އަހަރެންގެ ހިތް އަނބުރާދީ

"މާޒް....." ކުއްލިއަކަށް ކޮންމެވެސް އަންހެންކުއްޖެއްގެ އަޑު އިވުނެވެ. ވިޝާމް އެނބުރި ބަލައިލިއިރު ކަކުލާއި ހަމަޔަށް އަރާވަރުގެ ތުނި ހުދުކުލައިގެ ހެދުމެއްގައި ހުރި ބޯ ބުޅި އަންހެންކުއްޖެކެވެ. ބެއަރއަކާއި ބައްދާލައިގެން ހުއްޓަސް ޒުވާން އަންހެންކުއްޖެއްގެ ހުރިހާ ސިފަތަކެއްވެއެވެ.

"ވާރޭ ޕާޓީއެއް ދޯ. އަހަންނަށް ނިދުނީ ވޯކިންޑެޑް ބަލަން އޮތްވާ. އަދި ނިދީގައި ފާޑެއްގެ ޒޯމްބީ އެއް އައިގޮތަށް ފުންމައިގަތީ. އައުޗް. އަދިވެސް ހީވޭ މޭމައްޗަށް ބަރުވެފައި ހުރިހެން. ހުވަފެން ކޮންޓިނިއު ކުރަން ބޭނުންނުވާތީ ގަދަކަމުން ހޭލީ. ސޯ ލެޓްސް ގޯ އެން ހޭވް އެ ކޮފީ ބްރޯ......" އަޒަލް ނިދީގައި ހުރެ ވިޝާމްގެ ގަޔަށް ލެނގިލިއެވެ. ވިޝާމް މަޑުމަޑުން ދުރުކޮށްލުމުން އަޒަލް ހިގައިގަތުމުން އަރި އަޅައިނުލީ ކިރިޔާއެވެ. ވިޝާމްއަށް ހިފެހެއްޓުނެވެ.

"އޫޕްސް.. ވާނުވާގައި އަދިވެސް މިހުރެވެނީ....." އަޒަލް ކަކަ އަޅާފައި ހޭންފެށިއެވެ. ވިޝާމް ހައިރާންވެ އަންތަރީސްވިއެވެ. މިތަން އަނދިރީއެއް ނޫނެވެ. އަޒަލްއަށް އޭނަގެ ދޮންބެ ވަކިކުރަން ނޭގުނީ ކީއްވެހެއްޔެވެ؟ އެކްޓެއްހެންވެސް ހިޔެއްނުވެއެވެ. މިއީ ދޮންބެއެއް ނޫނޭ ބުނަން އުޅެފައިވެސް ވިޝާމްގެ ޚިޔާލުބަދަލުވިއެވެ. ޑޮކްޓަރަކަށްވެފައި ފުދޭވަރަކަށް ގިނައިން މައުލޫމާތު އެއްކުރެވިފައި ހުރުމާއިއެކު ފުރަތަމަވެސް ހިތަށް ގެނެވުނީ "ފޭސް ބްލައިންޑްނެސް" އެވެ. މީހުން ވަކިކުރަން ނޭގެނީ އެމައްސަލަ ހުރުމުންނެވެ. އެކަމަކު އެއީ ދުނިޔޭގައި ވަރަށް ނާދިރުކަމެކެވެ. ސިކުނޑީގައި މީހުން ދެނެގަތުމުގެ ބައި ހަލާކުވެފައިވުމުން އެފަދަ ބަލިމީހުން މީހުން ވަކިކުރާނީ ކޮންމެވެސް ޚާއްސަ ސިފައަކުންނެވެ. އޭނަ މާއިޒްގެ އަތުގައި އޮތް ފަށް އަޅައިގެން ހުރުމުން އަޒަލްއަށް ރޭކާ ނުލީއެވެ. މާއިޒްކަމަށް ހީކުރީއެވެ. ޑޮކްޓަރަކަށް ވީކަމަށްޓަކާ އޭނަ ހަމްދުކުރިއެވެ. އެންމެ ފަހަރަކު ދިމާވާއިރަށް އޭނައަށް އަޒަލްގެ ބަލި ދެނެގަނެވިއްޖެއެވެ.

ވިޝާމް އަޒަލްގެ ފަހަތުން ކަހަލަ ގޮތަކަށް ސިޑިން ފޭބިއިރު އެހެން މީހަކަށް ފެނިދާނެތީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ނަމަވެސް މިހާތަނަށްވެސް ވިޝާމްއަކީ ކެރޭ މީހެކެވެ. އެހެން މީހުންނަށް ފެނިދާނެތީ ދުވަހަކުވެސް އޭނަ ކުރަން އުޅުނުކަމެއް ހުއްޓާލާފައެއްނުވެއެވެ. އެހެންމީހުން އޭނައާއި ދޭތެރޭ ދެކެފާނެ ގޮތަކަށް އޭނަގެ މާ ބޮޑު ފަރުވާލެއްނުހުރެއެވެ. އަޒަލް ދެ މަގަށް ކޮފީ އަޅައިގެން ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. ފިނިގަދަ ކޮޓަރީގައި ކޮފީ ވަސް ހިފާލުމުން އަރާމުވިއެވެ. ވަސްޖެހުމުންވެސް ނިދި ފިލާ ތާޒާވެއްޖެއެވެ.

"ދެން ކޮންއިރަކުންނޯ އާންޓީގެ ޗެނެލް ފަށާނީ؟ އާޒްގެ މޮޑެލުން މޭކަޕްކޮށް ދޭހިތުން ހުރެވެނީއެއްވެސް ނޫން. ކިހިނެއްވެފައި ތީނީ ދޮންބެ؟ އަނެއްކާ ދޮންބެ ކަމުގައި ހެދިގެން ޒޯމްބީއެއް އައީ........" އަނެއް ސުވާލު ކުރިމަތިވުމުންވެސް ވިޝާމް ޚިޔާރުކުރީ ހިމޭންކަމެވެ. އޭނަގެ އަޑުން މާއިޒް ނޫންކަން ދެނެގެންފާނެތީއެވެ.

"ޓޯކް ޓު މީ. މާޒާ..... " އަޒަލް އެންމެފަހުން މާޒްގެ ނަމުން ގޮވާ ހަޅޭއްލަވައިގަތެވެ. އަޒަލް ޒުވާން އަންހެންކުއްޖަކަށްވިޔަސް ޅަގޮތެއް ހުރިކަން ވިޝާމްއަށް ފާހަގަކުރެވުނެވެ. އަޒަލް ރަގަޅަށްވެސް ހާސްވެއްޖެއެވެ. އޭނަގެ ހާލަތު އެނގިގެން ޝައިތާނަކުވެސް އެކަމުގެ ނާޖާއިޒްފައިދާ ނަގަން އުޅެފާނެއެވެ. އަޒަލްގެ ސިކުނޑި ފާޑު ފާޑުގެ ވަހުމްތަކުން ފުރުނެވެ.

"ކާމް ޑައުން. ތިހީކުރެވުނީ ހަމަ ރަގަޅަށް. އަހަންނަކީ މާޒްއެއް ނޫން. ވާރެއާއި ޖެހިގެން މިގޭގައި މަޑުކޮށްލީ. އެކަމަކު ބިރުނުގަނޭ. ގެއްލުމެއްދޭކަށްނޫން މިއައީ. ޒޯމްބީއިން މިގޮތަށް ހެދުން އަޅާފައި އިންސާނުންހެން ވާހަކަދައްކާ އުޅޭ ބަޔެއްކަމެއް ނުދަންނަން. ޔޫ އޯކޭ؟ ކޮންމެވެސް ކަމެއް ނުވާނަމަ މިހާ އަލިތަނެއްގައި އަހަންނާއި މާޒް ވަކިކުރަން ނޭގިއެއް ނުހުންނާނެ. އަދި ރިކޮގްނައިޒް ތިކުރީވެސް އެކަނި މި ފަށަށް ބަލައިގެން ހެން ހީވާން ފަށައިފި.." ވިޝާމްގެ އަޑުއިވުމުން އެއީ މާއިޒްނޫންކަން ޔަގީންވެ އަޒަލްގެ ގައިން ފިނި ހީބިހިތަކެއް ނެގިއެވެ.

"އަހަންނަށް ހީވެއްޖެ މައްސަލައެއްހެން އުޅޭހެން. ހެޑް އިންޖަރީއެއް ވީ ދޯ. ނޯމަލް އިންސާނުންނެއް ތިގޮތަށް މީހަކުވަކިކުރަން ނޭގިގެނެއް ނޫޅޭނެ. އެވެސް މިހާ އަލިކޮށް އޮތްވާ........." ވިޝާމްގެ ސުވާލުތަކާއިއެކު އަޒަލް ކަންބޮޑުވެފާ ފާޑަކަށް ހުރީ އޭނައަށް މާއިޒްއާއި ވިޝާމް އޮޅުވާލެވުމުން ލަދުގަތްވަރުންނެވެ. ވިޝާމްއަށް އޭނައަށް ޖެހިފައިވާ މައްސަލަ އެހާ ފަސޭހައިން ދެނެގަނެވުނީމައެވެ. ވިސްނުންތޫނުކަމުގެ އިންތިހާއެވެ. ވިޝާމްގެ ހަށިގަނޑުން އޭނައަށް ދެނެގަނެވޭނެ އެއްވެސް ސިފައެއް ހުރިތޯ ބަލައިލިއިރު އަތުގައި ހުރި ލަކުނެއް ފެނުނެވެ. އެހާ ފަނޑު އަލިކަމުގެ ތެރެއިންވެސް އަޅައިގަތީ އެތަންކޮޅުގައެވެ. ކުޑައިރު ލިބިފައިހުރި އަނިޔާއެއްބާވައެވެ.

"ބެލްކަނިން ވެއްޓިފައި ހޭނެތުނުހެން ހީވޭ. ހޭއެރިފަހުން އެއްވެސް މީހަކު ވަކިކުރާކަށް ނޭގޭ.........." އަޒަލް ފަސްޖެހިފައިވެސް ހަގީގަތް ހާމަކުރިއެވެ. ވިޝާމް ދުންއަރައަރާހުރި ކޮފީތަށި ތުނބުގައި ޖައްސާލައިފިއެވެ.

"ޔަޕް. އައި ލޮސްޓް މައިސެލްފް....." އަޒަލްގެ ދެއަތްތިލަ ކޮފީމަގުގައި ވަށައިލާފައިވާއިރު އެ ކުއްޖާފެންނަނީ ހަގީގަތުގައިވެސް ގެއްލިފައިވާ އަންހެންކުއްޖެއް ފަދައިންނެވެ. މޭޒުމަތީގައި ހުރި އުއްބައްތި ޗާންދަލިޔާއަށް ނަޒަރު ހުއްޓާލައިގެން އިންއިރު ބުޅި އިސްތަށިގަނޑު ހާވާލެވިފައިއޮތެވެ.

"ފެމިލީ އެކަކަށްވެސް ނޭގެނީތަ؟ ތިކަހަލަ ކޭސްއެއް އެނގޭނަމަ މާޒް ސިއްރުކުރާނެހެން ހިޔެއްނުވޭ...." ވިޝާމް އަޒަލްގެ މޫނަށް ބަލަން އިނީ ވިސްނުންތެރިކަމާއި އެކުގައެވެ.

"ކޮންކަހަލަ ކޭސްއެއް؟ "އަޒަލް އެސްފިޔަތައް ތަޅުވައިލިއެވެ.

"ފޭސްބްލައިންޑްނެސް......." ވިޝާމްގެ ޖަވާބުން އަޒަލް ސިހޭގޮތްވިއެވެ.

"އެއީ ކޯންޗެއްތަ؟ " އަޒަލް އޮޅުން ފިލުވަން ބޭނުންވިއެވެ.

"ބޮލަށްލިބޭ އަނިޔާއަކުންވެސް ސިކުނޑީގެ ބަޔަކަށް ގެއްލުމެއް ލިބި މީހުން ވަކިކުރަން ނޭގޭނެ. އަހަންނަށް ޔަގީންވެއްޖެ އެފަދަ ކަމެއް އެބައުޅޭކަން. މާޒް ވަކިކުރާ ގޮތަކީ އަތުގައި އޮތް ފަށުންކަން އަހަންނަށް ވިސްނިއްޖެ........" ވިޝާމް ޔަގީންކަމާއިއެކު ބުނެލުމުން ދެން އެ ސިއްރު ފޮރުވަން އުޅުމަކީ ބޭކާރުކަމެއްކަން ދެނެގަނެވުނެވެ. ވިޝާމްއަށް ހަގީގަތް ކިޔާދީފައި މާއިޒްކައިރީ ނުބުނަން ވައުދުކުރުވާނެއެވެ.

"އެއްވެސް މީހަކަށް ނޭގޭނެ. ބައްޕައަށްވެސް ދޮންބެއަށްވެސް އެކަމެއްނޭގޭނެ. ޔޫ އާ ރައިޓް، އެއްވެސް މީހެއްގެ މޫނަށް ބަލާފައެއް ރިކޮގްނައިސްއެއް ނުކުރެވޭ، މިބައްޔަށް އެއްވެސް ފަރުވާއެއް އޮވޭތަ؟ ވަރަށް ބިރުގަނޭ. މިރޭ ޕާޓީއަށްވެސް ނުދިޔައީ އެކަން ފަޅާއަރާފާނެތީ. އެއްވެސް ފްރެންޑެއްވެސް ވަކިކުރާކަށް ނޭގޭނެ. އައިމް ކޮންފިއުޒްޑް. ފެމިލީވެސް ބީރައްޓެހިންނަށްވީ. އޮންލީ ޔޫ ކޭމް ޓު ނޯ އަހަރެންގެ މައްސަލައެއް ހުރިކަން. ސޮރީ މާޒްކަމަށް ހީކުރެވުނީތީ. އަހަރެން މަސައްކަތްމިކުރަނީ ވަރަށް މަޖާކޮށް އުޅެން. މިކަހަލަ ކޮންޑިޝަންއެއް ހުރިކަން އަމިއްލައަށް އެނގޭއިރުވެސް އެކަން ސިއްރުކޮށްލައިގެން ދިރިމިއުޅެނީ. މިރޭ މެހެދައްތަގެ ޓީވީ ޗެނެލް ހުޅުވުމުގެ ރަސްމިއްޔާތަށް ނުދެވުނީވެސް އެހެންމީހުންނަށް އެކަން ވިސްނިދާނެތީ. ކަމެއްކޮށްދީފާނަންތަ. ޕްލީޒް. ދޮންބެކައިރީ ނުބުނައްޗޭ. އެންމެން ވަރަށް ހާސްވާނެ. އެހެންމީހެއްގެ ކައިރީ ކިޔައިފިއްޔާ އައިލް ކިލް ޔޫ..... ..." އަޒަލް އެންމެ ފަހު ޖުމްލަ ބުނެލީ ހީގަންނަމުންނެވެ. އުދަގޫ ހާލަތެއް މެދުވެރިވެފައިވާ ކުއްޖެކަސް ހިތްވަރުގަދަވެފައި ލާނެތްގޮތެއް އެބަހުއްޓެވެ.

"ކަމަށް އެކަށީގެންވާ މީހެއްގެ ކައިރީ ކޮންފެސް ތިކުރެވުނީ...." ވިޝާމް ހީލިއެވެ.

"އެއީ ކީއްވެ؟ " އަޒަލް ލޯ ކުޑަކޮށްލިއެވެ.

"އަހަންނަކީވެސް ޑޮކްޓަރެއް. އަހަންނަށް ހެލްޕްވެވިދާނެ....." ވިޝާމް ވިސްނާލުމަށްފަހު ތަންކޮޅެއް މަޑުން ބުނެލިއެވެ.

"ކިހިނެއްތަ؟ " އަޒަލް ސުވާލުކުރިއެވެ.

"މެރީ މީ...." ވިޝާމް ޖެހިލުމެއްނެތި އެގޮތަށް ޕްރޮޕޯސަލްކުރުމުން އަޒަލްއަށް އަތްއަޅައިލެވުނީ އަނގަމަތީގައެވެ. އަލަށް ފެނުނު ބީރައްޓެއްސަކު އެގޮތަށް ކައިވެންޏަށް އެހުމުން އަޒަލްއަށް ވިސްނައިގަންނަންވީ އެއްޗެއް ނޭގުނުތާގައި ޝޮކެއްލިބުނެވެ. މުޅި ހަށިގަނޑަށް ފިނިވެ ސިކުނޑިއަށްވެސް އޭގެ އަސަރުކުރިއެވެ. މިއީ ކޮންކަހަލަ ފިރިހެނެއްހެއްޔެވެ؟ ދޮންބެގެ އެކުވެރިޔަކު މިގެއަށް ވިއްސާރަ ރެއެއްގައި އައިގޮތަށް ހަމަ ކުއްލިއަކަށް އިންނަން އެހީއެވެ. ލަދެއްވެސް ނުގަނެއެވެ. އެހާ ހަމަޖެހިލާފައެވެ. އަމިއްލަ ނަފުސަށް އެހާ އިތުބާރުކުރާ ފޮނި އިންސާނަކު އަޒަލް މިވީހާ ތަނަށް ދެކެފައެއްނުވެއެވެ.

"ތިހިރީ ޝޮކެއްގައިކަން އަހަންނަށް އެނގޭ، ކުއްލިއަކަށް ނުދަންނަ މީހަކު ފެނިލާފައި އިންނަން އެހުމަކީ ދެން މާ ހަމަޖެހޭ މީހުންގެ ގޮތެއްވެސް ނޫންކަން ނޭގޭ. އެކަމަކު ކިހާ އެހެންކަހަލަ ސިޗުއޭޝަނެއްގައި ތިހިރީ. ކިހާ ހެލްޕްލެސް، އޭޒް އެ ޑޮކްޓަރ އަހަންނަށް ހެލްޕްވެވޭނެ. އަދި ހަޒްބެންޑަށް ވެވިއްޖެއްޔާ އެއަށްވުރެ ބޮޑަށް ކެއަރ ކުރެވޭނެ. އޭރުން އާއިލާ އެހެންމީހުންނަށް އެކަން ނާންގާވެސް ހުރެވިދާނެ. ސީރިޔަސްކޮށް އަހަރެން ބޭނުން ތިކޭސް ހެންޑްލް ކުރަން؟ ފޭސްބްލައިންޑްނެސްއަށް ފަރުވާއެއް ނެތޭ އަދި އިންޓަރނެޓްގައި އިނަސް އެހެނެއްނޫން އެކަން އިންނަނީ. ގިވް މީ އެ ޗާންސް........އެންޑް ނަންވެސް އަދި ނޭގޭ....." ވިޝާމްގެ ހިތް އޭރު ތެޅެމުންދިޔައީ އާދަޔާ ޚިލާފަށެވެ.

"އަޒަލް. ކްލޯޒް މީހުން ކިޔާ އުޅެނީ ޒެލް..........." އަޒަލް އެއްލޯ މަރައިލިއެވެ.

"ވިޝާމް...." ވިޝާމްވެސް ހީލިއެވެ.

"މިހެން ބުނާއިރުވެސް ތިއުމުރުގެ އަންހެންކުއްޖަކު ލޯބިވެރިޔަކު ނެތި ހުހަށް ހުންނާނެ ބާވައޭ ހިތަށް އަރާ.........." ވިޝާމް އިނީ އަޒަލްގެ ޖަވާބަކަށް ކެތްމަދުވެފައެވެ.

"ލޯބިވެރިޔަކު ހުރިކަމާއިމެދު އެކަނި ސުވާލު އުފެއްދުމެއްނޫންކަން ނޭގޭ މީގެ މައްސަލައަކީ. އެހާ ފަސޭހައިން ހަމަ ފެންނައިރަށް މެރީ މީއޭ ބުނެލިޔަސް އަދި ބައްޕަ އެކަމަށް ހުއްދައެއް ނުދެއްވާނެ. އައިމް ޖަސްޓް އެއިޓީން........" އަޒަލް އޭރުވެސް ހުރީ ކަންފަތަށް އިވެމުންދާ އަޑުތައް ގަބޫލުކުރަން ދަތިވެފައެވެ. މީހަކާއި އިންނާކަށް އޭނަ ފަހަރެއްގައިވެސް ޚިޔާލުކޮށްފައެއްނުވެއެވެ. އޭނަގެ ހުވަފެންތަކާއި ކުރާ އުއްމީދުތައް ކިތަންމެހާވެސް ގިނައެވެ. ނަމަވެސް އިހަށް ދުވަހު ހިގި ހަދިސާ އޭނަ ނުކުޅެދޭ ބަލިމީހަކަށް ހަދައިފިއެވެ. މީހުންނާއި ގުޅިގެން އުޅުމަކީ ކިހާ އުދަގޫކަމެއްކަން އޭނަގެ ޅަ ސިކުނޑިއަށްވަނީ ނަގައިގަނެވިއެވެ. އަމިއްލަ ނަފުސާއި އާއިލާ ވަކިކުރަން ނޭގޭމީހަކަށް ދުނިޔޭގައިއުޅުން ފަސޭހައެއް ނުވާނެއެވެ. ބެލްކަނިން ފުންމާލައިގެން މަރުވާންވެސް ހިތަށް އަރާފަހަރު އާދެއެވެ.

"އަޒަލް. ޔޫ ރިއަލީ ނީޑް ސަމްވަން. ބައިވެރިޔަކު ކައިރީގައި އެހީތެރިވާން ހުންނަން ބޭނުންވާނެ. އޯކޭ އަހަރެންވެސް ގަބޫލުކުރަން މި ނުވާނެކަން ލަވް މެރިޖަކަށް. ލޯތްބަކުން ނޫން މި ކައިވެނިކުރަން އުޅެނީ. އަޒަލްއަށްވެސް ފަސޭހައެއްނުވާނެ ދޯ. ކުއްލިއަކަށް ހަމަ ނުދަންނަ ބީރައްޓެހިމީހަކު ޕްރޮޕޯސްކުރާއިރަށް ވިސްނާނުލާ އާއެކޭ ނުބުނެވޭނެ. އަހަންނަކީ ކާކުކަން ދަސްކުރަން ބޭނުންވާނެ. އަހަރެން މިހާރު ހަމަ ވަރަށް ބޭނުންވެއްޖެ އަޒަލް ރަގަޅުވާދުވަހެއް ދެކެން. ތި ކޮންޑިޝަންގެ ސަބަބުން މީހާ ޑިޕްރެޝަންއަށް ވެއްޓި އަތުން ފައިން ގޯހެއްވެސް ހެދިދާނެ. އެކަމަށްޓަކާ ޕާސަނަލް ޑޮކްޓަރެއް މިވަގުތުން ވަގުތަށް ބޭނުން.........." ވިޝާމް އަޒަލްއަށް ވިސްނާދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

"ހެހެ. ޓްރަސްޓް މީ. ބައްޕަ ގަބޫލެއްނުވާނެ........." އަޒަލް ތަކުރާރުކޮށް ބުނެލިއެވެ.

"އައިޑިއާއެއް ދީފާނަން..." ވިޝާމް ދެއްކި ވާހަކަތައް އަޒަލް ކަނުލާ އަހަން ހުރިއިރު މިކުރެވެން އުޅެނީ ރަގަޅުކަމެއްބާވައޭ ހިތަށް އެރިއެވެ. ދޮންބެގެ އެކުވެރިއަކަށްވިޔަސް ވިޝާމްއަށް އިތުބާރުކުރަން ވާނެހެއްޔެވެ؟ ނަމަވެސް ވިޝާމްގެ ވާހަކަތަކުން އަޒަލްގެ ހިތް ރަގަޅަށްވެސް އަތުލައިފިއެވެ. އިތުބާރުކުރެވޭ ރަގަޅުމީހަކަށްވެއްޖެއެވެ. ދޮންބެގެ އެކުވެރިއަކު އެހާ ގޯހެއްވެސް ނުވާނެއެވެ.

އިރުކޮޅެއް ނުވަނީސް ބޭރުގައި އަޑުގަދަވިއެވެ. އެންމެން ޕާޓީ ނިންމާލާފައި އައީކަން ޔަގީންވެ ވިޝާމް އަޒަލްއަށް "ބާއި" ކިޔާފައި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. އެމޮޔަ އަންހެންކުއްޖާގެ ސިކުނޑިއާއި ކުޅެގެން ކަމަކަށް އެއްބަސްކުރުވުން އެއީ ވިޔާނުދާ ކަމެއްކަން ޔަގީންވިއެވެ. ނަމަވެސް ބައެއްފަހަރު ކަމެއް ހާސިލުކުރަން މާވަރަކަށް ބޭނުންވެއްޖެއްޔާ ހެޔޮ މަގުން ކައްސާލަފާނެއެވެ. އޭނަ މިގޮތަށް އަޒަލްއަށް އޮޅުވާލުމަކީ ރަގަޅުކަމެއްބާވައެވެ. އަންހެންކުއްޖަކަށް ކެއްސެއްދޭން ވާނެބާވައޭ އަމިއްލަ ހިތާއި ސުވާލުކުރެވުނެވެ. އޭނަ އަންހެނުންނަށް އިތުބާރެއްނުކުރެއެވެ. އެމީހުންނަށް ކުރެވުނު އިތުބާރު ވަނީ ފެނަށް ވެފައެވެ. އޭނަ މަންމައޭ ކިޔައިގެން އުޅުނު އަންހެނާގެ ހުރި ނުބައިކަމުންވެސް ދޮންމަންމައެކޭ ތަފާތެއްނެތެވެ. އޭނައާއި ދޭތެރޭގައި އެ އަންހެނާ ކަންތައް ކުރީ އަމިއްލަ ދަރިއަކާއިމެދު ކަންތައް ކުރާފަދަ ގޮތަކަށް ނޫނެވެ. މަންމައެއްގެ ނަމަށް ހުތުރު އެރުވި މީހެކެވެ. މަންމައާއި ފިރިހެންދަރިއާއި ދޭތެރޭ އޮންނަ މަތިވެރި މާތް ގުޅުން ކިލަބުކޮށްލި ފަރާތެކެވެ. ޅައިރުވެސް އެމަންމަގެ އަމަލު ހުރިގޮތުން އޭނަގެ ހިތުގައި އުފެދުނު ފޫހިކަން މިއަދާއި ހަމަޔަށްވެސް ހިތުގެ ފުންމިނުގައި ހަރުލާފައިވެއެވެ. ވިޝާމްގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަމާއި އަލިކަން ބޭރުގައިވާ ތޫފާނެކޭ އެއްފަދަވިއެވެ.

ނަސީބަކުން ފަތިހު ތެދުވެގެން ވިޝާމްއަށް މީހަކަށް ނުފެނި އެގެއިން ނުކުތުމުގައި ކާމިޔާބުވިއެވެ. ރޭ އެހާ ތޫފާނީކޮށް އޮވެފައި ހެދުނުވީއިރު ވިއްސާރަ މައިތިރިވެ ދުނިޔެމަތިއޮތީ ހިމޭންވެފައެވެ. ނަމަވެސް އިރުގެ އަލިކަން ބިމާއި ހަމަޔަށް ފޯރިޔަނުދިނުމުގައި އަޅިވިލާތައް ކާމިޔާބުހޯދާފައިވެއެވެ. ރޯޒްމެހެލްގެ ގޯތިތެރޭގައި ހުރި ގަސްތަކުން ވެރިފައިވާ ފަތްތައް ކުދި ކުދި ފެންގަނޑުތެރޭގައި ދެމެމުންދާއިރު ފަތްތަކުގައި ވިދަވިދާހުރީ ޝަބްނަމްގެ ތިކިތަކެވެ. ދޮވެވިފައިވާ ގަސްތަކުގެ ސަބަބުން އިތުރު ރީތިކަމެއް ގެނެސްދީފައިވެއެވެ. މެހެރީނާ އަށް ވިޝާމް އެގެއިން ނުކުތްތަން ފެނުމުން ގޮސް ދޮރުވާނުންނާއި ސުވާލުކުރުމުން އެނގުނީ މާއިޒްއާއިއެކު އައި ފިރިހެނެއްކަމެވެ. ހަގީގަތް އެނގިހުރުމާއިއެކުވެސް ސަލްވާގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވަން މެހެރީނާ ނިންމިއެވެ.

ސަލްވާ ފަތިސްނަމާދުކުރަން މުސައްލަމަތީގައި އިނީ ޚުޝޫއަތްތެރިކަމާއި އެކުގައެވެ. ހެއްދެވިފަރާތަށް ކުރިމަތިލައިގެން އަޅުކަމުގައި އިންއިރު އެހެން ހުރިހާކަމެއް އޭނަ ހަދާންނައްތައިލިއެވެ. ނަމާދުކޮށްލުމަށްފަހު ޒިކުރު ތަސްބީހަ ކިޔާ ކުރުސި ކިޔެވުމުން އަނެއް ނަމާދާއި ހަމަޔަށް ޝައިތާނާގެ ކިބައިން ސަލާމަތްވާނެއެވެ. އެމީހަކު ހުންނާނީ ހެއްދެވިފަރާތުގެ ރައްކާތެރިކަންމަތީގައެވެ. އެހެން އިހުސާސްކުރެވުމުން ހިތަށް ފިނިކަމެއްލިބުނެވެ. އިރުއަރަންދެން އޭނައިނީ ޒިކުރުކުރުމުގަޔާއި ދުޢާކުރުމުގައި މަޝްޣޫލުވެގެންނެވެ. އެހެންމީހުން ހޭލުމުގެ ކުރިން ބަދިގެފަރާތަށްގޮސް ކޮފީއަކާއި ސެންޑްވިޗެއް ތައްޔާރުކޮށްލުމަށްފަހު ގޮނޑިއެއްގައި ޖައްސައިލިތަނާހެން މެހެރީނާ ވަނެވެ. އޭނަހުރީ ނިދަން ލާ ހަރުވާޅަކާއެކު ކުރު ޓީޝާޓެއްލައިގެންނެވެ.

"ކޮބާ ކަލެއާއިއެކު އުޅުނު ފިރިހެނާ؟ އެއީ ކާކުތަ؟ ދޮންބެ ނެތީމާ ލޯބިވެރިން ކޮޓަރިއާއި ހަމަޔަށް ވައްދަންފެށީތަ؟ " މެހެރީނާ މަލާމާތިގެ ރާގަކަށް ބުނެލިއެވެ.

"ދެންމެ ކޮޓަރިން ނުކުމެގެން މިއައީ. ފިރިހެނަކު ނުދެކެން......." ސަލްވާ ހައިރާންވިއެވެ.

"އަހަރެން ދެކުނީމޭ. ކޮންމެހެން އޮޅުވާލަން އުޅޭނެކަމެއްނެތް. ކަޅުހެދުން ލައިގެން ތިބޭ މީހުންނަކީ ހަމަ ތިގޮތަށް ޝޯ އޮފްކުރާ ބަޔެއްދޯ. މާ މާތް ރަގަޅު ބަޔެއްގެ ގޮތުގައި ޕޯޓްރޭ ކުރަން؟ އެކަމަކު އަޑިއަޑިން ވިލެން ބައި ކުޅެނީ. ދީނީ ކަމަށްހެދިގެން ފަރުދާގެ ނިވަލުގައި ތިބެގެން މީހުންގެ ދިރިއުޅުން ހަލާކުކުރުމާއި ފިރިހެނުން ހޯދުން ނޫންކަމެއް ނުކުރެވޭ. ހެދުމުގެ ދަށަށް ފިރިހެނެއް ލައިގެން އުޅުނަސް މީހަކަށް ނުވެސް އެނގޭނެ. އެހާވެސް ހެދުން ބޮޑު. އައްޗީޑި. މާ މައުސޫމްކަމަށް ހެދިގެން ހުރިއިރު ހަމަ ނާސިއެއް. ދޮންބެއަށް ކަލޭ ތިގަންނަ ގަނޑު ކިޔައިދޭނަން. ކަލޭގެ އަސްލު ސޫރަފެނުމުން ދަމާ ކޫއްތާފައި ގެއިން ނެރޭތަން ބަލަން އަހަރެން ހުންނާނަން. ރޭ ޕާޓީއަށް ނުގޮސް ކޮޓަރި ތަޅުލައިގެން އޮތީ އެހެންވެ. ގޭގައި އެހެންމީހަކު ނޫޅޭކަން އެނގި އެވަގުތުގެ ބޭނުން ހިފާ މީހަކު ވެއްދީ. އެ ފިރިހެނާ ތިކޮޓަރިން ނުކުމެގެން ދިޔަތަން ފެނުނީ އަހަރެންގެ ދެލޮލުން. އޭގެފަހުން ކަލޭމެން ދެމީހުން ކޮފީބޮއި މިތާތިބެ މަޖާނަގާފައެއްނު އެދިޔައީ. މާ އިނޮސެންޓްހެދިގެން ދެލޯ ބޮޑުކޮށްލައިގެން ބަލަން އިނަސް ހަގީގަތެއް ނުފޮރުވޭނެ. ކަލޭ މިގެއަށް ވަދެފާ ތީނީ ރަގަޅު ނިޔަތެއްގައި ނޫންކަން ތިމާގެ ފެންވަރާއި އަޅާކިޔަސް އެނގޭނެ ދޯ..............." މެހެރީނާގެ ޖުމްލަތައް މިފަހަރުވެސް ދުންޏަށްވެގެން ހިތަށް ހެރުނެވެ. ސަލްވާ ހިމޭނުން އިންނަން އުޅެފައިވެސް އެކަމަށް ޟަމީރުތަނެއްނުދިނެވެ. އެފަދަ އިލްޒާމުތައް އަޅުވައިގެން އޭނަގެ ހިތަށް ކެތެއްނުވާނެއެވެ.

"ސުބުހާނަﷲ. ތިގޮތަށް ކުށްހީކުރުމަކީ ފާފައެއް. ހައިކަލްއަށް ފަހަރެއްގައިވެސް ބޭވަފާތެރިއެއްނުވާނަން. މެރީކުރިފަހުން އެއްވެސް މީހަކާއި ބައްދަލެއްނުކުރަން. ވާހަކައެއްނުދައްކަން. ކޮފީއެއްވެސް ނުބޮން. އަދި ކޮޓަރިއާއި ހަމަޔަށް އެއްވެސް މީހަކު ވައްދަން ހިތަށް އަރުވާފައެއްވެސް ނުވާނެ. ތިކަހަލަ ބޮޑު އިލްޒާމް ބޮލުގައި އަޅުވާކަށް ނުވާނެ. ހެއްދެވިފަރާތަށް ބިރުގަންނަނަމަ އެއްވެސް މީހަކު ދޮގެއް ނަހަދާނެ. އިރާދަކުރެއްވިއްޔާ ހައިކަލްއަށް ހަގީގަތް އެނގޭނެ........" ކުއްލިއަކަށް ސަލްވާ ވީ ފޫއްސެއްގެ ބޮޑުކަމުން ކޮފީމަގު ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. މެހެރީނާއަކީ ހައިކަލްގެ ކޮއްކޮއަށް ވުމުން އޭނަގެ އިހުތިރާމްކުރެއެވެ. ގަދަރުވެސް ކުރެއެވެ. އެގުޅުން ކިލަބުކޮށްލާކަށްވެސް ބޭނުމެއްނޫނެވެ.

ސަލްވާގެ އެ ޖެހިލުންކުޑަކަން ފެނި މެހެރީނާ ހައިރާންވެ އާގަމަވިއެވެ. ބަސްހުއްޓުނެވެ. ސަލްވާ ހާދަ އަވަހަށް ފިޔަފަޅައިގެން އުދުހެންފަށައިފިއެވެ. އޭނަގެ މޫނުމަތީގައި ޒުވާބުވެސްކުރަން އެ ނިކަމެތި އަންހެނާ ފެށީއެވެ. އެއްވެސް ހައިސިއްޔަތެއްނެތް ގެންގުޅޭ އަންހެނެއްފަދަ މީހަކު އޭނަކަހަލަ ގަދަރުވެރިއަކާއި އެގޮތަށް ޖަދަލުކުރަން ޖެހޭނެހެއްޔެވެ؟ ކުޅިދައްކާލަންޖެހޭނެއެވެ. މިގެއިން އެ ސަލްވާ ނެރެނުލައިފިއްޔާ އޭނަގެ ނަމަކަށް މެހެރީނާ އަބުދުލްއަޒީޒުއެކޭ ނުކިޔާނެއެވެ.

ހައިކަލްގެ ދައްތަމެންނާއި ދަރިން އެރަށުގައި ތިބީ ހަފްތާއެއްހާ ދުވަހުއެވެ. އެދުވަސްކޮޅު ސަލްވާ އުޅުނީ އެމީހުންނަށް ފިލައިގެން ކަހަލަގޮތަކަށް ކޮޓަރީގައެވެ. އެކުދިންނަށް ސަލްވާ ފެނުނަސް މަލާމާތުގެ ފާޑަކަށް ބަލާފައި ސިއްރުން ވާހަކަތަކެއް ދައްކާކަން ސަލްވާ ދަނެއެވެ. އެޒުވާނުންނެކޭ ޔޫރަޕްކުދިންނެކޭ ތަފާތެއްނުހުރެއެވެ. އަންހެންކުދިންވެސް އިސްތަށިގަނޑު ޑައިކޮށްލާފައި ކުރު ސޯޓް އަދި ޓައިޓްފަދަ ގަޔަށް ބާރު ހެދުންތަކުގައި ތިބިއިރު ދީނީކަންފުޅެއްވެސް ނަހައްދަވައެވެ. ނަމާދުގަޑީގައިވެސް ކުޅިވަރު ކުޅޭ ކޮޓަރީގައި މަޖާކުރުމުގައެވެ. ސަލްވާ އެގޮތަށް ނިވާވެގެން ހުރުމުން އެކުދިން ކުރީ މަލާމާތެވެ. އެމީހުންދެކޭގޮތުގައި ސަލްވާއަކީ ހައްދުފަހަނަޅާފައިވާ އަންހެނެކެވެ. އެފަދަ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ފައްޅިތަކުގައި އުޅޭ ނަން އިންނެކޭ ހުރީ ކޮން ތަފާތެއްހެއްޔެވެ؟ އެގޮތަށް އުޅެގެން ހަގީގީ އުފަލެއް ނުލިބޭނެކަމުގައި އެކުދިން ހީކުރިއެވެ. ދުނިޔޭގައި އުޅެންވާނީ އުފަލާއި މަޖަލުގައެވެ. އެކުދިންގެ މައިންބަފައިންވެސް އެނޫންގޮތަކަށް ވިސްނައިދޭކަށް މަސައްކަތެއްވެސް ނުކުރެއެވެ. ފެޝަން ޝޯއަކަށް އަރަން ތައްޔާރުވެފައިވާ ކުދިން ފަދައިން ކުލަކުލައިގެ ރީތިހެދުންތަކުގައި ޕާޓީކުރުމާއި ސަކަރާތްޖެހުމުގައި ދުވަސްތައް ދުއްވައިލައެވެ. މިއުޒިކްގެ އަޑުގަދަކަމުން ގޭތެރޭގައި ރޭގަނޑުވެސް އެ އަޑު ގުގުމާފައިވާހެން ހީވެއެވެ. އަޒަލްއާއި އާޒީންވެސް އެކުދިންނާއި ބައިވެރިވެގެން ސަލްވާއަށް ޖެއްސުންކުރުމުގެ ހައްދެއް ނޯވެއެވެ.

ހައިކަލް ރަށަށް ނާދެވެނީސް މެހެރީނާ ގުޅާފައިދިން ޚަބަރަކުން ހައިކަލް އަޖައިބުވާވަރުވިއެވެ. ސަލްވާގެ ކޮޓަރިން ފިރިހެނަކު ނުކުމެގެން ދިޔަތަން ދެލޮލުން ދުށްކަމަށް ބުނުމުން ހިތުގައި ސުވާލު މާކުތަކެއްޖެހުނެވެ. ސަލްވާ އެހާވެސް ނުލަފާ ކުއްޖަކީހެއްޔެވެ؟ ފިރިހެނުންނާއި އެހާ ގުޅުން ހުރި އަންހެންކުއްޖަކު އެގޮތަށް ކަޅުހެދުންލައިގެން ދީނީ ކުއްޖެއްގެ ގޮތުގައި ހުރެދާނެބާވައެވެ. އެންމެރަގަޅެވެ. އެކަމާއި އޭނަގެ ފަރުވާލެއްނެތެވެ. ނަމަވެސް އޭނަގެ ޒިންމާގައި ހުރިއްޔާ ސަލްވާ އެގޮތަށް މީހުން ގެއަށް ގެނެސްގެން ބައްދަލުކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. ލޯބިވެރިއަކަށްވިޔަސް އެ ހުއްދަ ލިބޭނީ ވަކި ހާލަތެއްގައެވެ. ހައިކަލް އައިތާ ދެވަނައަށްވީދުވަހު އޭނަގެ ދައްތަމެންނާއި އާއިލާ ފުރާ ގޭތެރެއަށް ކުރީގެ ހިމޭންކަން ވެރިވިއެވެ. ސަލްވާގެ ހިތުގައި ޝަކުވާ އުފެދުނީ ހައިކަލް އެގޭގައި އުޅޭކަން އެނގި އޭނަގެ ހާލު ބަލައިލަންވެސް ފެނި ނުލުމުންނެވެ.

ސަލްވާ ކޮލެޖުން ނިމިގެން އައިގޮތަށް ރޯޒްމެހެލްގެ ގޭޓުން ވަނުމާއިއެކު ކުޑަކުއްޖަކު ގޮވާލައިފިއެވެ. ހައިރާންކަމާއކއެކު އެކުއްޖާއަށް ނަޒަރު ހުއްޓާލުމުން ސަލްވާގެ އަތަށް ފަށްޖަހާފައި އޮތް ކަރުދާސްކޮޅެއް ދިއްކޮށްލައިފިއެވެ. އެ ނިއުޅާލީ ކުޑަކޮށް އެތެރެއަށް ޖެހިލާފައެވެ. އިގިރޭސިން ލިޔެފައިވާ ލިޔުންކޮޅުން އެއީ ކާކުކަން ސަލްވާއަށް އެނގުނެވެ.

"ލޫލޫ ލަވް. އަހަންނަށް ވަރަށް އުދަގޫވޭ އެހެން މީހަކާއިއެކު ރޭތައް ހޭދަކޮށްލާތީ. މީހަކަށް އަނެކަކު ދެކެ ޖެލަސްވެވޭނީ މިހާވަރަށް. ވަރަށް އަވަހަށް ތިކަން ހުއްޓުވާނަން. އަދި އަހަރެންގެ މީހަކަށް ހަދާނަން. އެދުވަސްއޮތީ މާ ދުރުގައެއްނޫން. ވަރަށް ކައިރީގައި. މިހާރު ފުރަތަމަ ސްޓެޕްނަގަން މިއުޅެނީ. ޔޫ އާ މައިން. އޮންލީ މައިން. ތިގޮތަށް އަހަރެންގެ ހިތް ހަލާކުނުކުރޭ ބޭބީ.."

އެ ނޯޓްކޮޅު ކިޔާލާފައި ދެލޯބޮޑުކޮށްލާފައި ފަހަތަށް ބަލައިލެވުނުއިރު ނަސީބަކުން އެހެންމީހަކު ފެންނާކަށްނެތެވެ. އޭނަ މުށްކެވި އަތުތެރޭގައި އެނޯޓްކޮޅު ބޮނޑިކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައިގޮސް ފެންޑާއާއި އަރާހަމަވެފައި ދެވަނަފަހަރަށްވެސް އެ ނޯޓްކޮޅު ނިއުޅުވާލައިގެން ކިޔެވެ. އެއާއިއެކު ފޯނަށް މެސެޖެއް އައިހެން ހީވެފައި ބަލައިލެވުނުއިރު އަނެއް މެސެޖް އައިސްފާ އިނެވެ.

"އަބަދުވެސް ހިޔަންޏަށްވެގެން އަހަރެންގެ ބޭބީގާލްއާއި އެންމެ ކައިރީގައިވާނަން. އަބަދުވެސް އެންމެ ކައިރީގައި. މިހާރުވެސް ބަލައިފިއްޔާ އަހަރެން ފެންނާނެ........."

ސަލްވާއަށް ނޭގުނު ކަމަކީ އޭނަގެ ހަރަކާތްތައް ދެކެން ހައިކަލް ހައިރާންވެފައި އިންކަމެވެ. ކާރުގެ ހުންގާނުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލެވުނެވެ. ސަލްވާ ވަކި ދިމާލަކަށް ބަލައިލިގޮތުން އޭނަ ހުރީ ކަމަކާއި ހާސްވެފައިކަން އެނގުނެވެ. ޔަގީނެވެ. ސަލްވާގެ ހަރަކާތްހުރިގޮތުން ދެނެގަންނަންވީ އެއްޗެއް ނޭގުނަސް ހައިކަލްއަށް އޭނަގެ ކޮއްކޮ މެހެރީނާގެ ވާހަކަތައް ގަބޫލުކުރެވުނެވެ. މެހެރީނާވެސް އެހާ ބޮޑު ދޮގެއް ނަހަދާނެ ނޫންހެއްޔެވެ؟ އޭނަ ވެސް އަންހެންކުދިންންގެ އިއްފަތްތެރިކަމާއި މާތްކަމާއިމެދު ވިސްނައެވެ. ހުޅަގުގެ ނުފޫޒާއި އޮއިވަރުގެތެރޭގައި ކުދިން ބޮޑުކުރިނަމަވެސް އަންހެންކުދިންގެ ޚާއްސަކަމާއި އެކުދިން ރަގަޅުގޮތުގައި ބެލެހެއްޓުން މުހިއްމުކަމެއްގެ ގޮތުގައި ދެކުނެވެ. މާއިޒްގެ އެކުވެރިން ގެއަށް ގެންނާކަށްވެސް އޭނަ ހުއްދައެއް ނުދެއެވެ. އެކަނި ތަންތަނަށް ފޮނުވުންވެސް އޭނަ އޮންނަނީ ލިމިޓްކޮށްފައެވެ.

ހައިކަލްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުމުގެ ކުލަވަރު ފެނުނަސް ވަރަށް އަވަހަށް ހަމަޔަކަށް އެޅުނެވެ.

"އަހަންނާއި ކީއް؟ އޭނަ އުޅޭނެގޮތަކަށް އުޅެފާނެއްނު. އަންބެއްގެ ނަމުގައި ހުއްޓަސް އަހަރެންގެ ހައްގެއް ނޫނެއްނު...." ހައިކަލް އަމިއްލަ ނަފުސަށް ވިސްނާދިނެވެ.

ޑިއުޓީގައި ބުރަކޮށް އުޅެލާފައި ހައިކަލް ހަމަޔަކަށް އެޅުނީ ހުކުރުދުވަހުއެވެ. ނިދާފައި ހޭލެވުނީވެސް ތަންކޮޅެއްލަހުންނެވެ. ހެދުނުގެ ނާސްތާކުރުމަށްފަހު މެކްބުކް ހިފައިގެންގޮސް ޖައްސައިލީ ފަހަތު ފެންޑާގައިވާ ސޯފާއެއްގައެވެ. އެހިސާބުގައި ވާ ބޮޑެތި މުށިތަކުގައި ރަތާއި ފިޔާތޮށިކުލައިގެ ފިނިފެންމާ ގަސްބޮނޑިތައް ހެދިފައިވާލެއް ރީތިކަމުން އާޝޯޚުވާނެއެވެ. އެކަނި މާތަކުން ފުރިފައިވާއިރު ފަތްތައް އެހާ މަދެވެ. އަޒަލް އޭނަގެ އަތުގައި އޮތް ބާސްކެޓް ބޯޅަ ދާގަނޑަށް އެއްލަން މަސައްކަތްކޮށްކޮށް ހުރިއިރު މޫނުމަތިން ދާތިކިތައްވިދާތަން ފެނެއެވެ. އެންމެފަހުން ކާމިޔާބުކޮށް ދެތިންފަހަރު ބޯޅަ ދާނގަނޑުތެރެއަށް އޮއްސާލެވުމުން ހިތްހަމަޖެހިފައިހުރެ އޭނަ ގެއަށް ވަންނާން އައެވެ.

"ހައި ބައްޕާ..." އަޒަލް ހިނިތުންވެލިއެވެ.

"ޒެލް ކޮންކަމަކާއި އެކަނި ހުރެވެސް ތި ހެނީ؟ ކޮންމެވެސްކަމަކާއި އެކްސައިޓްވެފައި ހުރިކަން ޔަގީނުންވެސް އެނގޭ. ބައްޕައާއި ޝެއާ ނުކުރާނަންތަ؟ " ހައިކަލް ވަރަށް ގާތްކޮށް އަޒަލްއާއި ވާހަކަދެއްކިއެވެ. މިފަހަކަށް އައިސް އަޒަލްގެ މިޒާޖު ބަދަލުވެ މާޔޫސްކަމެއްގެ ތެރޭގައި ބަދެވިފައި ހުއްޓާ ދައްތަމެން ރަށަށް އައުމުން އަޒަލްގެ ކުރީގެ ލާނެތްކަމާއި އުފާވެރިކަން މޫނުމަތިން ފެންނާންފެށިއެވެ. ދަރިން އުފަލުގައި ތިބޭތަން ފެނުމަކީ ހައިކަލްގެ އުފަލެވެ. އެކުދިންގެ އުފަލަށްޓަކާ އޭނަ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ.

"ބައްޕާ. އަޅުގަނޑު ޝެއާކޮށްފިއްޔާ ބައްޕަ އެކަމަށް ހުއްދަ ދެއްވާނަންތަ. އެއީ އެހާ ކުޑަ ކަމެއްނޫން. ދުވަހަކުވެސް އަދި އެކަހަލަ ކަމަކަށް އެދިފައެއްނުވާނެ. ވަރަށް ކޮންފިއުޒްވެފައި މިހިރީ އެކަމަކު.........." އަޒަލް ކޮންމެވެސް ވަރެއްގެ ހާސްކަމުގެ ތެރޭގައި ހުރެފައި އެހެން ބުނެލިއިރު އޭނަގެ ހަތަރެސްފައި ފިނިވެއްޖެއެވެ. ހިތްވެސް ދެގުން އަވަސްވެލައިފިއެވެ. އެވަގުތު އެހެންމީހެއްގެ ފިޔަވަޅުގެ އަޑު އިވުނުހެން ހީވެފާ އަޒަލް ބަލައިލިއެވެ. އަދި އެވާހަކަ ކުރިއަށް ގެންދަންވީހެއްޔޭ އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ.

(ނުނިމޭ)

comment ކޮމެންޓް