ރިލަޔަންސްގެ ފޯނު ނެޓްވޯކުން ހިލޭ ޚިދުމަތް ދޭތީ އެއާޓެލް ކޯޓަށް

ޖިއޯގެ އިވެންޓެއްގައި އެކުންފުނީގެ ފައުންޑަރ މުކޭޝް އަމްބާނީ --

އިންޑިއާގެ ރިލަޔަންސް ކުންފުނިން އުފެއްދި ނެޓްވޯކް އޮޕަރޭޓަރު "ރިލަޔަންސް ޖިއޯ"އިން އެ ނެޓްވޯކުގެ ކަސްޓަމަރުންނަށް ހިލޭ ޚިދުމަތްތަކެއް ފޯރުކޮށްދޭތީ، އިންޑިއާގެ އެހެން ނެޓްވޯކު އޮޕަރޭޓަރެއް ކަމުގައިވާ އެއާޓެލްއިން އެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.

ޖިއޯއަކީ މިދިޔަ އަހަރު އިންޑިއާގައި ޚިދުމަތް ދޭންފެށި ނެޓްވޯކެކެވެ. ޖިއޯއިން އިންޓްރޮޑަކްޓަރީ އޮފާއެއްގެ ގޮތުގައި 2017 ސެޕްޓެމްބަރުގައި، ޖިއޯގެ 4ޖީ ނެޓްވޯކުގައި ކޮންމެ ކަސްޓަމަރަކަށް ހަތަރު ޖީބީގެ ހިލޭ ޑޭޓާ، 100 އެސްއެމްއެސް އަދި ހިލޭ ލޯކަލް ކޯލް ކުރުމުގެ ފުރުސަތު ދިނެވެ. ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް އެ އޮފާ ކުރިޔަށް ގެންދިޔއެވެ.

މިއާ އެކު ޖިއޯގެ ވާދަވެރިންވެސް އެ ފަރާތްތަކުގެ އަމިއްލަ އޮފާތައް ފަށައި، ވަރަށް ބޮޑެތި ޑިސްކައުންޓްތަކުގައި ޚިދުމަތް ދޭން ފެށިއެވެ.

އެއަށް ފަހު، ޖިއޯއިން ވަނީ "ސަމަރ ސަޕްރައިޒް"ގެ ނަމުގައިވެސް، ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭ އޮފާއެއް ފަށައިފައެވެ.

އިންޑިއާގެ ޓެލެކޮމް ރެގިއުލޭޓަރީ އޮތޯރިޓީ (ޓްރައި)އިން ރިލަޔަންސް ޖިއޯގެ "ސަމަރ ސަޕްރައިޒް" އޮފާ ހުއްޓާލުމަށް އެންގި ނަމަވެސް، އެ އޮފާ ހުއްޓާލާފައެއް ނުވެއެވެ.

އެހެންކަމުން އިންޑިއާގެ އެއާޓެލް ނެޓްވޯކު ހިންގާ ބާރަތީ އެއާޓެލް ކުންފުނިން ޖިއޯގެ މައްސަލަ ކޯޓަށް ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް