ސެޓާންގެ ހަނދެއްގައި ދިރުން ހުރެދާނެ ކަމުގެ ވަރުގަދަ ނިޝާންތަކެއް ފެނިއްޖެ

ސެޓާންގެ ހަނދު "އެކްސެލަޑަސް"

ދިރުންތަކެއް ހުރެދާނޭކަމަށް ބާރުލިބިދޭ ހުރިހާ ސިފައެއް ހުރި ކަމަށް ބެލެވޭ ތަނެއް، އިރަވީ ނިޒާމުން ހޯދައިފިއެވެ.

ނާސާއިން އިއުލާނުކޮށްފައިވާ ގޮތުން، މި ސިފަތައް ފާހަގަކުރެވިފައިވަނީ އިރަވީ ނިޒާމުގައި ހިމެނޭ ހަވަނަ ގުރަހަ، ސެޓާންގެ ވަށައިގެން ދައުރުކުރާ، ސެޓާންގެ ހަނދަކުންނެވެ.

ސެޓާންގެ ހަނދު އެންސެލަޑަސްއިން މިފަދަ ސިފަތަކެއް ފާހަގަވީ ނާސާގެ ސްޕޭސްކްރާފްޓް "ކެސިނީ"އިންނެވެ. ކެސިނީ ސްޕޭސްކްރާފްޓް އެންސެލަޑަސް ހަނދު ކައިރިން ދަތުރުކޮށްފައި ދިޔަ އިރު، އެތަނުގެެ ބިމުން ނުކުތް އާވި ފަދަ އެއްޗެއް ކެސިނީ ސްޕޭސްކްރާފްޓަށް ވަނީ ފާހަގަވެފައެވެ.

ކެސިނީއިން ވަނީ މި އާވީގެ މައުލޫމާތު ދުނިޔެއަށް ފޮނުވައިފައެވެ. އޭގެ ތަހުލީލުކޮށްގެން ބެލި އިރު ނާސާއަށް ފާހަގަވީ އޭގައި މޮލެކިއުލާ ހައިޑްރޮޖެން ހުރި ކަމަށެވެ. ރީސާޗަރުން ބުނާ ގޮތުގައި މޮލެކިއުލާ ހައިޑްރޮޖެން ނުވަތަ އެޗް2 އުފެދި، ނުކުމެފައިވަނީ އެންސެލަޑަސް ހަނދުގެ ބޭރު ފަށަލައިގެ ދަށުގައި ހުރި ހޫނު ގާތަކަކާއި ފެނާާ ޖެހި، އުފެދުނު ހައިޑްރޮތާމަލް ރިއެކްޝަންތަކެއްގެ ސަބަބުންނެވެ. މީގެ އިތުރުން އެ އާވީގެ ތެރެއިން ކާބަންޑައިއޮކްސައިޑުވެސް ފެނިފައިވެއެވެ.

އެންސެލަޑަސްއަކީ ދިރުންތަކަށް އެކަށޭނަ ތަނެއްގެ ގޮތުގައި ސައިންސްވެރިން މީގެ ކުރިންވެސް ބަލަމުން އައި ތަނެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ގުރަހައެއްގައި ދިރުން ހުރުމަށް ބޭނުންވަނީ ފެނާއި، އޯގެނިކް މޮލެކިއުލްސް އަދި ހަކަތައިގެ ވަސީލަތެކެވެ. އެންސެލެޑަސްއިން ފެން ފަދަ ދިޔާ އެއްޗަކާއި އޯގެނިކް މޮލެކިއުލްސް މީގެ ކުރިންވެސް ފާހަގަވި އިރު، މިހާރު ހޯދިފައިވާ އާ ހޯދުންތަކުން ދައްކާ ގޮތުގައި، މި ތިން އުންސުރުވެސް އެންސެލަޑަސްގައި އެބަ ހުއްޓެވެ.

"ހޫނު އަދި ތެތް މާހައުލެއް އެކަންޏެއް ނޫން. މިހާރު ދިރުންތަކަށް ކާނާވެސް ހުރިކަން އެނގިއްޖެ،" ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާގެ އެސްޓްރޯބަޔޮލޮޖީ ރީސާޗަރ ލުއިސް ދާޓްނެލް ވިދާޅުވިއެވެ.

"މޮލެކިއުލާ ހައިޑްރޮޖެންއަކީ ހަކަތައިގެ ސީދާ އަސަރު ދައްކައިދޭ ކަމެއް. މިއީ ދިރުންތަކަށް ސަޕޯޓުކުރުމުގެ ގާބިލިއްޔަތު ހުރި ތަނެއް،" ޔުނިވާސިޓީ އޮފް ސައުތެމްޕްޓަންގެ ސައިންސްވެރިއަކުވެސް ބުންޏެވެ.

comment ކޮމެންޓް