އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މޭ މަހު

އެސްޓީއޯއިން މިދިޔަ އަހަރު ބޭއްވި، 2015ގެ އަހަރީ އަންމު ޖަލްސާގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ޕލކގެ އަހަރީ އާންމު ޖަލްސާ ކުރިޔަށް އޮތް މޭ މަހުގެ ތެރޭގައި ބާއްވާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާ، އަދި އާންމުންގެ 18.37 ޕަސަންޓު ހިއްސާ އޮންނަ، ދައުލަތުގެ ވިޔަފާރި ކުންފުންޏެވެ.

އެސްޓީއޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ، ކުރިޔަށް އޮތް މޭ މަހުގެ ތެރޭގައި ބޭއްވުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ޖަލްސާއަށް ހާޒިރުވެވޭނީ، އަދި މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ހިއްސާގެ ފައިދާ ލިބޭނީ، މިހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން، ހިއްސާގެ މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚު ފަހުން އާންމުކުރާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއަށް ނިމިދިޔަ 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 301.5 މިލިޔަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 30 ޕަސަންޓުގެ ދަށްވުމެކެވެ.

މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ 2015 ވަނަ އަހަރުގެ އާންމު ޖަލްސާގައި، ހިއްސާއަކަށް ފައިދާގެ ގޮތުގައި ބެހުމަށް ނިންމީ 57 ރުފިޔާއެވެ. ނަމަވެސް އަންނަ މަހު ބާއްވާ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހަޅާ އަދަދު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް