4.2 ބިލިޔަން ޑޮލަރުގެ ބަދަލެއް ހޯދުމަށް އެމެރިކާއިން ސައޫދީ ކުންފުނިތަކެއްގެ މައްޗަށް ދައުވާ އުފުލައިފި

ނިޔުޔޯކް (އެޕްރީލް 14): ސެޕްޓެމްބަރު 11ގެ ޙަމަލާތަކުގައި ގެއްލުންތައް ލިބުނު އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން 12 ކުންފުންޏަކުން 4.2 ބިލިޔަން ޑޮލަރުގެ ބޮޑު ބަދަލެއް ހޯދުމަށް ސައޫދީ އަރަބިޔާގެ ދެ ބޭންކަކާއި ސައޫދީ ކުންފުނިތަކަކާއި ޗެރިޓީ ޖަމްއިއްޔާތަކަކާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

ނިޔުޔޯކްގެ މެންހަޓަންގެ ކޯޓަކަށް މިދައުވާ އުފުލީ އެމެރިކާގެ ބިޔަ ކުންފުންޏެއްކަމަށްވާ ޓްރެވިލާސް ކޯޒް ކުންފުންޏާ ގުޅިފައިވާ 12 ކުންފުންޏަކުންނެވެ. ދައުވާ އަމާޒުވާ ސައޫދީ ދެ ބޭންކާއި ސައޫދީ ކުންފުނިތަކަކީ އުސާމާ ބިންލާދިންގެ އާއިލާގެ ހިއްސާ އާއި ސައޫދީ ޢާންމުންގެ ހިއްސާގެ އިތުރުން ސައޫދީ ޝާހީ އާއިލާގެ ބައެއް މެންބަރުންގެ ހިއްސާވެސް އޮންނަ ކުންފުނިތަކެކެވެ. ޗެރިޓީ ޖަމިއްޔާ ތަކުގައި ސައޫދީ ސަރުކާރުގެ ހިއްސާ ބޮޑެވެ.

ޗެރިޓީ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ ސައޫދީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޗެރިޓީ ޖަމިއްޔާތަކެވެ. މިދައުވާ އުފުލީ ސެޕްޓެމްބަރު 11ގެ ޙަމަލާތަކުގައި މަރުވި މީހުންނާއި ގެއްލުން ލިބުނު އެމެރިކާ މީހުންގެ އާއިލާތަކަށް އެކަމުގެ މާއްދީ ބަދަލު ސައޫދީ އަރަބިޔާގެ ކިބައިން ހޯދުމަށް އެމެރިކާގެ ކޮންގްރެސް އިން މިދިޔައަހަރު ކުރީކޮޅު ފާސްކުރި ގާނޫނަށް ރިޢާޔަތް ކޮށްގެންނެވެ.

މިގާނޫނު ބުނާގޮތުން ސެޕްޓެމްބަރު 11ގެ ޙަމަލާތައް ރޭވުމާއި އެހަމަލާތައް ދިނުމުގައި ބައިވެރިވި އަލްގާއިދާގެ މީހުންނަކީ ސައޫދީ ރައްޔިތުންކަމަށްވާތީ އެހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ މާއްދީ ބަދަލު ދިނުމުގައި ޒިންމާވާންޖެހޭނީ ސައޫދީ ދައުލަތް ކަމުގައެވެ. ނަމަވެސް ސެޕްޓެމްބަރު 11ގެ ޙަމަލާތަކާއި ސައޫދީ ސަރުކާރާ އަދި ސައޫދީ ދައުލަތާ އެއްވެސް ގުޅުމެއްނެތްކަން އެމެރިކާކުރި ތަހްގީގްތަކުންވަނީ ހާމަވެފައެވެ.

އެމެރިކާގެ ކުންފުނިތަކުގެ ދައުވާ ރައްދުވާ ސައޫދީ މުއައްސަސާތަކުގެ ތެރޭގައި މުހައްމަދު ބިންލާދިން ކުންފުންޏާއި މަޝްހޫރު ރާބިތަތުލްއާލަމުލްއިސްލާމީ އާއި އައްރާޖިޙީ ބޭންކާއި އަހްލީ ބޭންކް ފަދަ ސައޫދީ ބޮޑެތި މުއައްސަސާތައް ހިމެނެއެވެ.

ސެޕްޓެމްބަރު 11ގެ ޙަމަލާތަކުގައި މަރުވި މީހުންނާއި ގެއްލުން ލިބުނު އެމެރިކާ މީހުންގެ އާއިލާތަކާއި ކުންފުނިތަކަށް އެކަމުގެ މާއްދީ ބަދަލު ސައޫދީގެ ކިބައިން ހޯދުމަށްޓަކައި ސައޫދީ ސަރުކާރާ އަދި ކުންފުނިތަކާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކަށް ދައުވާ އުފުލުމުގެ ގާނޫނީ ބާރުލިބޭ ގާނޫނު ފާސްކޮށް ތަސްދީގުކޮށްފައިވާއިރު މިކަމުގެ ބޭނުމަކީ އެމެރިކާގެ ބޭންކްތަކުގައިވާ ސައޫދީ ފައިސާއާއި އެސެޓްތަކަށް އަތްގަދަކޮށް އެތަކެތި އަތުލެވޭނެ ގާނޫނީ އޮނިގަނޑެއް ވުޖޫދަށް ގެނައުމެވެ.

އެމެރިކާގެ 3000 ވުރެ ގިނަ މީހުން އެއްފަހަރާ މަރުވެ އެތަށްސަތޭކަ ބަޔަކު ޒަޚަމްވި އަދި އެމެރިކާގެ އާންމުން ސިއްސައިގެންދިޔަ ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ޙަމަލާތަކަކީ ސައޫދީ ރައްޔިތުންގެ ތެރޭގައި ހިމެނޭ މަދުބަޔަކު ބަޔަކު (އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިން އާއި އޭނާގެ ބައިވެރިން) ފަހަތުގައި ތިބެގެން ދިން ޙަމަލާތަކެއްކަމަށް އެމެރިކާ ބުނިނަމަވެސް މިއީ އެމެރިކާގެ ޖާސޫސީ އިދާރާ އަޑީގައި އޮވެގެން އެމެރިކާގެ ސިޔާސީ އަދި އިގްތިސާދީ ދުރުރާސްތާގެ ލަނޑުދަނޑިތަކެއް ޙާސިލްކުރުމަށް އެމެރިކާ އަމިއްލައަށް ރޭވި ރޭވުންތަކެއްކަމަށް ދުނިޔޭގެ ގިނަބަޔަކު ދެކެއެވެ.

ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް އެމެރިކާގެ ކޯޓުތަކުގައި ދައުވާ ނުކުރެވޭ ގޮތަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ގާނޫނީ ހިމާޔަތްދިނުން ނުވަތަ އިމިއުނިޓީ އެމެރިކާގައި އޮތްނަމަވެސް މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މިއިމިއުނިޓީ ނުވަތަ ގާނޫނީ ޙިމާޔަތް ސައޫދީ ސަރުކާރަށާއި ދައުލަތަށްވަނީ ގެއްލިފައެވެ.

މިގާނޫނާ ދެކޮޅަށް ސައޫދީ ސަރުކާރުން ކުރިން އަޑުއުފުލިނަމަވެސް ސައޫދީގައި ވެރިކަންކުރާ އާލްސައޫދު އާއިލާގެ ވިރާސީ ރަސްކަމުގެ ނިޒާމަކީ އެމެރިކާގެ ހިމާޔަތުގައި ވެރިކަންކުރާ ނިޒާމަކަށްވާތީ އެމެރިކާއާ ދެކޮޅަށް މާބޮޑަށް ހަރަކާތްތެރިވުމަކީ ސައޫދީ ސަރުކާރަށް އޮތް އޮޕްޝަނެއް ނުވަތަ އިޚްތިޔާރެއްނޫނެވެ.

އެމެރިކާގައި ސައޫދީ އަރަބިޔާގެ އެސެޓްތަކުގެ ގޮތުގައި 700 ވަރަކަށް ބިލިޔަން ޑޮލަރު ހުރިއިރު މިގާނޫނުގެ ދަށުން މީގެތެރެއިން ބޮޑުބައެއް އެމެރިކާގެ ކުންފުނިތަކުންނާއި އާއިލާތަކުން ނަގާފާނެކަމުގެ ނޫނީ އަތުލަފާނެކަމުގެ ބިރު ސައޫދީ ސަރުކާރުން އަބަދުވެސް އިޙްސާސް ކުރެއެވެ.

ސައޫދީ އަރަބިޔާގައި ވެރިކަންކުރާ ކިންގް އަބްދުލްއަޒީޒްގެ ދަރިކޮޅުގެ ޝާހީ ޚާންދާންގެ ވެރިކަން ދެމެހެއްޓުމަށާއި އެރަސްކަން ޙިމާޔަތް ކުރުމާބެހޭގޮތުން އެމެރިކާވަނީ 1945 ވަނަ އަހަރު ސައޫދީ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އޭރުގެ އެމެރިކާގެ ރައީސް ފްރަންކްލިން ރޫޒަވެލްޓްއެވެ. ސައޫދީގެ ފަރާތުން ސޮއިކުރެއްވީ ސައޫދީ އަރަބިޔާގެ ނަމުގައި މިހާރު އުފައްދާފައިވާ ދައުލަތުގެ ބާނީ އަދި ސައޫދީ ޝާހީ އާއިލާގެ އެންމެ އިސްވެރިޔާ އަދި ސައޫދީ މިހާރުގެ ރަސްގެފާނުގެ ބައްޕާފުޅު ކިންގް އަބްދުލްއަޒީޒް އާލްސައޫދެވެ. އެމެރިކާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ކުއެންސީގައި އެދެބޭފުޅުން ސޮއިކުރެއްވި މިއެއްބަސްވުމުގެ ދަށުން ސައޫދީ ޝާހީ ވެރިކަން ދަމަހައްޓައި ޙިމާޔަތް ކުރުމުގެކަންތައް އަދިވެސް އެމެރިކާ ކުރިޔަށް ގެންދެއެވެ.

ސެޕްޓެމްބަރު 11ގެ ޓެރަރިސްޓް ޙަމަލާތަކާއި ސައޫދީ ސަރުކާރާ ގުޅުވުމުގެ މަގްސަދުގައި އެމެރިކާގެ ސެނެޓުން ފާސްކޮށްފައިވާ ގާނޫނާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގައިވާ ސައޫދީ އެސެޓްތައް ވިއްކާލުމަށް ނޫނީ އެމެރިކާގައިވާ ސައޫދީ އެސެޓްތައް އެހެންގައުމުތަކަށް ބަދަލުކުރުމަކީވެސް ސައޫދީ ސަރުކާރަށް ފަސޭހަކަމަކަށް ނުވާނެއެވެ. ސަބަބަކީ އެފަދަ ނިންމުމެއް ސައޫދީން ނިންމައިފިނަމަ ސައޫދީ ޝާހީ ވެރިކަން ދަމަހައްޓައި ޙިމާޔަތް ކުރުމަށް އެމެރިކާ ވެފައިވާ ޖާމިނުވުމުން އެމެރިކާ އެއްފަރާތްވެދާނެކަމުގެ ބިރު އޮތުމެވެ.

މިގާނޫނުގެ ބޭނުމަކީވެސް ސެޕްޓެމްބަރު 11ގެ ޙަމަލާތަކާ ގުޅުވައިގެން ސައޫދީން ބްލެކް މެއިލްކޮށް ސައޫދީންގެ އަތުން ގިނައަދަދެއްގެ ފައިސާތަކެއް ހޯދުންކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް