޭތި ނަގައި ތަށީތެރެއަށް ވައްޓާލީ. އަދި އަލުން އޭތި ނަގަން އުޅެނިކޮށް ކަށިޖެހީ، އިނގިލީގެ ކޮޅުން ނިޔަފަތީގެ ދަށަށް،" ހާދިސާ ހިނގައިދިޔަ ގޮތް ރިޗަޑް ކިޔައިދިނެވެ.

ފަސިންޖަރުގެ ގަޔަށް ނަގުލަންދާށި ކަށިޖެހުމާއެކު، އެ ފްލައިޓުގެ ފަސިންޖަރުން ވަނީ ހަމަ އެވަގުތު، މެޑްލިންކްގެ ޑޮކްޓަރަކަށް ގުޅައިގެން އެ ހާދިސާ ކިޔައިދީ، ކަށިޖެހުމުގެ ސަބަބުން އެ ފަސިންޖަރުގެ ފުރާނައަށް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްފައެވެ.

އެއާކްރާފްޓް ކެލްގަރީއަށް ޖެއްސުމާއެކު، މެޑިކަލް ސްޓާފުން އެމީހާގެ ހާލު ބަލާފައިވާ ކަމަށާއި، އަދި އެ ހާދިސާއާ ގުޅިގެން ފަސިންޖަރާ ބައްދަލުކޮށް އޭނާގެ ކިބައިން މާފަށް އެދިފައިވާ ކަމަށް ވެސް ޔުނައިޓެޑުން ބުނެއެވެ. އަދި ފަސިންޖަރަށް ބަދަލުދިނުމަށް ވެސް ޔުނައިޓެޑުން ވަނީ ނިންމައިފައެވެ.

ފަސިންޖަރެއްގެ ގަޔަށް ނަގުލަންދާއްޓެއް ކަށިޖެހުމުގެ ހާދިސާއެއް ހިނގާފައި މިވަނީ، މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ޔުނައިޓެޑްގެ ފްލައިޓަކުން، ފަސިންޖަރަކު ގަދަކަމުން ބޭރުކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އެމައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެ ފަސިންޖަރުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވާގޮތުން، އެ ހާދިސާގައި ދެ ދަތަށް ވަރަށް ބޮޑަށް އަނިޔާވުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރާން ޖެހޭކަމަށް އޭނާ ވިދަޅުވިއެވެ. އަދި އެ މައްސަލައިގައި އެއާލައިން ޖޫރިމަނާ ކުރާނޭ ކަމަށްވެސް ވަކީލު ވިދާޅުވެއެވެ.

comment ކޮމެންޓް